އެކުގައި މަސައްކަތް ކުރުމަށް ޕާކިސްތާނާއެކު މަޝްވަރާ ކޮށްފި

ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ޕާކިސްތާނާއެކު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދީ، މިއަދު ޚާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިއީ ޕާކިސްތާނު ސަފީރު، މަގާމުގެ ފަތްކޮޅު އެރުވުމަށް ފަހު މިނިސްޓަރު ޚަލީލްއާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވަނީ ސަފީރު ފައިސަލް ރަސުލް ލޯދި އަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެކަމަށް ޝުކުރުދަންނަވައި ދެ ގައުމުގެ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ސަފީރު ފައިސަލް ރަސުލް ލޯދި ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ދެމެދު ގައި އޮތް ގާތް ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.
މި ބައްދަލުވުމުގައި ފޮރިމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީ އަދި ޑިރެކްޓަރު އަޝީރު އަބްދުލް އަޒީޒް ބައިވެރިވެ ވަޑައިގަތެވެ. 
ޕާކިސްތާނުގެ ސަފީރުގެ އަރިހުގައި އެ ހައިކޮމިޝަންގެ ސެކަންޑް ސެކްރެޓަރީ ޒުލްޤަރުނައިން އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ