އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ވެކްސިނެއް އިންސާނުން ބޭނުންކޮށްގެން ޓެސްޓުކުރަން ފަށައިފިއެވެ.
ކެމްބްރިޖް ޔުނިވަސިޓީން މި ދިރާސާގައި ބައިވެރިވާ ޓީމުން ބުނާ ގޮތުގައި މިއީ މުޅިން އާ ގޮތަކަށް ފަރުމާކޮށްފައިވާ ވެކްސިނެކެވެ.
މި ވެކްސިނަކީ ގިނަ އަދަދެއްގެ ވައިރަސްތަކުން ރައްކާތެރިކޮށްދީ، ކުރިމަތިވެދާނެ ބޮޑެތި ބަލިމަޑުކަންތަކުން އިންސާނުން ސަލާމަތްކުރުމުގެ ގާބިލުކަން ލިބިގެންވާ އެއްޗެއް ކަމަށް ޓީމުން ބުނެ އެވެ.
މި ވެކްސިން ފަރުމާކޮށްފައިވަނީ ކޮވިޑްގެ ހުރިހާ ބާވަތްތަކަކާއި، މިހާރު ޖަނަވާރުންގެ ހަށިގަނޑުގައި ހުރި ނަމަވެސް ކުރިމަގުގައި އިންސާނުންގެ ތެރެއަށް ފެތުރިދާނެ ފަދަ ކޮރޯނާ ވައިރަސްތަކާ ދެކޮޅަށް މަސައްކަތްކުރާ ގޮތަށެވެ. މިއީ ވެކްސިނެއްގެ އެންމެ މުހިންމު ބައި ކަމުގައިވާ އެންޓިޖަން، އޭއައި ބޭނުންކޮށްގެން މުޅިން އަލަށް ފަރުމާކޮށް އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކުރި ފުރަތަމަ ފަހަރެވެ.
އާންމުކޮށް ވެކްސިންތައް ތައްޔާރުކުރަނީ މިހާރު ފެތުރެމުންދާ ވައިރަހެއްގެ ބާވަތަކަށް ބަލައިގެންނެވެ. ނަމަވެސް ވައިރަސްތަކަކީ އަވަސް އަވަހަށް އޭގެ ސިފަ ބަދަލުކުރާ އެއްޗެހި ކަމަށްވާތީ، ގިނަ ފަހަރަށް ވެކްސިންތަކުގެ ބާރު ކެނޑި، އާ ވެކްސިންތައް އުފައްދަން ޖެހެއެވެ. ކެމްބްރިޖްގެ ދިރާސާވެރިން މިކަމަށް ހައްލެއް ހޯދީ ތަފާތު ކޮރޯނާ ވައިރަސްތަކުގެ ޖެނެޓިކް ކޯޑުތައް އޭއައި މެދުވެރިކޮށް ދިރާސާކޮށްގެންނެވެ. އޭއައި ބޭނުންކޮށްގެން އުފެއްދި ސުޕަ އެންޓިޖަންގެ ސަބަބުން، ވައިރަހަށް ބަދަލު އައި ނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ވައިރަސް ދެނެގަނެ އެއާ ދެކޮޅަށް މަސައްކަތް ކުރަން ދަސްވެއެވެ.
ޕްރޮފެސަރު ޖޮނަތަން ހީނީ ވިދާޅުވި ގޮތުގައި މި އާ އީޖާދުގެ ބޭނުމަކީ ބަލިމަޑުކަމެއް ފެތުރެންދެން މަޑުނުކޮށް، ކުރިއާލައި ރައްކާތެރިކަން ހޯދުމެވެ. މިއީ މިއަދު ފެންނަން ހުރި ވައިރަސްތަކުގެ އިތުރުން މާދަމާ ކުރިމަތިވެދާނެ ނުރައްކާތަކުން ވެސް ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިހާތަނަށް 39 މީހުން ބޭނުންކޮށްގެން ކުރި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ގޮތުގައި މި ވެކްސިނަކީ ރައްކާތެރި އެއްޗެކެވެ. ދެން ކުރިއަށްދާނީ 200 އެއްހާ މީހުން ބޭނުންކޮށްގެން ކުރާ ދިރާސާއެކެވެ.
މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިރާސާވެރިން މިހާރު ދަނީ އިންފްލުއެންޒާ ނުވަތަ އަރިދަފުސް ރޯގާއާއި އެބޯލާ ފަދަ ނުރައްކާތެރި ބަލިތަކަށް ވެސް ވެކްސިން ތައްޔާރުކުރަމުންނެވެ. މީގެ ސަބަބުން ކޮންމެ އަހަރަކު އާ ކުރަން ނުޖެހޭ ފަދަ ވަރުގަދަ ވެކްސިންތަކެއް އުފެއްދުމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސްއަކީ ވެކްސިން އުފެއްދުމުގެ ދާއިރާއަށް އަންނާނެ އެންމެ ބޮޑު ބަދަލެވެ. މީގެ ސަބަބުން ވެކްސިން އުފެއްދުމަށް ހޭދަވާ ވަގުތު ކުޑަވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިނގިރޭސިވިލާތުގެ ސައިންސް މިނިސްޓަރު ލޯޑް ވަލަންސް ވިދާޅުވި ގޮތުގައި މިއީ ސައިންސާއި އޭއައި ގުޅިގެން ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ