މަލޭގެ ގެއެއްގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި، ބައިވެރިވުމެއް އޮވެދާނެކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ކްރިމިނަލް ކޯޓުން ދީފި އެވެ.
މިދިޔަ މަހުގެ 18 ގައި ހ. ފެންޓެނޯއީގެއިން އެ އިމާރާތާއި ޖެހިގެން ހުރި، ހ. މިޓާޒްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުތައް ފަށައި ރައުދު ހައްޔަރު ކުރީ މިދިޔަ އޭޕްރިލް މަހުގެ 24 ގައެވެ.
އެންމެ ފަހުން ރައުދުގެ ބަންދަށް 5 ދުވަސް ޖެހުމަށް ފަހު މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ހާޒިރު ކުރުމުން، 20 ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ. އަދި މިއީ ރައުދުގެ ބަންދުގެ މުއްދަތު ޖެހި ހަތަރު ފަހަރެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭކަމަށް ފުލުހުން ކުރިން ބުނި ނަމަވެސް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވާގޮތުގައި، އެރޭ ދެ މީހުންގެ ދެމެދު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ޔުމްނު ވެއްޓުމުގައި ރައުދުގެ ހިއްސާއެއް ވެދާނެކަމަށް ތުހުމަތުކޮށްފައިވާއިރު، މައްސަލައިގެ އައިއޯއާއި ހަވާލާދީ ކޯޓު އަމުރުގައި ވަނީ ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވެ ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭކަމަށާއި ”ވެއްޓުނީކަމަށް ބެލެވޭކަމަށް“ ބުނެފަ އެވެ.
ރައުދު ހައްޔަރު ކުރީ އޭނާއަކީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު ހުރި މީހާކަމަށްވުމާއި އެކު، އޭނާއާއި ސުވާލު ނުކުރާތީ އިހުތިޖާޖު ވެސް ކުރަމުން ދަނިކޮށެވެ. އަދި މަސްތުވާތަކެއްޗެއް ވެސް ޕޮޒިޓިވެފައި ވާތީ އެ މައްސަލަ ކުރިޔަށް ގެންދޭތޯ ސުވާލު އުފެއްދި އެވެ.
މަސްތުގެ ހާލަތުގައި ތިބެ ރައުދުއާއި، ޔުމްނު އެރޭ ވަދެފައިވާ ފެންޓެނޯއީއަކީ ދެ މީހުންނާއި ވެސް ގުޅުމެއް ނެތް ގެއެއްކަމަށް ފުލުހުން ބުނެ އެވެ. އެރޭ ދެ މީހުން އެ ގޭގެ ބައެއް ފްލޯތަކުގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުލުހުން އާންމު ކުރި ނަމަވެސް އިތުރު ބައެއް އެގޭގައި އުޅުނުކަމަށް ވާހަކަ ދެކެވުނެވެ.
މީގެ ދެ ރޭ ކުރިން އާއިލާއިން އާންމު ކުރި ޕްރެސް ވީޑިއޯއެއްގައި ޔުމްނުއާއި ހަވާލާދީ ބުނި ގޮތުގައި އެއީ ކުރިން އޭނާ ގޮސް އުޅުނު ގެއެކެވެ. އަދި އެރޭ އެގޭގައި ޔޫސުފް ޔައްސާރު އަބްދުލްގަފޫރު ވެސް އުޅުނުކަމަށް ވަނީ ބުނެފަ އެވެ. އާއިލާއިން ބުނެފައި ވަނީ ފެންޓެނޯއީއަށް އައުމަށް ގޭގެ ލޮކޭޝަން ޔުމްނުއަށް ފޮނުވީ ޔައްސާރެވެ.
ޔައްސާރަކީ ހާދިސާ ހިނގި ދުވަހުގެ ރޭގަނޑު 12:00 ހާއިރު މއ. މާންދޫގެ ދެކުނުގޭގައި ޔުމްނުއާއި ރައުދު ހިމެނޭ ގޮތަށް އެއްކޮށް އުޅުނު ގުރޫޕުގައި ހިމެނޭ އެކަކެވެ.
ޔައްސާރުގެ އިތުރުން އެހެން އިތުރު ހަތަރު މީހަކު އުޅުނުކަމަށް ބުނި ނަމަވެސް، އާއިލާއިން އޭނާގެ ނަން ފިޔަވައި އިތުރު ބައެއްގެ ނަން ހާމައެއް ނުކުރެ އެވެ.
މި މައްސަލައިގައި އޭރޭ އެ ދެ މީހުންނާއި އެކު އުޅުނުކަމަށް ފުލުހުން ބުނާ 8 މީހެއްގެ ޕާސްޕޯޓާއި ފޯނު ކޯޓު އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފަ އެވެ. އަދި އެ އެންމެންގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ަރައުދު އިތުރު 20 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ