ގައުމުގެ ކުރިއެރުމަށް މުހިންމު ތިން ދާއިރާއަކުން ކިޔެވުމަށް ދަ ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލީ ފަންޑެޑް ނުވަތަ ހުރިހާ ހަރަދެއް ލިބޭ ގޮތަށް ދޭ މި ސްކޮލަޝިޕްތައް މި އަހަރު ދެނީ ތިން ދާއިރާއަކުންނެވެ. އެއީ މެޑިކަލް ސްޕެލައިޒޭޝަން، އެއާކްރާފްޓް އިންޖިނޭރިން އަދި ކޮމާޝަލް ކުކަރީ އެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތި ލެވޭނީ ހަމައެކަނި ދިވެހިންނަށެވެ.
މެޑިކަލް ސްޕެލައިޒޭޝަން
މި އަހަރު ނޮޓިލަސް ފައުންޑޭޝަން އިން ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޕީޑްރިއަޓިކް ހެމަޓޮލަޖީގެ ދާއިރާއިން ސްޕެޝަލިސްޓަކަށް ވާން އެދޭ ފަރާތްތަކަށް ކަމަށެވެ. މިއީ ކުޑަކުދިންގެ ލޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުކަމެވެ.
އާބާދީގެ ނިސްބަތުން މި ސަރަހައްދުގައި އެންމެ ގިނައިން ތެލަސީމިއާ ބަލިމީހުން ރާއްޖޭގައި ތިބި ނަމަވެސް މިވަގުތު ރާއްޖޭގައި ޕީޑްރިއަޓިކް ހެމަޓޮލަޖިސްޓެއް ނެތެވެ. މިއީ މި ފުރުސަތު ހުޅުވާލި މައިގަނޑު ސަބަބު ކަމުގައި ނޮޓިލަސް ފައުންޑޭޝަނުން ބުނެފައިވެ އެވެ.
މިކަމުގެ ސަބަބުން ތެލަސީމިއާ އަދި އެހެނިހެން ލޭގެ ބަލިތައް ތަހައްމަލް ކުރަމުންދާ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިއެރުން ލިބޭނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ދެކެ އެވެ. މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 1، 2026، އެވެ.
އެއާކްރާފްޓް އިންޖިނޭރިން
މި އަހަރުގެ ފުރުސަތުގެ ތެރެއިން އެއާކްރާފްޓް އިންޖިނޭރިން ދާއިރާއިން ކިޔެވުމަށް ދޭ ސްކޮލަޝިޕުގެ ދަށުން ހޮވޭ ފަރާތަކުން ކިޔަވާނީ ޔުނިވަސިޓީ އޮފް ކުއަލަ ލަމްޕޫރުގެ މެލޭޝިއާ އިންސްޓިޓިއުޓް އޮފް އޭވިއޭޝަން ޓެކްނޮލޮޖީ އިންނެވެ.
ނޮޓިލަސް އިން ބުނި ގޮތުގައި މި ސްކޮލަޝިޕަށް ހުޅުވާލީ ރާއްޖޭގެ ވައިގެ ދަތުރުތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާކްރާފްޓު މެއިންޓެންސްގައި މަސައްކަތް ކުރާ މީހުންނަށް އެކަށީގެންވާ ތަމްރީނު ފޯރުކޮށްދިނުމުގެ ބޭނުމުގަ އެވެ.
މި ސްކޮލަޝިޕުގެ ދަށުން، މަހުން މަހަށް ދޭ ސްޓައިޕެންޑުތަކާއި، ޓިއުޝަން ފީ، މެޑިކަލް އިންޝުއަރެންސް، ވިސާއަށް ދާ ހަރަދުތަކާއި ދެކޮޅު ޓިކެޓު ހިމެނޭހެން ކިޔެވުމަށާއި މެލޭޝިއާގައި ހުރުމަށް ދާނެ ހަރަދުތައް ލިބޭނެ އެވެ. މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު 1، 2025، އެވެ.
ކޮމާޝަލް ކުކަރީ
މި ސްކޮލަޝިޕުގެ ދަށުން ހޮވޭ ފަރާތަކުން ތަމްރީނު ހާސިލް ކުރާނީ ދަ ކޮލަމްބޯ އެކަޑެމީ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓުގަ އެވެ. ސެޓިފިކެޓް ލެވެލް 3 ގެ މި ކޯސް ހިންގަނީ އެ އެކަޑެމީ އިން އޮސްޓްރޭލިއާގެ ވިލިއަމް އެންގްލިސް އިންސްޓިޓިއުޓް އާއި ގުޅިގެންނެވެ.
މި ސްކޮލަޝިޕުގެ ދަށުން، މަހުން މަހަށް ދޭ ސްޓައިޕެންޑުތަކާއި، ޓިއުޝަން ފީ، މެޑިކަލް އިންޝުއަރެންސް، ވިސާއަށް ދާ ހަރަދުތަކާއި ދެކޮޅު ޓިކެޓު ހިމެނޭހެން ކިޔެވުމަށާއި ލަންކާގައި ހުރުމަށް ދާނެ ހަރަދުތައް ލިބޭނެ އެވެ. މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 1، 2026 އެވެ.
މި ސްކޮލަޝިޕްތަކުގެ ތަފުސީލުތަކާއި ޝަރުތުތައް އަދި ކުރިމަތިލާން ބޭނުންވާ ލިންކު، ނޮޓިލަސް ފައުންޑޭޝަންގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ނޮޓިލަސް ފައުންޑޭޝަނުން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ