ރާއްޖޭގެ ސިޔާސީ މައިދާނުން ދުރަށްޖެހިވަޑައިގަންނަވަން ނިންމެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރެއްވިއިރު، އެމަނިކުފާނުގެ މަގުބޫލުކަން ހުރީ ކިހާ މިންވަރެއްގައިތޯ އެވެ؟
އެއިރު، ރިޔާސީ އިންތިހާބުގެ ދެ ބުރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އޮތީ ބަލިވެފަ އެވެ. ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒެވެ.
އެމްޑީޕީގެ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރީ، އެ ޕާޓީ އިން ނަޝީދު ވަކިވެވަޑައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު ހޯއްދެވި 15،000 ވޯޓާއި ތާއީދަކީ، އެމްޑީޕީ ބަލިވުމުގެ ބޮޑު ސަބަބެއް ކަމަށެވެ.
ޖުލައި، 2023، ގައި އެމްޑީޕީ އިން ވަކިވެވަޑައިގެންނެވިއިރު ޕާޓީ ރޫޅާލައްވާނެ ކަމަށް ހަރުއަޑުން ވިދާޅުވުމުން ވެސް ޕާޓީ މެންބަރުންގެ ތެރެއިން ގިނަ ބައެއްގެ ނުރުހުން ނަޝީދަށް އަމާޒުވި އެވެ.
ނަމަވެސް އެމްޑީޕީ މެންބަރުންގެ ތެރެއިން 20,943 މީހުންގެ ވޯޓާއެކު އަނެއްކާ ނަޝީދު ވަނީ ކުރީގެ މަގުބޫލުކަން ހޯއްދަވައިފަ އެވެ. އެ މަގުބޫލުކަން ހޯއްދަވަން ނަޝީދު ނެންގެވީ އާދަޔާ ހިލާފު ފިޔަވަޅުތަކެކެވެ. ޕާޓީން ވަކިވެވަޑައިގަތުމާއި އެނބުރި ޕާޓީއަށް ވަޑައިގަތުމަކީ އޭގެ ތެރެއިން އެންމެ މުހިންމު ދެ ފިޔަވަޅެވެ.
ރާއްޖޭގެ ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމެވިކަން ރައީސް ނަޝީދު އިއުލާނު ކުރެއްވީ ޑިސެމްބަރު 13، 2023، ގަ އެވެ.
އެކަން އިއުލާނު ކުރައްވާ ނަޝީދު އިނގިރޭސިބަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށެވެ.
އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި މަރުގެ ހަމަލާތަކާއި އަނިޔާ އާއި ޖަލު އަދަބާއި ފުން ހިތާމައާ ކުރިމަތިލާންޖެހިވަޑައިގެންނެވި ކަމަށް ނަޝީދުގެ ބަޔާނުގައި ވިދާޅުވި އެވެ. ނަމަވެސް ކޮންމެ ދުވަސްވަރެއްގައި ވެސް ސިޔާސީ މަސައްކަތުން އުފަލާއި ހިތްހަމަޖެހުން ވެސް ލިބިވަޑައިގެންނެވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެއަށްފަހު ނަޝީދު ވަޑައިގެންނެވީ މާލެއާ ގާތްގަނޑަކަށް 8،160 ކިލޯމީޓަރު ދުރުގައި އޮންނަ ގާނާގެ ވެރި ރަށް އާކްރާއަށެވެ. އެއީ ނަޝީދު ވެރިކަން ކުރެއްވި ދުވަސްވަރު އެމަނިކުފާނު އިސްވެ އުފެއްދެވި ސީވީއެފް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާ ކުރެއްވުމަށެވެ.
އެއާއެކު ދިވެހި ސިޔާސީ މައިދާނުން ނަޝީދު އެއްކޮށްހެން ގެއްލުނެވެ. ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މަސައްކަތްތައް ވެސް މަޑުޖެހުނެވެ. ނަޝީދު ވެސް ވަގުތު ދެއްވީ ސީވީއެފްއަށެވެ.
ރިޔާސީ އިންތިހާބުން ބަލިވުމާއެކު އެމްޑީޕީ އަނެއްކާ ވެސް ރަސްމީކޮށް އިދިކޮޅު ޕާޓީއަކަށް ބަދަލުވެއްޖެ އެވެ. ގިނަ މީހުން ބުނަނީ، އެމްޑީޕީ މިހާތަނަށް އެންމެ ވަރުގަދަވެފައި ވަނީ އިދިކޮޅުގައި ހަރަކާތްތެރިވާ ވަގުތުތަކުގައި ކަމަށެވެ.
ނަމަވެސް މިފަހަރުގެ ތަޖުރިބާ ތަފާތެވެ. ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ހަ މަސްދުވަހުގެ ތެރޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް އެމްޑީޕީ ބަލިވީ އެވެ.
އެކަމަކު، ރައީސް މުއިއްޒަށް ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ވެސް ދިނުމުން ވެވަޑައިގެންފައި ހުންނެވި ރިޔާސީ ވައުދުތައް ނުފުއްދޭތަން ރައްޔިތުންނަށް ފެންނަން ފެށި އެވެ. އަދި ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަމުންދިޔަ އެވެ.
އަވައްޓެރި އިންޑިއާއާ ޖެހުނު މައްސަލަ އާއި ރާއްޖެއަށް އާ އިންވެސްޓްމަންޓެއް ނުގެނެވުމާއި ދަރަނީގެ މައްސަލަ ބޮޑުވާން ފެށި އެވެ. މިނިވަން މުއައްސަސާތަކާއި ކޯޓުތައް ސަރުކާރުގެ މުށު ތެރެއަށް ގެނައުމުގެ މަސައްކަތް މުއިއްޒު ފަށްޓަވައިފި އެވެ.
އެކަންކަމުގެ ސަބަބުން ރައީސް މުއިއްޒުގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވާން ފެށި އެވެ. މި ދަނޑުވަޅުގައި އެމްޑީޕީ އިން ވަރުގަދަވާން މަސައްކަތްތަކެއް ކުރި އެވެ. އޭގެ ތެރޭގައި ބޮޑު މުޒާހަރާއެއް ބޭއްވުން ހިމެނެ އެވެ.
އެމްޑީޕީގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހަރަހަކަށްވީ ސާފު ލީޑަރެއް ނުދެއްކުމެވެ. ޕާޓީގައި ރައީސް ސޯލިހުގެ ފެކްޝަނަކާއި އެއިރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ފެކްޝަނަކާއި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުގެ ފެކްޝަނަކާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނެއް އޮތެވެ.
ދެން އަންނަ ރިޔާސީ އިންތިހާބެއްގައި އެ ފެކްޝަނުގެ ބައިވެރިވުން އޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮންމެ ބަޔަކު ވެސް ދިޔައީ ކުރަމުންނެވެ.
ރާއްޖެ ދޫކުރައްވައި ނަޝީދު ގާނާއަށް ވަޑައިގަތުމުން، ކުރިން ވެސް ބުނި ފަދައިން، ޑިމޮކްރެޓްސްގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އަދި އެވަގުތު އެމްޑީޕީއަކަށް ވެސް ރައްޔިތުންނަށް ސާފު ލީޑަރެއް ދެއްކިފައެއް ނުވެ އެވެ.
އެހެން އޮއްވައި އޭޕްރީލް 5، 2025، ގައި ނަޝީދު ހުށަހެޅުއްވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ކޯލިޝަނެއް ހެދުމަށެވެ. އެ ވާހަކައަށް ހަމަ އެ ދުވަހު ފައްޔާޒް ތާއީދު ކުރެއްވި އެވެ.
"ހުރިހާ އެންމެން ގުޅިގެން ވިޔަސް އެބަޖެހޭ ސަރުކާރު ހަމަ މަގަށް އަޅުވަން. އަޅުގަނޑުމެން ޕާޓީން އަބަދުވެސް ގެންގުޅޭ ސްޓޭންޑަކީ އަޅުގަނޑުމެންނާ އެއްކޮށް މިނިވަން ޑިމޮކްރެޓިކް މަސައްކަތް، ދިވެހި ރާއްޖޭގަ ޑިމޮކްރަސީ ދަމަހައްޓަން މަސައްކަތް ކުރަން ތިބި ހުރިހާ ބަޔަކާ އެކުވެސް މަސައްކަތް ކުރުން،" ހަމަ އެ ދުވަހު ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ފައްޔާޒް ހުންނެވީ ރައީސް ސޯލިހާއެކު ނަމަވެސް ނަޝީދާއި ފައްޔާޒް އާދެމެދު އަބަދުވެސް ގުޅުން އޮތެވެ. އޭގެ ހެއްކަކީ، ޕްރައިމަރީއަށްފަހު މެއި 16، 2022، ގައި ނަޝީދާއި ފައްޔާޒް ބައްދަލު ކުރެއްވުމެވެ.
ދެ ޕާޓީ ކޯލިޝަން ހަދަން ނަޝީދު ގޮވައިލެއްވި ދުވަހު، އެނބުރި އެމްޑީޕީއަށް ވަޑައިގަތުމަށް ވެސް ފައްޔާޒް ތާއީދު ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި ހިތްހަމަ ނުޖެހުން ރައީސް ނަޝީދު އާ ދޭތެރޭގަ. މި ވޭތުވެދިޔަ ކަންތައްތަކުގެ ދިމާވި ކަންތަންތަކުގަ ހިތްހަމަ ނުޖެހުން އެބަހުރި މެންބަރުންގެ. ދެން ރައީސް ނަޝީދުގެ ކަމެއް ދެއްތޯ އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ހިތްހަމަޖެހުން ހޯއްދެވުން. [އެމްޑީޕީއަށް] ހަމަ އާދެވޭނެ ކޮންމެ ބޭފުޅަކަށް ވެސް،" ފައްޔާޒު ވިދާޅުވި އެވެ.
އޭގެ ފަހުން، ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ޖޫން 17، 2025، ގައި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ އިން ގަރާރެއް ފާސް ކުރި އެވެ. އަދި ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމެވިކަން ހަމަ އެ ދުވަހު އިއުލާނު ކުރެއްވި އެވެ.
ނަޝީދު އަލުން އެމްޑީޕީއަށް ސޮއި ކުރެއްވީ ޖޫން 23، 2025، ގަ އެވެ. އެމްޑީޕީއަށް ސޮއި ކުރެއްވުމަށްފަހު ވެސް އަލުން އެނބުރި ވަޑައިގަތީ ގާނާއަށެވެ. އެއިރު ވެސް ދިވެހިރާއްޖެއަށް ދިރިއުޅުން ބަދަލެއް ނުކުރައްވަ އެވެ.
އެ ދުވަހަށް ފަހު ނަޝީދާއި ފައްޔާޒް ވަޑައިގަތީ އެކުގައި މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީގެ އެކި ސަޕޯޓަރުންނާ މަޝްވަރާކޮށް، އެކި މީހުންނާއެކު ބައްދަލު ކުރައްވަން ފެށި އެވެ. އެއިން ބައްދަލުވުމެއް ޖުލައި 22، 2025، ގައި މާލޭގައި ވެސް ބޭއްވި އެވެ.
އޭގެ އިތުރުން، ނަޝީދުއާ ބައްދަލު ކުރައްވަން ފައްޔާޒް ގާނާއަށް ވެސް ވަޑައިގެންނެވި އެވެ. އެއީ އޯގަސްޓު 13، 2025، ގަ އެވެ. ފައްޔާޒްއާއެކު ހަސަން ލަތީފް އާއި އަލީ އާޒިމް އާއި މުހައްމަދު ޝިފާޒް ވެސް ވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގެ ތިން މަސްދުވަސް ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވި އެވެ. އެއާއެކު ޗެއާޕާސަންގެ މަގާމަށް ނަޝީދު ވާދަ ކުރައްވަން އުޅުއްވާކަމުގެ އަޑުތައް ވެސް ގަދަވާން ފެށި އެވެ.
މިހާތަނަށް އައިއިރު، ނަޝީދާއި ފައްޔާޒްގެ ކޯލިޝަނާމެދު ވަރަށް ގިނަ ވާހަކަތައް ދެކެވުނަސް އެ ގުޅުމުގެ ފަހަތުގައިވާ އެއްބަސްވުން އާންމުންނަށް ހާމަވެފައެއް ނުވެ އެވެ. އެކަން އިއުލާނު ކުރީ އޭޕްރީލް 20، 2026، ގައި ނަޝީދާއި ފައްޔާޒް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ނަޝީދާއި ފައްޔާޒް އެ ދުވަހު އިއުލާނު ކުރެއްވީ ނިޒާމީ ބަދަލުތަކެވެ. ދައުލަތުގެ ވެރިޔަކާއި ސަރުކާރުގެ ވެރިޔަކު އިންތިހާބު ކުރާ ގޮތަށް ނިޒާމު ބަދަލު ކުރުމަށެވެ. އޭގެ ދަށުން، ސަރުކާރުގެ ވެރިއަކަށް ފައްޔާޒްއަށް ތާއީދު ކުރެއްވުމަށް ނަޝީދު ނިންމެވި އެވެ. އަދި އެ ބަދަލުތައް އެމްޑީޕީއަށް ވިއްކުމަށްޓަކައި ޗެއާޕާސަންގެ މަގާމަށް ނަޝީދު ވާދަ ކުރައްވަން ނިންމެވި ވާހަކަ ވެސް އިއުލާނު ކުރެއްވި އެވެ.
"ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން ފައްޔާޒް އިސްމާއިލް ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް. ފުރަތަމަ ކަމަކަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެއްބަސްވުމާއި އެމީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުމަށް، އެހެންވީމާ އަޅުގަނޑު ގަސްދުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ނަޝީދާ ދެކޮޅަށް ވާދަ ކުރެއްވި މީކާއީލް އަހުމަދު ނަސީމު ވެސް ވަރަށް ބޮޑު ކެމްޕެއިނެއް ކުރެއްވި އެވެ. މިއީ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ހިންގި އެންމެ ބޮޑު ދެ ކެމްޕެއިނަށްވުން ވެސް އެކަށީގެންވެ އެވެ.
ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް އެންމެ ދެ މަސްދުވަހުގެ ތެރޭގައި މީކާއީލް ގާތްގަނޑަކަށް 80 ރަށަށް ވަޑައިގަތެވެ. އަދި ޑޯ-ޓު-ޑޯ ކެމްޕެއިނަށް 13،000 އަށް ވުރެ ގިނަ ގޭބީސީއަށް ޒިޔާރާތް ކުރެއްވި އެވެ.
އޭގެ އިތުރުން، ފޯނުން މީހުންނަށް ގުޅުމާއި ޖަލްސާ ބޭއްވުމާއި މެނިފެސްޓޯއެއް ދެއްކުމާއި މީޑިއާ ޓައިމް ހޯދުމާއެކު، ކެމްޕެއިނެއްގައި ވޯޓު ހޯދަން ފާހަގަ ޖަހަންޖެހޭ ހުރިހާ ގޮޅިއެއްގައި މީކާއީލް އަދި އޭނާގެ ކެމްޕެއިން ޓީމުން ފާހަގަ ޖެހި އެވެ.
މީކާއީލްގެ ކުރި ކެމްޕެއިނާ ބަލާއިރު އެދެވޭ ނަތީޖާއެއް ނުނެރެވުނީ ނުވަތަ ކެމްޕެއިން ފަނޑީ ސީދާ ނަޝީދުގެ ސަބަބުންނެވެ. މީކާއީލްގެ ކެމްޕެއިނުގައި ނުކުރާ ވަކި މޮޅު ކަމެއް ނަޝީދުގެ ކެމްޕެއިނަކު ވެސް ނުކުރެ އެވެ. ތަފާތަކަށްވީ ނަޝީދުގެ ބުންވަރާއި މުރާލިކަމެވެ. އަނެއް ބޮޑު ތަފާތަކަށްވީ ރައްޔިތުންގެ "ވައިބު" ނަޝީދަށް އެނގިވަޑައިގަތުމެވެ.
ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނު ފަށައިގަތީ ލޯކަލް ކައުންސިލްގެ އިންތިހާބު އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ލިބިފައި އޮއްވަ އެވެ. މިއީ ސަރުކާރުގެ ތާއީދު އެންމެ ކުޑަވި ވަގުތެވެ. ރައީސް މުއިއްޒުގެ ތާއީދު ކުޑަވާނީ ރައްޔިތުންގެ ޝަކުވާތަކެއް ވެސް، ހިޔާލުތަކެއް ވެސް ހުރީމަ އެވެ. އެކަންކަމުގައި ނަޝީދު ބަރާބަރަށް ބަސް ވިދާޅުވަމުން ގެންދެވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރެއްވި ނަމަވެސް އެއީ ހަމައެކަނި ޕާޓީއާމެދު ވިސްނަންޖެހޭ މަގާމެއްގެ ގޮތުގައި ނަޝީދު އެ މަގާމަށް ނުނަންގަވަ އެވެ. ގައުމުގައި ހިނގާ ކަންކަމާމެދު އެމަނިކުފާނު ގެންދެވީ ހިޔާލުފާޅު ކުރައްވަމުންނެވެ. އެކަންކަމާމެދު ރައްޔިތުންނާއެކު މަޝްވަރާ ކުރެއްވި އެވެ. މީގެ ސަބަބުން އާންމުންނާއި ނަޝީދާ ދެމެދު ބްރިޖެއް އެޅުނެވެ.
ރާއްޖެއަށް ހާއްސަކޮށް ނެގިފައިވާ ޕޮލްތަކަށް ބަލާއިރު، ސިޔާސީ ލީޑަރުންގެ މަގުބޫލުކަން ބަދަލުވަމުންދާ މިންވަރު ވަރަށް އަވަހެވެ. މި މަސައްކަތް ރާއްޖޭގައި ކުރާ ކަމަށް ފެންނަ ހަމައެކަނި ބަޔަކީ ބާނި ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީ އެވެ.
ބާނިގެ ޕޮލްއެއް އެންމެ ފުރަތަމަ ޝާއިއުކޮށްފައި ވަނީ އޭޕްރީލް، 2023، ގަ އެވެ. އޭގެ ފަހުން މި އަހަރާ ހަމައަށް ބާނިން ވަނީ ދޭތެރެއަކުން އެފަދަ ޕޮލްތައް އާންމުކޮށްފަ އެވެ.
މިއީ ރިޔާސީ އިންތިހާބުގައި ވޯޓުލާނީ ކާކަށްތޯ އެހުމުން ލިބުނުގެ ޖަވާބުތަކުގެ މައްޗަށް ބިނާކޮށް އާންމުކުރި ސާވޭއެކެވެ. އެ ސާވޭގައި ނަޝީދަށް ވޯޓުލާނެ ކަމަށް ބުނީ ހަތަރު ޕަސެންޓު މީހުންނެވެ. އެންމެ ކުރީގައި އުޅުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އެކަމަކު އެއިރު ވެރިކަމުގައި ހުންނެވި ސޯލިހަށް ވޯޓުލާނެ ކަމަށް ވެސް ބުނެފައި ވަނީ 18 ޕަސެންޓު މީހުންނެވެ. ރައީސް އަބްދުﷲ ޔާމީންއަށް ވޯޓުލާނެ ކަމަށް 13 ޕަސެންޓު މީހުން ބުންޏެވެ. ގިނަ މީހުން ބުނެފައި ވަނީ ވޯޓުލާނެ މީހަކު އަދި ނޭނގޭ ކަމަށެވެ. ވޯޓުލާނެ މީހަކު އަދި ނުނިންމާ ކަމަށް 43 ޕަސެންޓު މީހުން ބުންޏެވެ.
މި ޕޮލް ނަގާފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ބޭއްވިތާ ތިން މަސްދުވަސް ފަހުންނެވެ. އެއިރު ނަޝީދާއި ސޯލިހާ ދެމެދު ޖެހުނު މައްސަލަތައް އާންމުންނާ ހަމައަށް ތިލަވާން ވަނީ ފަށައިފަ އެވެ.
މިއީ ވެސް ރިޔާސީ އިންތިހާބުގައި ވޯޓުލާނީ ކާކަށްތޯ އެހުމުން ލިބުނުގެ ޖަވާބުތަކުގެ މައްޗަށް ބިނާކޮށް އާންމުކުރި ސާވޭއެކެވެ.
މި ސާވޭގައި ވެސް ނަޝީދަށް ވޯޓުލާނެ ކަމަށް ބުނީ ހަތަރު ޕަސެންޓު މީހުންނެވެ. އަދި ސޯލިހުގެ ތާއީދު 18 ޕަސެންޓުން 20 ޕަސެންޓަށް ޖެހިލި އެވެ. ޔާމީންގެ ތާއީދު އޮތީ ހަމަ 13 ޕަސެންޓުގަ އެވެ. އެކަމަކު ވޯޓުލާނެ މީހަކު ނުނިންމާ ކަމަށް ބުނި މީހުންގެ އަަދަދު ވަނީ 45 އަށް އިތުރުވެފަ އެވެ.
މި ދުވަސްވަރަކީ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރެވެ. އަދި ދަ ޑިމޮކްރެޓްސް ހެދުމުގެ މަސައްކަތް ވެސް ހަމަ މި ދުވަސްވަރު ކުރިއަށްދިޔަ ކަމަށް ވެ އެވެ.
މި ފަހަރުގެ ސާވޭގައި ނަޝީދުގެ ތާއީދު ހަ ޕަސެންޓަށް އިތުރުވިއިރު ސޯލިހުގެ ތާއީދު 15 ޕަސެންޓަށް ވެއްޓުނެވެ. ޔާމީންގެ ތާއީދު ވެސް 10 ޕަސެންޓަށް ތިރިވި އެވެ. އަދި ވޯޓުލާނެ މީހަކު ނުނިންމާ ކަމަށް ބުނަމުން އައި މީހުންގެ އަދަދު 52 ޕަސެންޓަށް ޖެހިލި އެވެ.
މި ދުވަސްވަރު ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ އެވެ. ނަޝީދާއި ސޯލިހުގެ ފެކްޝަންގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް ކުރިއަށްދަނީ އެވެ.
މި ދުވަސްވަރު ހެދި ސާވޭގައި ނަޝީދުގެ ތާއީދު ހަތަރު ޕަސެންޓަށް ވެއްޓުނުއިރު ރައީސް ސޯލިހާއި ރައީސް ޔާމީންގެ ތާއީދު އިތުރުވި އެވެ.
ސޯލިހަށް 19 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބުނިއިރު، ޔާމީނަށް ވޯޓުލާނެ ކަމަށް 18 ޕަސެންޓު މީހުން ބުންޏެވެ. ވޯޓުލާނެ ވަކި މީހަކު ނުނިންމާ ކަމަށް ބުނި މީހުންގެ އަދަދު އަނެއްކާ ވެސް 47 ޕަސެންޓަށް ވެއްޓުނެވެ.
ދަ ޑިމޮކްރެޓްސް ވަކި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ ވެސް ޖުލައި މަހުގެ ތެރޭގަ އެވެ.
މިފަހަރު ބާނިން ނަގާފައި ވަނީ އެޕްރޫވަލް ރޭޓިންއެކެވެ. ޕޮލްގައި ބައިވެރިވި މީހުންނާ އަހާފައިވާ ސުވާލަކީ ޖުމްލަ 10 މާކުހުން ސިޔާސީ ލީޑަރުންނަށް ދޭކީ ކިހާވަރެއްތޯ އެވެ.
މިީގައި ނަޝީދަށް ލިބިވަޑައިގަތީ 4.9 ގެ ރޭޓިންއެކެވެ. އެންމެ މަތިން ލިބިވަޑައިގަތީ ރައީސް ޔާމީންއަށެވެ. އެމަނިކުފާނުގެ އެޕްރޫވަލް ރޭޓިން އުޅެނީ 5.6 ގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ނާތީޖާ
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކީ ޕާޓީގެ އެތެރޭގެ އިންތިހާބެއް ނަމަވެސް މިއީ ނަޝީދަށް އޮތް ތާއިދު އަޅާކިޔާލަން ރަނގަޅު ފުރުސަތެކެވެ.
އިންތިހާބުގައި ނަޝީދު ވަނީ 21،063 ވޯޓު ހޯއްދަވައިފަ އެވެ. އެއީ ވޯޓުދިން މީހުންގެ 69.16 ޕަސެންޓު ވޯޓެވެ. މީކާއީލްއަށް ލިބިވަޑައިގަތީ 9,263 ވޯޓެވެ. އެއީ ވޯޓުދިން މީހުންގެ ތެރެއިން 30.42 ޕަސެންޓު ވޯޓެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނެގި އެ ވޯޓުން، ޅ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅަކުން ކުރި ހޯދީ ނަޝީދެވެ. އިންތިހާބުގައި ބެހެއްޓި 241 ވޯޓު ފޮށީގެ ތެރެއިން 90 ޕަސެންޓު ވޯޓު ފޮށިން ނަޝީދު ކުރި ހޯއްދެވި އެވެ.
ނަޝީދުގެ ހުނަރުވެރި ޕޮލިޓިކްސް އަދި އަލުން އެމްޑީޕީ ހޯއްދެވި ގޮތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ