އެންމެ ޚިދުމަތްތެރީ ގާސިމް، ވެރިކަމަށް އަދި މާ ރަނގަޅުވާނެ: އަމީން
އަމިއްލަ ހައިސިއްޔަތުން ވަކިވަކި ފަރުދުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ވާ ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އެ ޕާޓީގެ ރަނިން މޭޓަކަށް ހަމަޖެއްސި ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. މިއަދު އެ ޕާޓީގެ ރަނިންމޭޓެއް ކަނޑައެޅުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އަމީން ވަނީ ގާސިމަށް ވަރަށް ތައުރީފުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި އޭނާ ސަރުކާރުގެ އެކި ދާއިރާތަކުގައި ކުރި ތަޖުރިބާތަކުގެ އަލީގައި ގާސިމަށް ވެރިކަން ދޭން ޖެހޭ ސަބަބުތައް ކިޔައިދެއްވާފައެވެ. އެގޮތުން ކުޅިވަރު މެނޭޖް ކުރުމަގައާއި، އެންޑީއޭގައި އޭނާ ކުރެއްވި ބައެއް ތަޖުރިބާތައް ހިއްސާކުރެއްވިއެވެ. އަމީން ވިދާޅުވީ މިއީ އޭނާގެ ބޮލުގައި އެޅުނު ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެން ވެސް ތިބީ ވަރަށް ބޮޑަށް ބަދަލަކަށް ބޭނުންވެފައި ކަމަށާއި، އެ ބަދަލު ގެނެވޭނީ ގާސިމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަމީން ވިދާޅުވީ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ވަކިވަކި ފަރުދުންނަށް ގާސިމް ވަރުގެ އެހީތެރިކަމެއް ފޯރުކޮށްދިން އިތުރު މީހަކު ނުހުންނާނެކަމަށެވެ. "އެއިން އަންގައިދެނީ ރައްޔިތުންނަށް މުހުތާދެއް ދިމާވެއްޖެ ކަމަށް ވަންނާ އެންމެ ކައިރީގައި އަބަދުވެސް އެމީހެއްގެ ސިކުނޑީގައި އެމީހެއްގެ ހިތުގައި ހުންނަނީ އޮނަރަބަލް ޤާސިމް އިބްރާހީމޭ" އަމީން ވިދާޅުވިއެވެ. "އެހެންވީމަ ސަރުކާރެއް ހިންގަން ލިބިވަޑައިގެންފިއްޔާ އެކަންތައްތައް އަދި މާ ރަނގަޅަށް ކުރައްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އޮންނާތީ، އަޅުގަނޑު އޮނަރަބަލް ގާސިމް އިބްރާހީމްގެ ފަހަތްޕުޅުގައި މި ފުރުސަތުގެ ބޭނުން މި ހިފީ" އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވިއެވެ. ގާސިމްގެ ރަނިންމޭޓަކަށް އަމީން ހަމަޖެއްސެވި އިރު އޭނާގެ ކެންޑިޑެސީ ފޯމް އިލެކްޝަނަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަމީން ވަނީ ދާދި ފަހުން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ. އޭނާގެ ޚިދުމަތްތައް އެންމެ ބޮޑަށް ފާހަގަކުރެވެނީ ތައުލީމީ ދާއިރާގައެވެ. އޭގެ އިތުރުން، ދައުލަތުގެ މުހިއްމު އެތައް މަގާމުތަކެއް އޭނާ ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ