ސެން މެރީނޯ ބަލިކޮށް ބަންގްލަދޭޝް އަށް ޔޫރަޕްގައި ތާރީހީ މޮޅެއް

ސެން މެރީނޯ (ޖޫން 6) - ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި 2-1 އިން ސެން މެރީނޯ ބަލިކޮށް، ބަންގްލަދޭޝް އިން ފުރަތަމަ ފަހަރަށް ޔޫރަޕްގައި ކުޅުނު މެޗު ކާމިޔާބުކޮށް، ތާރީހީ މޮޅެއް ހޯދައިފި އެވެ. 
ބަންގްލަދޭޝްގެ އާ ކޯޗު ތޯމަސް ޑޫލޭގެ އިރުޝާދުގެ ކުޅުނު ފުރަތަމަ މެޗުގަައި މި ކާމިޔާބީ ހޯދިއިރު، މި މެޗު ކުޅެން ޖެހޭތީވެ، ބަންގްލަދޭޝް އިން ވަނީ މިހާރު ރާއްޖޭގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަށް އެ ގައުމުގެ 23 އަހަރުން ދަށުގެ ޓީމު ފޮނުވައިފަ އެވެ. އެ ޓީމުން ވަނީ ފުރަތަމަ ދެ މެޗުގައި އަފްގާނިސްތާނާއި ޕާކިސްތާނާ ކުޅެގެން، ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. 
ސެން މެރީނޯ ދަނޑުގައި ކުޅުނު މެޗުގައި، ބަންގްލަދޭޝް އިން ލީޑުނެގީ 19 ވަނަ މިނިޓްގަ އެވެ. މިއީ، އެޓޭކަށް ޖެހިގެން ކުޅުނު ވަގުތުގައި، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކަށް އަރައި، ބަންގްލަދޭޝްގެ ޑިފެންޑަރު، ޓޯޕޫ ބަރްމަން ބޮލުން ޖެހި ގޯލެކެވެ. އެކަމަކު،. މި ގޯލާ އެކު ލީޑު ލިބުނު ނަމަވެސް ކުރީގައި އޮވެގެން ފުރަތަމަ ހާފު ނިންމާލަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. 
ބަންގްލަދޭޝް އިން ލީޑުނެގިތާ 12 މިނިޓް ފަހުން، ސެން މެރީނޯ އިން ވަނީ އެއްވަރުކޮށްފަ އެެވެ. މެޗުގެ 32 ވަނަ މިނިޓްގައި، ސެން މެރީނޯ އަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖަހައިދިނީ ނިކޮލަސް ޖިއަކޮޕެޓީ އެވެ. 
މެޗުން ބަންގްލަދޭޝް މޮޅުވި ގޯލު ޖެހީ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓޯޕޫ އެވެ. މެޗުގެ 86 ވަނަ މިނިޓްގައި، ހިލޭ ޖެހުމަކުން ހަމްޒާ ޗޯދުރީ ނަގައިދިން ހުރަހެއްގައި، އެ ޓީމުގެ ކުޅުންތެރިއަކު ވެއްޓިގެންފައި ފޮނުވާލި ބޯޅަ، ޓޯޕޫ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.  
ސެން މެރީނޯ އަކީ ފީފާ ރޭންކިންގެ 211 ވަނަ އެވެ. ބަންގްލަދޭޝް އޮތީ އެ ޓީމަށް ވުރެން 30 ޖާގަ ކުރީގަ އެވެ. 
ބަންގްލަދޭޝް އަކީ މި ފަހުން ޔޫރަޕްގައި ކުޅުނު ދެކުނު އޭޝިއާގެ ދެ ވަނަ ގައުމެވެ. އެ ގޮތުން، އިންޑިއާ އިން ވަނީ ދާދި ފަހުން، އިނގިރޭސި ވިލާތުގައި ކުޅުނު ޔުނިޓީ ކަޕްގައި ވާދަކޮށްފަ އެެވެ. ޗާލްޓަން އެތުލެޓިކްގެ ދަނޑު، ދި ވެލޭގައި ކުޅުނު މި މުބާރާތުގައި އިންޑިއާ އިން ފުރަތަމަ މެޗުގައި، ޖެމެއިކާ އަތުން 2-0 އިން ބަލިވެ، ފައިނަލުގެ ޖާގަ ގެއްލުނުއިރު، ތިން ވަނަ ހޮވި މެޗުގައި ޒިމްބާބްވޭ އަތުން 1-0 އިން ބަލިވި އެވެ. ޔުނިޓީ ކަޕް ކާމިޔާބުުކުރީ 3-0 އިން ޖެމެއިކާ ބަލިކޮށް ނައިޖީރިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ