ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް އިފްތިތާޙްކުރަނީ

ގްރޭޓާ މާލެ ސަރަހައްދު ނޫން އެހެން ރަށްތަކުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކުގައި އާ މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ އިތުރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫއުތައް އިއުލާން ކުރެވޭނެ ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެ މޮޑެލްއަކަށް ވިސްނަމުންދެއެވެ. އެއީ އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި، އަމިއްލަ ގޯތިތަކުގައި ގެދޮރު އެޅުމަށް ބޭނުންވާ ފައިނޭންސް މާލީ އިދާރާތައް މެދުވެރިކޮށް ހޯދައިދިނުމެވެ. "މިއީ ރަށްރަށަށް އަމާޒުކޮށްގެން މިހާރުވެސް ހިނގަމުންދާ އަދި ރޭވިފައި ހުރި މަޝްރޫއުތަކެއް. އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް ފެށޭނެ ކަމަށް،" ނާޒިމް ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ މައިގަނޑު އެއް މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް އެމީހުން ދިރިއުޅޭ ރަށްރަށުން ނުވަތަ މަސައްކަތްކުރާ ތަނާ ގާތުން އާއިލާއާއެކު ދިރިއުޅެވޭނެ ފަދަ އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ސަރަހައްދީ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ ބޭނުމަކީ މާލެ ސަރަހައްދަށް މީހުން ހިޖުރަކުރާ މިންވަރު މަދުކުރުން ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ "ހައުސިން ފޯ އޯލް" ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 43 ރަށަކުން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ