ޢަމަލުތައް އިޞްލާޙްކުރީމާ ފުރައްސާރަކުރިވަރަކަށް އެމީހަކަށް ކުރާނީ ފައިދާ! ދާނީ ޘަވާބު އިތުރުވަމުން!

ބައެއް މީހުންނަށް ފާފަކުރެވުމުން ނުވަތަ މީސްތަކުންގެ ކުރިމަތީގައި ލަދުވެތިވާންޖެހޭ ފަދަ ކަމެއް ކުރެވުމުން ހިތްވަރުކޮށްލާފައި ތެދުވެ ކުރިއަށްދާން ފަސްޖެހެއެވެ. ބިރުގަނެއެވެ. ލަދުގަނެއެވެ. އެއީ އެކަން އޮވެގެންވާނެ ގޮތެއް ނޫނެވެ. 
އަހުރެމެން މުސްލިމުން ބަލަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ކުރަން އޮތީ 2 ކަމެކެވެ. ފުރަތަމަ ކަމަކީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމެވެ. މީހަކަށް ދެރައެއް ދެވިއްޖެނަމަ ބަދަލުދޭންޖެހޭ ކަންކަމުގައި ބަދަލުދީ އެމީހާގެ ކިބައިން މަޢާފަށް އެދުމެވެ. އެއަށްފަހު ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. 
މުސްލިމުންނަކީ އެއްވެސް ހާލަތެއްގައި ދެރަވެ ކަރުއެލުވާލަންޖެހޭނެ ބައެއް ނޫނެވެ! ޘާބިތުކަމާއިއެކު ކުރިއަށްދާންޖެހޭނެ ބައެކެވެ. ޤުރްއާނާއި ޙަދީޘްފުޅުތައް ރަނގަޅަށް ބަލާށެވެ! ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން ނުފުއްސަވާނެ ފާފައެއް އޮތްތޯ ބަލައިބަލާށެވެ! ނުއޮންނާނެއެވެ! އެންމެ ބޮޑު ފާފަކަމުގައިވާ ﷲ ތަޢާލާއަށް ޝަރީކުކޮށްފައިވެސް ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާނެކަން އެއީ ޔަޤީން ކަމެކެވެ.  
ކިތަންމެ ބޮޑުފާފައެއް، ކިތަންމެ ގިނައިން ކުރެވުނަސް ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާކަން އެއީ މީސްތަކުންނަށް ލައްވަވާފައިވާ އެންމެ ބޮޑު ރަޙްމަތެވެ. އެހެނީ އަހުރެމެންނަށް ސުވަރުގެ ލިބުން އޮތީ ފާފަ ފުއްސަވައިދެއްވެވުމުން ކަމުގައިވާތީއެވެ. އަދި މިކަމުން އެނގިގެންދަނީ ސުވަރުގެ ވަންނަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެކަމެވެ. ކުރަން އޮތް ކަމަކީ ތައުބާވެ ހެޔޮ ޢަމަލުކުރުން ކަމެވެ.  
ވީމާ މާޒީގައި ކުރެވިފައިވާ އެއްވެސް ޢަމަލަކާއި ގުޅިގެން ކުރިއަށްދާން ފަސްނުޖެހޭށެވެ! މިބަޔާންކުރި މަގުން ކުރިއަށްދާށެވެ. މީހަކު ނުވަތަ ބައަކު ކޮށްފާނެ ފުރައްސާރައަކަށް ނުވެސް ވިސްނާށެވެ! އެކަން ވެގެންދާނީ ތިބާއަށް ލައްވަވާ ރަޙްމަތެއް ކަމުގައި ވުމަށް އުންމީދުކުރާށެވެ!  
ލަދުގަންނަންވީވެސް އަދި ބިރުގަންނަންވީވެސް ތައުބާނުވެ ހުރުމަށެވެ. ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމުން އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ރަހްމަތުގައެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ