އަމިއްލަ ކުންފުނިތައް ބަނގުރޫޓުވަމުން ދާއިރު، އާރުޑީސީން ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް: އަމްރު އަމިއްލަ ކުންފުނިތައް ބަނގުރޫޓުވަމުން ދާއިރު، އާރުޑީސީން ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް: އަމްރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ފަރާތްތަކާ ހަވާލުކުރާ މަސައްކަތްތަކަށް ފައިސާ ނުދެވުމުން، އެއީ ފައިސާ ނެތިގެން ވާކަމެއް ކަމަށް ބުނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، އެއީ ހަގީގަތުގައި ކުންފުނީގެ ހިންގުން ދޯހަޅިވުން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމިއްލަ ކުންފުންޏަކަށް ހަތް މިލިއަން ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތު ގޯސް ކަމުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފައިވާ ހަބަރާ ގުޅިގެން އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އަމިއްލަ ފަރާތްތަކަށް ފައިސާ ނުދެވުމަކީ ކޭޝްފްލޯގެ މައްސަލައެއް ކަމަށް ކުންފުނިތަކުން ބުނި ނަމަވެސް، އެއީ ހިންގުމުގެ މައްސަލައެއް ކަމަށެވެ. އަމިއްލަ ފަރާތްތަކާ މަސައްކަތް ހަވާލުކުރަންވާނީ ކުންފުނިން ފާސްކޮށްފައިވާ ބަޖެޓާއި ލިބިފައިވާ ވަސީލަތްތަކުގެ އިންތަކުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިކަންކަމަށް ނުބަލާ ޕްރޮޖެކްޓްތައް ހިންގަން ފެށުމުން، އެކަމުގެ ތަކްލީފް އުފުލަންޖެހެނީ ކޮންޓްރެކްޓަރުންނާ ސަޕްލަޔަރުން. ފައިސާ ދެއްކެން ނެތުމަކީ ކޯޓުގައި ވެސް ބަލައިގަންނަ އުޒުރެއް ނޫން. އެއިން ދައްކައިދެނީ މަސައްކަތަށް އެއްބަސްވެ ހަވާލުކުރީ އެކަމަށް ހަރަދުކުރާނެ ފައިސާ ނެތިކަން،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކޭޝްފްލޯގެ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހި، ބައެއް ކުންފުނިތައް ބަނގުރޫޓުވަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާކެޓުގައި ވާދަވެރިކަން ކުޑަވެ، މަދު ބަޔަކު ބޮޑު އަގުގައި މަސައްކަތްތައް ނަގަން މަގުފަހިވެގެންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"މިއީ މަސައްކަތާ ނުބައްދަލު ބޮޑެތި އަގުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތްކުރުވާ އެއް ސަބަބު،" އަމްރު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް މިހާރުން މިހާރަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ވިދާޅުވެ އަމްރު ވަނީ، ސަރުކާރު ކުންފުނިތަކުން އާންމު ވިޔަފާރިތަކާ ވާދަކުރުން ހުއްޓާލައި، އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ