ޗެއާޕާސަން ރިޔާސީ ޓިކެޓަށް ވާދަކުރުން ރަނގަޅެއް ނޫން: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރިޔާސީ ޓިކެޓްގައި ވާދަކުރުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާނަސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"(ޗެއާޕާސަން ރިޔާސީ ޓިކެޓަށް) ވާދަކުރުން އެއީ ރަނގަޅު ކަމެއް ނޫން ޗެއާޕާސަނަކަށް އިންނަ މީހަކު. އޭނާ ޗެއާޕާސަނަކަށް އިނދެގެން ރިޔާސީ އިންތިހާބަކަށް ރޭހަކަށް ނިކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ގައުމީ މަޖިލިސް އިންތިހާބުވެސް އޮންނަ ތާރީހަށް ލަސްނުކޮށް ބާއްވާނެ ކަމަށެވެ.
"ނަމަވެސް މިސާލަކަށް ކޮންގްރެސުން ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަދަލެއް އައިސްފިނަމަ ދެން އެކަމާ ގުޅޭ ގޮތުން އަޅުގަނޑު ހިތުން އޭރުން ގައުމީ މަޖިލީހުގެ އިންތިހާބަށް އޭގެ ބުރޫއެއް އައިސްދާނެ،" ނަޝީދު ވިދާޅުވި އެވެ.
ގައުމީ މަޖިލިސް އިންތިހާބު އޮންނާނެ ކަމަށް ބެލެވެނީ ކޮންގްރެސްގެ ފަހުން ކަމަށާއި ނަމަވެސް ގައުމީ މަޖިލިސް އިންތިހާބު ބާއްވަންޖެހޭ ތާރީހަށްވުރެ ލަސްވެގެންދާނެ ތާރީހެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ