އައިއޭއޭ އަށް އެއްބާރުލުން ދިނުން ހުއްޓާލުމުގެ ބިލު އީރާނުގެ ރައީސް ތަޞްދީޤުކުރައްވައިފި

ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއޭ)އަށް އީރާނުން އެއްބާރުލުންދިނުން ހުއްޓާލުމަށް ސަރުކާރަށް ލާޒިމުކުރާ ބިލު އެ ޤައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ތަސްދީޤުކުރައްވައިފިއެވެ.
އީރާނުގެ ރަސްމީ ޕްރެސް ޓީވީ އާއި އެހެނިހެން އީރާނީ ނޫސްތަކުން ވަނީ މިކަން ހާމަކޮށްފައެވެ.
ފާއިތުވި ހަފްތާގައި އީރާނުގެ ޕާލިމަންޓުން ވަނީ އައިއޭއޭއާއެކު އެއްބާރުލުން ހުއްޓާލުމުގެ ބިލު ފާސްކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އިޒްރޭލާއި އެމެރިކާއާއެކު ފަހަކަށް އައިސް ހިނގި ހަނގުރާމައިގެ ކުރިމަތިލުންތަކާ ގުޅިގެން، ނިއުކްލިއަރ ހަރަކާތްތައް މޮނިޓަރކުރުމާއި ހާމަކަން ބޮޑުކުރުމާ ގުޅޭގޮތުން ތެހެރާނާއި އދ. ގެ ނިއުކްލިއަރ ބެލެނިވެރި ޖަމްޢިއްޔާއާ ދެމެދު އުފެދިފައިވާ ހިތްހަމަނުޖެހުންތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.
މި އައު ޤާނޫނުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
އިންސްޕެކްޝަންތަކަށް ހުއްދަ ހޯދުން: މީގެ ފަހުން އައި.އޭ.އީ.އޭ އިން އިރާނުގެ ނިއުކްލިއަރ ތަންތަން ބަލާ ފާސްކުރުމަށް ތެހެރާންގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ޚާއްޞަ ހުއްދައެއް ހޯދަންޖެހޭނެއެވެ.
ފުޅާ ދާއިރާއެއްގައި އެއްބާރުލުން ހުއްޓާލުން: މި ޤާނޫނުގެ ދަށުން އެން.ޕީ.ޓީ އާއި އެއާ ގުޅުންހުރި ސޭފްގާޑްސް އެއްބަސްވުމުގެ ދަށުން އައި.އޭ.އީ.އޭ އާއެކު ކުރަމުންދިޔަ "ހުރިހާ އެއްބާރުލުމެއް" ވަގުތުން ހުއްޓާލަންޖެހޭނެއެވެ.
ޝަރުތުތަކަކާއެކު އަލުން ގުޅުން ބަދަހިކުރުން: މި ހުއްޓާލުން ދެމިއޮންނާނީ ވަކި ޝަރުތުތަކެއް ފުރިހަމަވަންދެނެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި އިރާނުގެ ނިއުކްލިއަރ ތަންތަނާއި ސައިންޓިސްޓުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ހިމެނެއެވެ.
އައި.އޭ.އީ.އޭގެ އިސްވެރިޔާއަށް އިރާނަށް ވަނުން މަނާކުރުމުގެ އިޙްތިމާލު: އައި.އޭ.އީ.އޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ އަށް އިރާނަށް ވަނުން މަނާކުރުމަށް ވެސް ވިސްނަމުންދެއެވެ. އިރާނުގެ އިސްވެރިން ގްރޮސީ އަށް ފާޑުކިޔަނީ އިރާނަށް ދިން ހަމަލާތައް ކުށްވެރިނުކުރުމާއި، އިރާނާ ދެކޮޅަށް ކުރެވުނު "އަނިޔާވެރިކަމަށް" މަގުފަހިކޮށްދިން ކަމަށް ބުނެއެވެ.
މި ޤާނޫނުން އައި.އޭ.އީ.އޭ އަށް އިރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ވަދެ ބެލުމާއި ބެލެހެއްޓުމަށް ބޮޑެތި ހުރަސްތަކެއް އަޅައެވެ. އިރާނުން މިކަން ޖަސްޓިފައިކުރަނީ އައި.އޭ.އީ.އޭ އަކީ ސިޔާސީ ގޮތުން ވަކިފަރާތަކަށް ޖެހިފައިވާ ޖަމިއްޔާއެއް ކަމަށާއި، އިރާނުގެ ނިއުކްލިއަރ އިންފްރާސްޓްރަކްޗަރ ހަމަލާތަކުން ރައްކާތެރިކޮށްދިނުމަށް ފެއިލްވެފައިވާ ކަމަށް ބުނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ