އެންމެން މި ބަހަނީ ކޮން ހުދު ލިލީތަކެއް؟
މި ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި ސޯޝަލް މީޑިއާ އަޅުވާލާއިރަށް ކޮންމެވެސް ދޭތެރެއަކުން ހުދު ލިލީއެއް ފެނިގެންދެއެވެ. ކޮންމެވެސް މީހަކަށް ހުދު ލިލީއެއް ދީފައި ޕޯސްޓް ކުރަނީއެވެ. އަނެއްބަޔަކު އެ ބޭނުންވެގެން އުޅެނީއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މި ދެތިން ދުވަހެއްގައި ސޯޝަލް މީޑިއާ ފުރާލާފައިވަނީ ހުދު ލިލީ މާތަކަކުންނެވެ. މި ކަމެއް ފަށާފައިވަނީ ދިވެހި ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ ކްރިއޭޓިވް ނެޓްވޯކުންނެވެ. މި ޕްރޮޑަކްޝަންގެ ޕޭޖުގައި އަންނަނީ ހުދު ލިލީ ޕޯސްޓު ކުރަމުންނެވެ. އެކި މީހުންނަށް ހުދު ލިލީތަކެއް ދޭތަން ފެންނަ އެތައް މަންޒަރުތަކެއް މިހާރު އެބަ ދައުރުވެއެވެ. ޕްރެޒެންޓަރު އިނާޔަތު އަލީ ލިލީ މާ ހިފައިގެން-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް މި މާތައް ލިވެބުންދަނީ އެކި ތަރިންނާއި އެކި އިންފްލުއެންސަރުންނަށެވެ. މާ ނުލިބިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް މިކަމުގެ ފަހަތުގައިވާ ސަބަބެއް އެކަކަށްވެސް ނޭނގެއެވެ. ކްރިއޭޓިވް ނެޓްވޯކުން ހާމަކުރަން އަދި ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި މާތަކުގެ ފަހަތުގައިވާ ސަބަބުތަކެއް އެނގިގެން ދާނެ ކަމަށް ޕްރޮޑަކްޝަނުން ހާމަކުރެއެވެ. ބެލެވޭގޮތުގައި މިއީ އެ ޕްރޮޑަކްޝަނުން މިދިޔަ މަހުގައި އާންމުކޮށްފައިވާ ޓްރެއިލަރާ ގުޅުންހުރި ކަމަކަށް ވެދާނެއެވެ. އަލަށް ފިލްމު އިންޑަސްޓްރީއަށް ނިކުންނަ މި ޕްރޮޑަކްޝަނުން މިދިޔަ މަހުގައި ވަނީ މުޅީން އާ އުފެއްދުމެއްގެ ޓީޒަރެއް އާންމުކޮށްފައެވެ. މި ޓީޒަރަކީ ސްޓޫޑިއޯގެ ސޯޝަލް މީޑިއާގެ އެންމެ ފުރަތަމަ ޕޯސްޓުގެ ގޮތުގައި ހިމެނޭ އެކައްޗެވެ. ޒުވާން ދެ އެކްޓަރުން ލިލީ މާ ހިފައިގެން-- ފޮޓޯ: ކްރިއޭޓިވް ނެޓްވޯކް މާ ގިނަ މައުލޫމާތެއް ލިބިފައި ނުވާ ޓީޒަރާ ގުޅޭގޮތުން އާ މައުލޫމާތުތަކެއް އާންމުކުރުމަށް ލިލީ ބޭނުންކޮށްގެން ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީކަމަށް ބެލެވެއެވެ. މި ލިލީތައް ބެހުމުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަމުންދަނީ ޒުވާން ފަންނާނުން ކަމަށްވާ އައިޝާ އަލީ އާއި މަރިޔަމް ޝިމާގެ އިތުރުން މުހައްމަދު އިޝްފާން އަދި އަހުމަދު ޝާރިފެވެ. އެހެންވީމާ މި ލިލީ ތަކާއި އަލަށް އާންމުކުރަން އުޅޭ ކަންތަކާ، މި ތަރީންނާ ކޮންމެވެސް ގުޅުމެއް ހުރި ކަމަށްވެސް ބެލެވެއެވެ. ކޮންމެގޮތެއް ވިޔަސް މި ލިލީތަކުގެ ހަގީގަތެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެނގިގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ