ޑިމޮކްރަސީ އަކީ ހަމައެކަނި ވޯޓުލުމުގެ ހައްގު ލިބިފައި އޮތުމެއް ނޫނެވެ. ޑިމޮކްރަސީ ދެމި އޮންނާނީ، ޑިމޮކްރެޓިކް ހަރަކާތްތަކުގައި ބައިވެރިވުމާއި ބަސް އިއްވުމާއި ދެކޭ ގޮތް ހާމަ ކުރުން މުހިއްމު ކަމަށް އަދި އެއީ ފަރުދީ ވާޖިބެއް ކަމަށް ގަބޫލުކުރެވޭ މިންވަރެއްގެ މައްޗަށެވެ.
އިއްޔެ އައްޑޫގައި ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގީ އެ ސިޓީގެ އިދާރީ ހިންގުމުގެ ނިޒާމު ރޫޅާލައި ފޭދޫ، ހުޅުދޫ، އަދި މީދޫގައި ރަށު ކައުންސިލް އުފައްދުމާމެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށެވެ.
އެ ވޯޓު ނަގަން ރައީސް މުހައްމަދު މުއިއްޒު ނިންނެވީ، ތިން ރަށުގެ "ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައި ވާތީ" ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ވަކިވެކި ކައުންސިލް އުފައްދަން "ގިނަ އަދަދެއްގެ" ރައްޔިތުން ހުށަހެޅި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ވޯޓަކަށް ރައްޔިތުންގެ ތަރުހީބެއް ނެތެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދެ ބައިކުޅަ އެއްބައަށް ވުރެ ގިނަ މީހުން ވޯޓުލީ ހަމައެކަނި ފޭދޫގަ އެވެ. އެ ރަށުގެ 55.94 ޕަސެންޓު މީހުން ވޯޓުލިއިރު، ނަތީޖާ ނުކުތީ ރައީސް އޮފީހުން އެ ބުނި ގޮތާ ދިމާ އިދިކޮޅަށެވެ. ފޭދޫގެ ގިނަ ބަޔަކު ވޯޓު ދިނީ ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑުގެ ތެރޭގައި އެ ރަށް ބޭއްވުމަށެވެ.
ސިޓީ ކައުންސިލްގެ ދަށުން ފޭދޫ ވަކިކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވީ، އެ ރަށަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިހްސާން އާއި އޭނާގެ ބައްޕަ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. ދެ ބަފައިން ކުރެއްވި މަސައްކަތުން ހޯދުނީ އެންމެ 25.2 ޕަސެންޓު ވޯޓެވެ. އެއީ 616 ވޯޓެވެ. ސިޓީ ކައުންސިލުން ވަކި ނުވުމަށް 1784 މީހުން ވޯޓު ދިނެވެ.
މީދޫގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2447 މީހުންގެ ތެރެއިން 1008 މީހުން ވޯޓުލި އެވެ. އެއީ 42.95 ޕަސެންޓު މީހުންނެވެ. ހުޅުދޫގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 2874 މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ 1069 މީހުންނެވެ. އެއީ 37.20 ޕަސެންޓެވެ.
ވޯޓުގެ ނަތީޖާ ސައްހަ ވާނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަގުލަބިއްޔަތު ވޯޓުގައި ބައިވެރިވެގެން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން، މަދު ބައެއްގެ ވޯޓާއެކު ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް އުފައްދަން ފެންނަ ކަމަށް އެ ވަނީ ނިމިފަ އެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި އޮތީ "މި ގާނޫނުގެ ދަށުން ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެކަމަށް ބަލާނީ، އެ އިންތިހާބުގައި ވޯޓު ދިން މީހުންގެ ތެރެއިން ސައްހަ ވޯޓުގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓު އެ ނިންމުމަކަށް ލިބިފައިވާނަމަ އެވެ."
ގާނޫނުގައި އޮތް ގޮތުން ހުޅުދޫ އަދި މީދޫ ވޯޓު ސައްހަ ވިޔަސް، 50 ޕަސެންޓަށް ވުރެ މަދުން ވޯޓު ލައިގެން އެ ދެ ރަށް ވަކިކޮށްލުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނާލަންޖެހެ އެވެ.
ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމުގައި ޒަމާނުއްސުރެ ވެސް އެންމެ ބޮޑު ގުރުބާނެއްވި އައްޑޫގައި ނެގި މި ވޯޓުގައި ގިނަ ރައްޔިތުން ހައްޕު ކިޔައިގެން، ހަރަކާތެއް ނެތި ހިމޭނުން ތިބުމުގެ ނަތީޖާ މި ދެއްކީ އެއްބަޔަކަށް ހިތިކޮށެވެ. އައްޑޫ ބައިބައި އެ ކޮށްލަނީ ގިނަ ބަޔަކު އެގޮތް ބޭނުން ވެގެނެއް ނޫނެވެ.
ޑިމޮކްރަސީ ކާމިޔާބުކުރުމުގެ ނިޔަތް އޮތްނަމަ ރައީސް މުހައްމަދު މުއިއްޒު ހުޅުދޫ އަދި މީދޫ ވޯޓާމެދު ސީރިއަސްކޮށް ވިސްނަވަންޖެހެ އެވެ. މަދު ބަޔަކު ބައިވެރިވި ވޯޓެއްގެ ނަތީޖާއަކީ ބާރުވެރި ނަތީޖާއެއް ކަމަށް ގަބޫލުކޮށް، ބައިބައިކޮށްލުމަށް ވުރެ ބޮޑަށް މިކަމަށް ބަހުސްކޮށް ހައްލެއް ހޯދުން މުހިއްމު ކަމަށް ދެކެމެވެ. އަދި އުފެދެން ހުރި މައްސަލަތަކާއި ވޯޓުތަކާމެދު ވެސް ފިކުރު ހިންގުން މުހިއްމެވެ.
ބައެއް ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގާނޫނު އޮވެ އެވެ. އެފަދަ ބައެއް ގައުމުތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ކަނޑައެޅުމުގައި ވޯޓުގައި ބައިވެރިވުން ލާޒިމު ޕަސެންޓެއް އޮވެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުގައި އެފަދަ މިންގަނޑެއް ނެތުމުގެ ނަތީޖާއަކަށް ވާނީ، ގާނޫނުއަސާސީ ބަަދަލުކުރުން ކަމަށް ވިޔަސް، މަދު ބައެއްގެ ރުހުމުން ފާސްވުމެވެ.
އެހެންވެ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތައް ނެގުމުގައި ވެސް އެ ވޯޓެއް ސައްހަވާނެ މިންގަނޑެއް ކަނޑައަޅާފައި އޮތުން މުހިއްމެވެ. ނޫންނަމަ، އައްޑޫގައި މިފަހަރު ނެގި ވޯޓު ފަދައިން، ރިޔާސީ ދައުރު ބަދަލުކުރުން ފަދަ ވޯޓުތަކާއި ރައްޔިތުންގެ ހައްގުތާ ކުޅުމަށް ވެސް މަދު ބައެއްގެ ވޯޓުން ފާސް ކޮށްފާނެ އެވެ.
މިފަދަ ހިޔާލު ހޯދުމަށް ވޯޓު ނަގަން ޖެހެނީ ރަމްޒީ ކަމެއްގެ ގޮތުގައެއް ނޫނެވެ. ވޯޓުތަކާމެދު ރަނގަޅު މަޝްވަރާކުރެވި، ހިޔާލު ފާޅުކުރެވި، ރައްޔިތުންނަށް ވެސް ރަނގަޅަށް ވާނުވާ އެނގެންޖެހެ އެވެ. އެކަމަށް އެކަށީގެންވާ މުއްދަތެއް ވެސް އޮންނަންޖެހެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 50 ޕަސެންޓު އަށް ވުރެ މަދުން ވޯޓުގައި ބައިވެރިވެއްޖެ ނަމަ އެ ވޯޓެއް ބާތިލް ވާނެ ކަމަށް ގާނޫނުގައި ކަނޑައެޅިދާނެ އެވެ. އެފަދަ ވޯޓެއް ދެވަނަ ފަހަރަށް އެހުމަށް ވަކި މުއްދަތެއް ވެސް ލިޔެވިދާނެ އެވެ.
އައްޑުއަކީ އެއް ޒަމާނެއްގައި މަރުކަޒީ ބާރާ ދެކޮޅަށް ތެދުވި މީހުންނެވެ. އެއީ މިފަހުގެ އިސްލާހީ ބަދަލުތަކުގައި ވެސް ޑިމޮކްރެޓިކް ރޫހު އެންމެ ވަރުގަދަ އަތޮޅެވެ. ނަމަވެސް އިއްޔެ ވޯޓުގައި ގިނަ ރައްޔިތުން ބައިވެރި ނުވުމަކީ، ހަމައެކަނި މީދޫ، ފޭދޫގައި ދެ ކައުންސިލް އުފެއްދުމާ ހަމައިން ނިންމާލުމަށް ވުރެ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
މިހާރު ހުރި މައްސަލަތަކަކީ ކޮބައިތޯ ދެނެގަންނަންޖެހެ އެވެ. އެކަމަށް މަޝްވަރާ ކުރުމުގެ ޖާގަ ވެސް ސަރުކާރުން ވެސް ދޭންޖެހެ އެވެ. ސިޔާސީ ވާދަވެރިކަމުގައި، ވެރިކަން ކުރާ ޕާޓީން ބޭނުންވާ ވަގުތީ ފައިދާ އާއި މަންފާ އަށް މުޅި ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ ބަދަލުގައި، ރަނގަޅު ކުރަން ހުރި ކަންކަމާމެދު ފުޅާ ދާއިރާއެއްގައި އެންމެ މަޝްވަރާ މުހިއްމެވެ.
މިކަމުގައި، އިލްމުވެރިންނާއި ފަންނީ މީހުންނާއި ހަރު މީހުން ވެސް ބަސް ބުނަން ވެއްޖެ އެވެ. ވެރިކަން ކުރާ ޕާޓީން މޮޑޭ ފުށްގަނޑެއްގެ ގޮތުގައި ދައުލަތުގެ ނިޒާމުތައް ހަދައިފި ނަމަ، ލިބޭ ގެއްލުން މާބޮޑެވެ.
އައްޑޫ ވޯޓުގެ ނަތީޖާ އާއި ދެން ވާންވީ ގޮތް އައްޑޫ ވޯޓުގެ ނަތީޖާ އާއި ދެން ވާންވީ ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ