ވިލާ ކޮލެޖުގެ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ.
މި އިންޓޭކްގައި ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ތަފާތު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. މި ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޯގަސްޓް 15، އެވެ.
މި އިންޓޭކްގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ސައިބާ ސެކިއުރިޓީ، ޑާޓާ ސައިންސް، އަދި ސޮފްޓްވެއާ އިންޖިނިއަރިން ފަދަ ޓެކްނޮލޮޖީގެ ދާއިރާތައް ހިމެނެ އެވެ.
އޭގެ އިތުރުން ލޯ، ޝަރީއާ، އިސްލާމީ ފައިނޭންސް، ޕޮލިޓިކަލް ސައިންސް، އިންޓަނޭޝަނަލް ރިލޭޝަންސް، އަދި ތައުލީމީ ދާއިރާގެ އެކި ލެވެލްތަކުގެ ޓީޗިން ކޯސްތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ބިޒްނަސް މެނޭޖްމަންޓް، އެކައުންޓިންގ، ޓޫރިޒަމް، އޭވިއޭޝަން މެނޭޖްމަންޓް، އަދި އިންޖިނިއަރިންގގެ އެކި ގޯފިތަކުގެ އިތުރުން ސިއްހީ ދާއިރާއިން ނާސިން، ޕަބްލިކް ހެލްތް، އަދި ސައިކޮލޮޖީ ފަދަ މުހިންމު ދާއިރާތަކެއް މި އިންޓޭކްގައި ހިމެނެ އެވެ.
ވިލާ ކޮލެޖުން ދަނީ ބައިނަލްއަގްވާމީ ފެންވަރުގެ ތައުލީމު ރާއްޖޭގައި ތިބެގެން ހާސިލުކުރުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތް ޔުނިވަރސިޓީ އަދި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީ އާއި ޔުނިވާސިޓީ އޮފް ސައިބާޖާޔާގެ ޕްރޮގްރާމްތައް އެ ކޮލެޖުގައި ކުރިއަށް ގެންދެވެ އެވެ.
ޚާއްޞަ ގޮތެއްގައި ޕޯޓްސްމޯތް ޔުނިވާސިޓީއާ ގުޅިގެން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތަކުގެ ފަހު އަހަރުތައް އިނގިރޭސިވިލާތުގައި ފުރިހަމަކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ އެވެ.
ކޮލެޖުގެ ކިޔެވުން ބައްޓަންކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް ފުރިހަމައަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށެވެ. މިގޮތުން ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް އަދި އިންޑަސްޓްރީ ޕާޓްނަރޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދެވެ އެވެ. މީގެ ބޭނުމަކީ ވަޒީފާގެ ބާޒާރުގައި ވާދަކުރެވޭނެ ފަދަ ހުނަރުވެރި އަދި ގާބިލު ދަސްވެނިންތަކެއް ބިނާކުރުމެވެ.
ދަރިވަރުންގެ ތައުލީމީ ދަތުރުގައި އެހީތެރިވުމަށްޓަކައި ވިލާ ކޮލެޖުން ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި ވަކިވަކި ދަރިވަރުންނަށް ބޭނުންވާ ލާރނިންގ ސަޕޯޓާއި، ޕިއާ-އެސިސްޓެޑް ލާނިންގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ވީ-ކެއާ ކައުންސެލިން ސެންޓަރުގެ ހިދުމަތް ހިމެނެ އެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު ތައްޔާރުކުރެވިފައިވާ ލާނިން ހަބްތަކާއި، 16 ލެބޯޓަރީގެ އިތުރުން ޖިމް ފެސިލިޓީއާއި ކުޅިވަރުގެ ވަސީލަތްތައް ވެސް ދަރިވަރުންނަށް ބޭނުންކުރެވޭނެ އެވެ.
ސަތޭކައަށް ވުރެ ގިނަ ކޯހާއެކު ވިލާ ކޮލެޖުން ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ