ގާސިމް މި ހިނދަށް ރެލެވެންޓް ކަމަކަށް އަމިއްލަފުޅަށް ގަބޫލު ނުކުރައްވާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މި ހިނދަށް ސިޔާސީ މައިދާނަށް މާ ރެލެވެންޓް މީހެއް ކަމަށް އަމިއްލަ ފުޅަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާމެދު ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނިކުތް ގޮތުން "މާ ބޮޑުވެގެން އުޅެން ބޭނުން ނުވާ" ކަމަށެވެ. "މިހިނދަށް އަޅުގަނޑު މީ މާ ރެލެވަންޓް މީހެއް ކަމަކަށް ވެސް ނުދެކެން. އެއީ އަޅުގަނޑަށް އުމަރު ނަސީރަށް ވުރެ މަދުން ވޯޓު ލިބިގެން އައީމާ މާ ރެލެވެންޓް މީހެއް ކަމަށް ހެދިގެން މާ ބޮޑުވެގެން ވެސް އުޅޭކަށް ބޭނުމެއް ނޫން،" ގާސިމް ވިދާޅުވިއެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5،460 ވޯޓެވެ. އޭނާ ވިދާޅުވީ މިފަހަރު ވޯޓު މަދުވާން ޖެހުނު ސަބަބަކީ ކުރީ ސަރުކާރުތަކުން ކުރި ވިޔާނުދާ ކަންކަމުގެ ބަދުނާމު ޖުމްހޫރީ ޕާޓީގައި ވެސް އެޅުމުން ކަމަށެވެ. "އަޅުގަނޑުމެން ތާއީދުކޮށްގެން ސަރުކާރެއް ގެންނަނީ ދައުލަތަށް ޚިޔާނާތްތެރި ވަނީ އަބަދުވެސް، އަނެއްކޮޅުން ގާނޫނާ ގަވާއިދުތަކާ ޚިލާފަށް ކަންތައްތައް ކުރަމުންދާ މަންޒަރު ފެންނަނީ. އޭގެ ބްލޭމް އަޅުގަނޑުމެންނަށް އެބަ އާދޭ" އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގައި ހުރި ކަންކަން ވެސް ވަރަށް މަދު ކަމެއް ނޫނީ ފުދިފައި ނުވާކަމަށެވެ. "ކީއްކުރަންތޯ މަގޭ އިއްޒަތުއްނަފްސު ނަގާލަން މިކަހަލަ ވިޔާނުދާ ސަރުކާރު ގެންނަން، ކޮރަޕްޝަނާ ރައްޔިތުންނަށް ޚިޔާނަތްތެރިވާ މީހުން ވެރިކަމަށް ގެނެސްގެން މަ މަސައްކަތް ކުރުމުގެ ބޭނުމަކީ؟" އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވަކި ކޮޅަކަށް ނުޖެހެން ނިންމި ކަމުގައި ވިޔަސް، ގައުމުގެ އިސްލާހަށް ކުރާ މަސައްކަތުގައި "ފުރާނަ ދަންދެން" ދެމި ހުންނަވާނެ ކަމަށެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގައި ޖުމްހޫރީ ޕާޓީވެސް "ވީވަރަކުން" ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ