ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޗެލްސީން ޕީއެސްޖީއާ ދެކޮޅަށް "ރާޒުވާ ކުޅުމުގެ ވިސްނުމާ އެކު" ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ޗެލްސީން ޕީއެސްޖީއާ ދެކޮޅަށް "ރާޒުވާ ކުޅުމުގެ ވިސްނުމާ އެކު"

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 13) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޕީއެސްޖީއާ ދެކޮޅަށް ޗެލްސީން ނުކުންނައިރު އެ ޓީމުން މި މެޗުގައި ކުޅޭނީ ރާޒުވާ ކުޅޭއިރު ވިސްނަންޖެހޭ ވަރަށް ޝައުގުވެރިކަމާ އެކު ކަންކަން ކޮށްގެން ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، މަރެސްކާ ބުނީ، ޕީއެސްޖީ އަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށެވެ. އެކަަމަކު، ޗެލްސީން ވިސްނުންތެރިކަމާ އެކު ކުޅެފިނަމަ، ހައިރާންކުރަނިވި ނަތީޖާއެއް ނެރުމުގެ ގާބިލުކަން އެ ޓީމުގެ ކިބައިގައި އެބަހުރި ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ.
"އަހަރެން ވަރަށް ޝައުގުވެރިވޭ ރާޒުވާ ކުޅެން. އަދި ރާޒުވާ ކުޅޭތަން ބަލަން ވެސް. އަހަންނަށް ހީވަނީ ފުޓްބޯޅަ އަކީ ވެސް ރާޒުވާ ކަހަލަ ކުޅިވަރެއް ހެން. އިދިކޮޅު ކުޅުންތެރިޔާ މޫވެއް ކުރީމަ އަހަރެެމެން ވެސް މޫވް އެއް ކުރަނީ. ރަނގަޅަށް އެ މޫވަކާ ކުރިމަތިލާން ޖެހޭ. އަހަންނަށް ހީވަނީ ފައިނަލް މެޗު ވެސް ވާނީ މި ކަހަލަ މެޗަކަށް ހެން،" މަރެސްކާ ބުންޏެވެ.
ޗެލްސީ އަށް ޕީއެސްޖީ ބަލިކުރެވޭނެ ކަމުގެ މިސާލު ދައްކަން މަރެސްކާ ވަނީ މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ އެހެން ނަތީޖާތަކެއްގެ ވާހަކަ ވެސް ދައްކައިފަ އެވެ.
"ޕީއެސްޖީ އަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު މި ވަގުތަށް، އެކަމަކު، މި މުބާރާތުގައި ފެނިއްޖެ، ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ އިންޓަ މިލާން އަތުން ފްލުމިނެންސޭ މޮޅުވިތަން، އަލް ހިލާލް އަތުން ބަލިވެ މެންޗެސްޓާ ސިޓީ ކެޓިތަން. ދެން، ބޮޓަފޯގޯ އިން އެބައޮތް ޕީއެސްޖީ ބަލިކޮށްފައި، ހަމަ އެ ގޮތަށް އަހަރެމެންގެ ސްޓައިލް ވެސް ތަފާތު،" މަރެސްކާ ބުންޏެވެ.
މިއީ، 2016 ވަނަ އަަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ޕީއެސްޖީން ޗެލްސީ ކަޓުވާލި ފަހުން މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ، ފައިނަލަށް ނުކުންނައިރު، އެ ޓީމަކީ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް ޗެލްސީ އަށް ވެސް އެ ފުރުސަތު އެބައޮތްކަން އޭނާ ގަބޫލުކުރާ ކަމަށެވެ. ޗެލްސީ އަކީ މި މުބާރާތުގައި ވަރަށް ތަފާތު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަމަށާއި މެޗުތަކުން މޮޅުވާން ކުރަން ޖެހޭ ކަންކަން ބަރާބަރަށް ކުރާ ޓީމެއްގެ ގޮތުގައި ސިފަކޮށް އެ ޓީމަށް އެންރީކޭ ވަނީ ތައުރީފުކޮށްފަ އެވެެ.
ޕީއެސްޖީން މި މެޗަށް ނުކުންނައިރު، ޑިފެންޑަރު، ވިލިއަން ޕަޗޯ އާއި ލޫކަސް ހެނާންޑޭޒް ވަނީ ސަސްޕެންޑްވެފަ އެވެ. ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ