އާމިރު އާއި ފަރުހާން ފުރަތަމަ ފަހަރަށް އެކީގައި ސްކްރީނަށް

ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ހިމެނޭ އާމިރު ޚާން އާއި ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާން އަހްތަރު ފުރަތަމަ ފަހަރަށް އެކީގައި ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އެ ފިލްމަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާއާ އެކު އާމިރު މަސައްކަތްކުރަން ހަމަޖެހިފައިވާ ކުޅިވަރު ފިލްމެކެވެ. އާމިރުއާ އެކު 2001 ވަނަ އަހަރު ފިލްމު "ލަގާން"ގައި މަސައްކަތްކުރި އަޝުތޯޝްގެ މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން، އާމިރަށް މި ފިލްމުގައި ހުށަހަޅާފައި ވަނީ ކްރިކެޓް ލެޖެންޑް ލާލާ އަމަރުނާތުގެ ރޯލެވެ. އަދި ފިލްމުގައި ފަރުހާންއަށް ހުށަހަޅާފައި ވަނީ އޭނާގެ ގާތް ރަހްމަތްތެރިޔާގެ ރޯލެވެ. ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާ އާމިރު ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމު އުފެއްދުމުގައި ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވެސް ހިއްސާވާނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ މި ބައޮގްރަފިކަލް ޑްރާމާ ގެނެސްދިނުމުގައި ހިއްސާވާ ދެ ޑައިރެކްޓަރުންނަކީ ވެސް އާމިރުގެ ވަރަށް ގާތް މީހުންކަމެވެ. އެގޮތުން އާމިރު ވަނީ ރާޖްކުމާރު ހިރާނީއާ "3 އިޑިއަޓްސް"ގެ ހަތަރު ވަނަ ބައި އަދި އިންޑިއާގެ ސިނަމާގެ ބައްޕަ ދާދާސާހެބް ޕާލްކޭގެ ބައޮޕިކްގެ މަސައްކަތް ކުރުމަށް ވެސް ނިންމާފައެވެ. ހަމައެއާއެކު އާމިރު އާއި ޑައިރެކްޓަރު އަޝުތޯޝް އެކީގައި ފިލްމެއްގެ މަސައްކަތް މި ފަށަނީ 25 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ފިލްމުގައި އާމިރުއާ އެކު މުހިއްމު ރޯލެއް ކުޅެން ގެންނަން ހަމަޖެހިފައިވާ ފަރުހާނަކީ އާމިރުގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށް "ދިލް ޗާތާ ހޭ"ގެ ޑައިރެކްޓަރެވެ. އާމިރު ވަނީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓައިންމަންޓްގެ ބައެއް އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައެވެ. ފަރުހާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ހަނގުރާމަ މަތީ ފިލްމު "120 ބަހާދުރު"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ