ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން، އެމެރިކާގެ ޢާންމު ރައްޔިތުން ތެލަށް ކުރާ ޚަރަދު 40 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައިވާ ކަން އައު ދިރާސާއަކުން ހާމަވެއްޖެއެވެ. ބްރައުން ޔުނިވަރސިޓީގެ ވޮޓްސަން އިންސްޓިޓިއުޓުން ޢާންމުކުރި ރިޕޯޓުގައި ބުނެފައި ވަނީ، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ކޮންމެ ގޭބީސީއަކަށް 300 ޑޮލަރަށްވުރެ ބޮޑު މާލީ ބުރައެއް އުފުލަން ޖެހިފައިވާ ކަމުގައެވެ. އަދި، މި ހަނގުރާމައިގެ އަސްކަރީ ޚަރަދުތަކަށް މިހާތަނަށް 29 ބިލިޔަން ޑޮލަރު ހޭދަކޮށްފައިވާއިރު، ތެލުގެ އަގު އުފުލުމުގެ ސަބަބުން އެމެރިކާގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ އަސަރުތައް އެތައް ގުނައަކުން ބޮޑުވެފައިވާ ކަމުގައެވެ.
ފެބުރުވަރީ 28 ގައި ފެށި މި ހަނގުރާމައިގައި ހުރްމުޒް ކަނޑުއޮޅި އީރާނުން ކޮންޓުރޯލު ކުރުމާ ގުޅިގެން، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މި ހަނގުރާމައިގައި މިހާތަނަށް 6,500 އާއި 9,100 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ގިނައީ އީރާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންނެވެ. އަދި، ރައްދުގައި ގަލްފް ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށް އީރާނުން ދިން ޙަމަލާތަކުގެ ސަބަބުން އިރުމަތީ އޭޝިޔާ ސަރަޙައްދުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ތެލުގެ އަގު ފެބުރުވަރީ މަހުން ފެށިގެން 100 ޑޮލަރަށްވުރެ މަތީގައި ހުރުމަކީ އިޤުތިޞާދީ ގޮތުން އެމެރިކާއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ދާރިސުން ބުނީ، ހަނގުރާމައާ ގުޅިގެން އެމެރިކާގެ ޢާންމު ރައްޔިތުން އިތުރަށް ކުރަން ޖެހުނު ޚަރަދަކީ 10,200 ބްރިޖު މަރާމާތު ކުރުމުގެ މަޝްރޫޢާއި، ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ 31.5 ބިލިޔަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ކަމުގައެވެ. މިއީ، އެމެރިކާގެ ޢާންމުންގެ އަތުން ނެގޭ ނުސީދާ ޓެކުހެއް ކަމަށާއި، މިއީ އިޤުތިޞާދީ ގޮތުން ބޮޑު ގެއްލުމެއްގެ ގޮތުގައި ވެސް ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.
އެޕްރީލު 8 ގައި ދެ ފަރާތުގެ ދެމެދުގައި ޙަމަލާތައް މެދުކަނޑައިލުމަށްފަހު ސުލްޙައިގެ މަޝްވަރާތައް ފެށި ނަމަވެސް، އަދިވެސް އެދެވޭ ޙައްލެއް ހޯދިފައެއް ނެތެވެ. މިއީ، ނޮވެމްބަރު 3 ގައި އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބާއްވާ ޤާނޫނުހަދާ މަޖިލީހުގެ މުހިންމު އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އަދި، އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ނެގޭނެކަމާ މެދު އެ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާގެ ޢާންމުން ތެލަށް، އިތުރު 40 ބިލިޔަން ޑޮލަރު ޚަރަދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ