އިދިކޮޅު އެމްޑީޕީން އޮކްޓޯބަރު 3، ގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވައިލި ޝުއައިބު އަލީގެ މައްސަލަ އެންމެފަހުން ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފޭސްބުކްގައި ޝުއައިބު ޖެހި ޕޯސްޓަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
"އެފްބީ ޕޯސްޓަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކުރަންޖެހޭ ކަންކަން ފުލުހުން ދަނީ ކުރަމުން،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ޝުއައިބު އަލީ ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އަމުރަށް ނުކިޔަމަންތެރިވެއްޖެ ނަމަ ބަޑި ވެސް ޖަހަންވީ ކަމަށެވެ.
"މުޒާހަރާގެ ބައިވެރިން، ހުއްދަ ދިން ގޮތާ ހިލާފު ވާނަމަ، ތަޅައި ތިރިކޮށްލަންވީ. ބަޑިވެސް ޖަހަންވީ،" ޝުއައިބު ބުނެފައިވެ އެވެ.
އޭގެފަހުން އޭނާ ވަނީ ހަސަން ކުރުސީގެ ނަމުގައި އެކްސްގައި ހިންގަމުންދާ އެކައުންޓުގެ ވެރިއަކީ ކާކުކަން އެނގޭ ދުވަހު އެ މީހެއްގެ ބޯ ކަނޑާލާނެ ކަމަށް ބުނެ ވެސް އިންޒާރު ދީފަ އެވެ. އޭނާއަކީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދު ކުރާ މީހެއްކަން އޭނާގެ ޕޯސްޓުތަކުން އެނގެ އެވެ.
"ކުރުސީއަކީ ކާކުކަން އެނގި ކަށަވަރުވާ ދުވަހަކުން، ކުރުސީގެ ބޯ، ކަނދުރާއިން ވަކި ކުރާނަން. ފޭކު އައިޑީ ހިންގާ މީހަކަށް، މަރުގެ އިންޒާރު ދިނީމަ، އަޅާ ފިޔަވަޅެއް އެނގިދާނެތާއެވެ. ނިކަން މަށަށް ފިޔަވަޅެއް އަޅާބަލަ،" ޝުއައިބު ލިޔެފައިވެ އެވެ.
މަރުގެ އިންޒާރު ދިނުމަށްފަހު ޝުއައިބު ވަނީ އޭނާއަށް ގާނޫނީ ފިޔަވަޅު ނޭޅޭނެކަމަށް ބުނެ ގޮން ޖަހާފަ އެވެ. އެގޮތުން ފޭކު އެކައުންޓު ހިންގަނީ ކާކުކަން ނޭނގޭ ހިނދަކު، އެ އެކައުންޓަކަށް މަރުގެ އިންޒާރު ދިނަސް ފިޔަވަޅު ނޭޅޭނެ ކަމަށް ޝުއައިބު ލިޔެފައިވެ އެވެ.
ފުލުހުން ބަލަމުން ދަނީ އޭގެތެރެއިން ކޮން މައްސަލައެއް ކަމެއް ނޭނގެ އެވެ.
ފާޑުކިޔުން އިންތިހާއަށް އަމާޒުވުމުން ޝުއައިބުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި ފާޑުކިޔުން އިންތިހާއަށް އަމާޒުވުމުން ޝުއައިބުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ