އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުން މުހިންމު ނަމަވެސް މިއަދު ރާއްޖޭގެ އިގުތިސޯދު އޮތް ހާލަތުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ވެސް ތިބީ މާޔޫސްވެ، ހަދާނެ ގޮތް ހުސްވެފައި ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޓޭ ވަނީ ވިޔަފާރިތައް ތިބީ ވަރަށް ހާލުގައި ކަމަށް ވިދާޅުވެފަ އެވެ.
"އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމަކީ މުހިންމު ކަމެއް. މި ނޫން އެހެން ގޮތެއް ރާއްޖޭގެ އިގުތިސޯދު ކުރިއަށްގެންދަން ހޯދަން އެބަޖެހޭ. ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިތައް އެ ތިބީ މާޔޫސްވެފައި. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އެ ތިބީ މާޔޫސްވެފައި، ހަދާނެ ގޮތް ހުސްވެފައި،" މަޓޭ ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށާއި ގައުމުގެ މާލީ ހާލަތު މިހާ ދަށްވެގެން ދާއިރު ވެސް ބަހެއް ވިދާޅުނުވާ ކަމަށް މަޓޭ ވިދާޅުވި އެވެ. އޭނާ ވަނީ އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރުމަށް ގޮވާލައްވާފަ އެވެ.
"މި ހާލަތަށް ގައުމު ދުއްވާލަން ހެޔޮ ނުވާނެ. ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ލެވެލްއަށް ގައުމުގެ އިގުތިސޯދީ ހާލަތު ދަށްކުރާން، ވައްޓާލަން ހެޔޮ ނުވާނެ. މި ނޫން އެހެން ގޮތެއް މި ރާއްޖެއަށް ހޯދައިދީ ވިޔަފާރިތަކާއި ވިޔަފާރިވެރިންނާއި ޒުވާނުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭން ޖެހޭ،" މަޓޭ ވިދާޅުވި އެވެ.
ރާއްޖޭގެ މުޅި އިގުތިސާދު ޓޫރިޒަމަށް ބިނާވެފައިވާއިރު މިއީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެރަ ދުވަހެއްކަން މަޓޭ ތަފްސީލު ކޮށްދެއްވި އެވެ.
"މިއަދަކީ އަލަށް ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މި މަހު ވެގެންދިޔައީ ޒަމާނުއްސުރެ ލިބެމުން އައި ސާވިސް ޗާޖު ދިވެހި ރުފިޔާއަށް ބަދަލުވި ހާލަތަކަށް. ކިހިނެއްތޯ މި ބޭބޭފުޅުންގެ ވިސްނުން ފުޅާކޮށް، ގައުމާ ދޭތެރޭ ވިސްނައި ވިޔަފާރި އެއް ކުރުމާ މެދު ވިސްނާނީ. މުޅި ގައުމުގެ އިގުތިސޯދީ މިސްރާބު ހުރީ ފަހަތަށް،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރައްވާ މަޓޭ ވިދާޅުވި އެވެ.
ރާއްޖޭގެ ޑޮލަރުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށާއި މިފަދަ ބިލެއް ހުށަހެޅި ނަމަވެސް އޭގެ ފައިދާ ނެގޭނެ ހާލަތުގައި ވިޔަފާރިތަކެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ބަހުސްގައި ދެއްކެވި ވާހަކަ ނިންމަވާލައްވަމުން މަޓޭ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމަށް ގޮވާލައްވައިފަ އެވެ.
ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ވެސް ތިބީ މާޔޫސްވެ، ހަދާނެ ގޮތް ހުސްވެފައި: މަޓޭ ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ވެސް ތިބީ މާޔޫސްވެ، ހަދާނެ ގޮތް ހުސްވެފައި: މަޓޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ