މަސްވެރިންނަށް ދިން ފައިސާ 1.1 ބިލިޔަނަށް އަރައިފިކަން މިނިސްޓަރު ޝިޔާމް ހާމަކުރައްވައިފި

ޖޫން މަހާ ހަމައައް ބިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އެގޮތުން ޖޫން މަހާ ހަމައަށް މަސްވެރިންނަށް ޖުމްލަ 1.17 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކުރެވިފައެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު މަސްވެރިކަމުގެ ސިނާއަތުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރު ބަދަލުވިއިރު، މަސްވެރިންނަށް ނުދީ 250 މިލިޔަން ރުފިޔާ ބާކީ އޮތް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެންމެ އިސްކަމެއް ދެއްވީ ބެކްލޮގް ކްލިއާކޮށް އެ ފައިސާ ހަމަޖައްސަވައި، މަސްވެރިންނަށް ލިބެންޖެހޭ ހައްގު ފައިސާ އަވަހަށް ފޯރުކޮށްދިނުމަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ސަރުކާރުން ވަނީ މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ނިޒާމު ހަރުދަނާކޮށް، އެ އުސޫލުން ފައިސާ ދޫކުރަން ފަށާފައެވެ. މީގެ ބޭނުމަކީ މަސްވެރިންގެ އަތްމަތި ދަތިވިޔަނުދީ، އާއިލާތަކަށް ބޭނުންވާ މާލީ ތަނަވަސްކަން ކަށަވަރުކޮށްދިނުމެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އިދާރީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމުގެ ޔަގީންކަން ދެއްވަމުން، މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާތީ، އޭގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ