ތަޢުލީމީ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މިއަދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީ އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ތަޢުލީމީ ދާއިރާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުވުމުގައި ތަޢުލީމީ ވަޒީރު، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރަށް މަރުޙަބާ ދެންނެވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ސަފީރު ދެއްވިއެވެ.
ރާއްޖެއާއި ސައުދީ އަރަބިއްޔާއަކީ ތަޢުލީމީ ދާއިރާއިން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ސައުދީ އަރަބިއްޔާގެ އެކި މަތީ ތަޢުލީމުގެ މަރުކަޒުތަކުގައި ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާއިރު، އެ ޤައުމުގެ ސަރުކާރުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތައްވެސް ފޯރުކޮށްދެމުން ގެންދެއެވެ.
ތަޢުލީމީ ދާއިރާއިން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ