ފަހު ވަގުތު ކާލް އަށް އަނިޔާވެ ވޯލްޑްކަޕްގައި ނުކުޅެވޭނެ

އަންނަ ބުރާސްފަތި ދުވަހު ފަށާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ޖަރުމަނުގެ ޓީމުގައި ހިމެނޭ ޒުވާން ފޯވަޑް ލެނާޓް ކާލް އަށް އަނިޔާގެ ވޯލްޑްކަޕްގައި ނުކުޅެވޭނެކަމަށް ޖަރުމަނުގެ ކޯޗު ޖޫލިއަން ނަގެލްސްމަން ބުނެފި އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންދާ އުމުރުން 18 އަހަރުގެ ކާލް އަށް އަނިޔާވެފައިވަނީ އިއްޔެ ބޭއްވި އެ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ. އަދި އޭނާއަށް އަލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވި ނަމަވެސް އަނިޔާގެ ސަބަބުން އޭނާ ވަނީ ވަގުތުން ހުސްޕިޓަލަށް ގެންގޮސްފަ އެވެ.
މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ނަގެލްސްމަން ބުނެފައިވަނީ މިއީ ކާލް އަށް ލިބިގެންދިޔަ ވަރަށް ބޮޑު ދެރައެއް ކަމަށާއި މި ފަހަރުގެ ވޯލްޑްކަޕްގައި އޭނާއަށް ނުކުޅެވޭނެ ކަމަށެވެ.
ވޯލްޑްކަޕްގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން މުބާރާތް ބާއްވާ އެމެރިކާ އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތަކުގައި ކާލް އަށް އަނިޔާވެފައިވާއިރު މިއީ އޭނާއަށް ލިބިގެންދިޔަ ބޮޑު ސިހުމެއް ކަމަށްވެސް ނަގެލްސްމަން ވަނީ ބުނެފަ އެވެ.
"އޭނާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެކަމުގެ ހިތާމަވެރި ހަބަރަކީ އޭނާގެ އިތުރުން ޓީމަށް ލިބުނު ބޮޑު ޝޮކެއް. އޭނާއަކީ ޒުވާން ކުޅުންތެރިއެއް ކަމުން އަދި އޭނާއަށް އެބައޮތް އުޖާލާ މުސްތަގުބަލެއް." ނަގެލްސްމަން ބުންޏެވެ.
ގްރޫޕް އީ ގައި ހިމެނޭ ޖަރުމަނުން މުބާރާތުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 14 ވަނަ ދުވަހު ނިކުންނާނީ ކުރަސާއޯ އާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ