ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރުމާމެދު ހިއުމަން ރައިޓްސް ވޮޗްގެ ކަންބޮޑުވުން ފާޅުކޮށްފި

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާ މައްސަލައިގައި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާ ހިއުމަން ރައިޓްސް ވޮޗްއިން ކަންބޮޑުވުން ފާޅުކޮށް، އެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސަސްޕެންޑްކޮށްފައިވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުޢޫދެވެ. ސަސްޕެންޑް ކުރި ފަހުން ސޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވަނީ އެ ފަނޑިޔާރުންނާ ގުޅުންހުރި މައްސަލައެއް ބެލުމަށް ފެށުމާ ގުޅިގެންނެވެ. ނަމަވެސް މިކަން ދިމާވެފައިވަނީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށި ދުވަސްވަރު ކަމަށްވުމުން، މިކަމާ ގުޅިގެން ގިނަ ތުހުމަތުތަކެއް ކުރެވެމުންދެއެވެ.
އޭޝިއާ ސަރަޙައްދަށް ކަނޑައެޅިފައިވާ ހިއުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރު އެލެއިން ޕިއަރސަން ވިދާޅުވެފައިވަނީ، ”ޖޭއެސްސީގެ ޑިސިޕްލިނަރީ ކޮމިޝަންގެ ޢަމަލުތަކުގެ ސަބަބުން ސަރުކާރުން ނަހަމަ ގޮތެއްގައި ސުޕްރީމް ކޯޓުގެ މަސައްކަތްތަކުގެ ތެރެއަށް ވަންނަމުންދާކަމުގެ ކަންބޮޑުވުން އުފެދިގެންދޭ“ ކަމަށެވެ. އަދި ދުސްތޫރީ މައްސަލަތަކުގައި ކޯޓުތަކަށް މިނިވަންކަމާއެކު ގޮތް ނިންމުމުގެ ފުރުސަތު ނެތް ހިނދު، ރާއްޖެއަކީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޤައުމެއްކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ރާއްޖޭގެ ޑޯނަރުންނާއި ކަންބޮޑުވާ ޤައުމުތަކުން ރައީސް ޑރ. މުޢިއްޒަށް ސާފު މެސެޖެއް ފޮނުވައި، ޝަރުޢީ ނިޒާމަށާއި ޑިމޮކްރެޓިކް މުއައްސަސާތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ނިމުމަކަށް ގެނައުމަށް ބާރުއަޅަން ޖެހޭކަމަށްވެސް ގޮވާލައިފައެވެ. އަދި ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރެވިގެންދާކަމާއި ޝަރުޢީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ރައީސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ