އާ ހެކީގެ މައްސަލަ: ސުޕްރީމް ކޯޓުގައި ދެން އޮންނާނީ ހުކުމްކުރުން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ހުށަހެޅި އާ ހެކީގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައި، ހުކުމާ ހަމައަށް ވާސިލުވެއްޖެއެވެ. މި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން މިދިޔަ ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން ހުކުމްކުރިއެވެ. އެކަމަކު، އޭޕްރީލް 18، 2024 ގައި ހައިކޯޓުން ވަނީ މައްސަލަ ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ތަހުވީލުކޮށްފައެވެ. ތުހުމަތުވާ މުއާމަލާތަކީ އޭރު ވ. ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި ޔޫސުފް ނައީމް އަތުން ޑޮލަރު ގަންނަން ހިންގި މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތުން ހެކި ހުށަހެޅިއެވެ. ދަށު ކޯޓުން ޔާމީންގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ކަނޑައެޅީ ޑޮލަރު މާރުކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށް ބުނެ ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތުމަށް ފަހުގައެވެ. ކުރީގެ ރައީސް ޔާމީން މިއަދު ސުޕްރީމް ކޯޓުގައި: އެ ކޯޓުގައި އާ ހެކިތަކާ ގުޅޭ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައި -- އެހެންވެ، އެ ހެކިތައް އެއްފަރާތްކުރަން ހައިކޯޓުގެ ހުކުމުގައި އޮތީ އަންގައިފައެވެ. ދައުލަތުން ވަނީ އެ ކަމާ ހިތްހަމަނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއީ، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ހައިކޯޓުގެ އެ ނިންމުން އަރައިރުންވާ ކަމަށް ބުނެއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތާއި ދިފާއުން ވެސް ވަނީ ފަހު ބަސް އިއްވާފައެވެ. ފަހު ބަސް އިއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވިދާޅުވީ، ދައުލަތުގެ ފަރާތުން ދަށު ކޯޓު މަރުހަލާގައި އާ ހެކި ހުށަހަޅަން ޖެހުނީ ދިފާއުން ޑޮލަރު މާރުކުރަނީ ކަމަށް ބުނެ ދޮގު ހެކިބަސް ދިނުމުން ކަމަށެވެ. އެހެންވެ، ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ އެ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތުން ބަހުސްކޮށް، ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަން އަންގައިދިނުމަށެވެ. ދިފާއުން ވަނީ މި މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ. ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، މި މައްސަލައިގައި ޝަރީއަތުން ސާފުކުރަން ބޭނުންވާ އިތުރު ކަމެއް ނެތް ކަމަށެވެ. އެހެންވެ، ދެން އަޑުއެހުމެއް އޮންނާނީ މި މައްސަލައިގައި ހުކުމްކުރަން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެކަމަކު، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރާނެ ވަކި ތާރީޚެއް ފަނޑިޔާރު ވިދާޅެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ، ދަށު ކޯޓުގައި ކުރިއަށްދާ އަޑުއެހުން ވެސް އޮތީ މެދުކަނޑާލައިފައެވެ. އެހެންވެ، ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދާނީ ސުޕްރީމް ކޯޓުން އާ ހެކީގެ މައްސަލައިގައި ހުކުމްކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ