މަސްވެރިންގެ އިހުތިޖާޖަށް ހުރަސް އަޅައި މަސްވެރިންތަކެއް ހައްޔަރުކުރީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދިވެހި މަސްވެރިންގެ އިސްނެގުމުގެ މަތިން މާލެ ސަރަހައްދުގެ ކަނޑުމަތީގައި ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ރޫޅާލާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި މަސްވެރިންތަކެއް ހައްޔަރު ކުރި ކުރުން ކުށްވެރިކުރާ ކަމަށެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކަށްވާ އިރު، ދިވެހި މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖަށް ހުރަސް އަޅައި، އިހުތިޖާޖުގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށާއި އެހެން ކަމުން މަސްވެރިން ކުރަމުން ދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
އެމްޑީޕީން ބުނީ މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި މި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރު މައުރޫފު ޒާކިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށެވެ.
އަދި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަމުން ނުދާތީއާއި ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ދެކޮޅަށް ސުލްހަވެރިކަމާއެކު މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން މެދުވެރިކޮށް ހުރަސް އަޅައި ބާރުގެ ބޭނުންކޮށްގެން އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރުކޮށް އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް އޮޑި ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބިރު ދައްކާ މިސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަސްވެރިން ހައްޔަރުކުރީ ފާޑުކިޔުންތަކުގެ އަޑުކަނޑުވާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ