ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮތީ އެކި ބޭނުންތަކަށް އާންމުންނަށް ޑޮލަރު ދޫކުރާ މިންވަރު އިތުރު ކުރެވޭ ހާލަތެއްގައި ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ބޭންކުން އާ ހިދުމަތްތަކެއް ތައާރަފު ކުރުމަށް މިއަދު ބާސެލޯ ނަސަންދުރަގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސަރުކާރުގެ އެހީތެރިކަމާ އެކު ބޭންކަށް ދިމާވި ބޭރު ފައިސާ ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ކަމަށެވެ.
ތަފްސީލް - ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރުގެ މުއާމަލާތް ކުރެވޭ މިންވަރު އަންނަ މަހުގެ 11އިން ފެށިގެން ބޮޑުކުރަން ނިންމާފައިވާކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ، ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކަށް ދިމާވެފައިވާ ފޮރިން އެކްސްޗޭންޖު ޝޯޓޭޖު ޕޮޒިޝަން ރަނގަޅު ކުރުމަށް ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަހު ކަމަށެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ އިގްތިސޯދީ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ ދަތިކަން ކަމަށާއި ރާއްޖޭގައި ކްރޮސް ބޯޑާ ޕޭމެންޓު ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެނީ ބީއެމްއެލް އިން ކަމަށެވެ.
ބޭންކުގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ހަވާލާދެއްވާ ޝަރީފް ވިދާޅުވީ 2019 އާއި 2023 އާ ދެމެދު ބީއެމްއެލް އަށް ގަންނަން ލިބުނު އަދަދަށް ވުރެ އިތުރަށް 333 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
"މި ޕްރެޝަރު އެންމެ ބޮޑުވީ 2020 ގެ ފަހުކޮޅު. ބޭންކުގެ ޑޮލަރު އެކްސްޗޭންޖު ޕޮޒިޝަން ގަވައިދުން ހުންނަންޖެހޭ ވަރަށްވުރެ މާ ދަށަށް ގޮސް ޖެހިގެން އައި ހަތަރު އަހަރުތެރޭ އެކަށީގެންވާ ކުރިއެރުމެއް ނުލިބި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަޅުގަނޑު ބޭންކުގެ ހިންގުމާ ހަވާލުވި އިރު ހުރީ %20- އަށް ދަށްވެފައި،" ޝަރީފް ވިދާޅުވި އެވެ.
"މިހާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް. ބޭންކުގެ ކަސްޓަމަރުންގެ ބޭނުންތަކަށާއި ވިޔަފާރިވެރިންގެ ޓީޓީ ތަކަށާއި އެލްސީތަކަށް ބޭނުންތަކަށް ބަލާއިރު މިއީ ދެމި އޮވެވޭނެ ހާލަތެއް ނޫން،"
އެ ހާލަތުން އަރައިގަތުން ކޮންމެހެން މުހިއްމުކަމަކަށްވާތީ އެކަމަށް ހައްލު ހޯދަން ބޭންކުގެ ބޯޑުން އިސްކަމެއް ދީގެން މުހިއްމު މަސައްކަތްތަކެއް ކުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ސަރުކާރުން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް އިސްކަމެއް ދެއްވާ ބޭންކަށް އެހީތެރިވެ ދެއްވި. މިހާރު ބޭންކު މިވަނީ މި ވޭތުވެދިޔަ ފަސް އަހަރު ކުރިން އޮތް ހާލަތުން އަރައިގަނެ އެންއޯޕީ މައިނަހުން ޕޮޒިޓިވް ރޭންޖަށް ގެނެސްފައި،" ޝަރީފް ފާހަގަ ކުރެއްވި އެވެ.
"މިހާރު ބޭންކު މިވަނީ އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ހާލަތެއްގައި."
ޝަރީފް މިއަދު ވިދާޅުވީ ބީއެމްއެލް އަކީ ދިވެހި އިގްތިސޯދާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި
އިގްތިސޯދަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރު ބޭންކަށް ކުރޭ
އަދި އިގްތިސޯދަށް ކުރިއެރުން އަންނައިރު ބޭންކަށް ވެސް އެ ކުރިއެރުން ލިބޭ
2019 އިން 2024 އަށް ރާއްޖޭގެ ޖީޑީޕީ ގްރޯތާއި ބީއެމްއެލްގެ ކުރިއެރުން އަޅާކިޔުމުން އެކަން ފާހަގަވޭ
ރާއްޖޭގެ ޖީޑީޕީގެ %38 ތަމްސީލު ކުރަނީ ބީއެމްއެލްގެ އެސެޓު؛ މިއީ ހަމައެކަނި މާލީ މުވައްސަސާއެއްގެ އިތުރުން ރާއްޖޭގެ އިގްތިސޯދުގެ އަސާސީ ތަނބެއް
ބީއެމްއެލް އޮތީ އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރު ކުރެވޭ ހާލަތެއްގައި: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ