އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން، ވޯލްޑް ކަޕްގައި ކުޅޭ ވިއެޓްނާމް އަތުން 7-0 އިން ބަލިވެއްޖެ އެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީ، ކޮލިފައިން ކުރިއަށްދާ، ވިއެޓްނާމް އާއި ރާއްޖޭގެ އިތުރުން، ގުއާމް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. އެމެރިކާގެ ކުޅުންތެރިން ހިމެނޭ ގުއާމާ ދެކޮޅަށް ޔޫއޭއީ އިން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
އެންމެ ފަހުން، ބޭއްވި އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ވިއެޓްނާމް އިން ރާއްޖެއާ ދެކޮޅަށް މިއަދު ކުޅުނު މެޗުގައި، ފުރަަތަަމަ ހާފު ނިންމާލީ ހަ ގޯލު ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގައި ރާއްޖޭން ކުޅުން ރަނގަޅުކޮށް، ޑިފެންސްގައި ރަނގަޅަށް މަސައްކަތްކުރިއިރު، އިތުރަށް ޖެހުނީ އެންމެ ގޯލެކެވެ. ވިއެޓްނާމް އަކީ އަންހެން ފުޓްބޯޅައިގެ ދުނިޔޭގެ ރޭންކިންގެ 37 ވަނަ އެވެ. ރާއްޖެ އޮތީ 163 ވަނައިގަ އެވެ.
އާސިއާން ގައުމުތަކުގެ އަންހެން މުބާރާތް ތިން ފަހަރު އަދި، އާސިއާންގެ ގޭމްސްގެ އަންހެން ފުޓްބޯޅައިގެ ރަން މެޑަލް އަށް ފަހަރު ހޯދާފައިވާ ވިއެޓްނާމްއާ ދެކޮޅަށް އެންމެ ފަހުން، ބޭއްވި އޭޝިއަން ވިމެންސް ކަޕް ކޮލިފައިންގައި ވެސް ރާއްޖޭން ކުޅެން ޖެހުނެވެ. އެ ގޮތުން، 2022 ވަނަ އަހަރު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 16-0 އިންނެވެ.
ވިއެޓްނާމް އިން ވަނީ އެންމެ ފަހުން ބޭއްވި ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވެސް ކުޅެފަ އެވެ. އެ މުބާރާތުގައި، އެމެރިކާ އަތުން 3-0 އިން، ޕޯޗުގަލް އަތުން 2-0 އިން ބަލިވިއިރު، ނެދަލެންޑްސްގެ އަތްދަށުވީ 7-0 އިންނެވެ.
މިއަދުގެ މެޗަކީ، ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އަލުން ހަވާލުވި ކޯޗު، މުހައްމަދު އާތިފް (އާތީ) މި ފަހަރު ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން، އޭނާ ހުރިއިރު ގައުމީ އަންހެން ޓީމުން ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ. އެންމެ ފަހުން އާތީ ގައުމީ އަންހެން ޓީމުގައި ހުރީ 2019 ވަނަ އަހަރު އެވެ. އާތީގެ ކޯޗުކަމުގައި އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމުން ނަތީޖާތަށް ރަނގަޅުކުރިއިރު، ސިންގަޕޫރުގައި ބޭއްވި ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ ހޯދި އެވެ.
ރާއްޖޭގައި، އެންމެ ފަހުން، އެފްއޭއެމް އިން ކްލަބްތަކަށް ހާއްސަކޮށްގެން، ބޮޑު ފުޓްބޯޅަ މުބާރާތެއް 2014 ވަނަ އަހަރު ބޭއްވިއިރު، އެ ފަހުން، އަމިއްލަ ގައުމުގައި މުބާރާތެއް ނުކުޅެ، ސީދާ އިންޓަނޭޝަނަލް މެޗުތަކަށް ގޮސް ނަތީޖާ ނެރެން ހުރި ގޮންޖެހުންތަކުގެ ވާހަކަ އަބަދުވެސް ކުޅުންތެރިން ފާހަގަކުރެ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި، އަންނަ ބުދަ ދުވަހު ކުޅޭނީ ގުއާމްއާ އެވެ.
ވޯލްޑް ކަޕްގައި ކުޅޭ ވިއެޓްނާމާ ދެކޮޅަށް ރާއްޖޭން ރަނގަޅު ވާދައެއް ވޯލްޑް ކަޕްގައި ކުޅޭ ވިއެޓްނާމާ ދެކޮޅަށް ރާއްޖޭން ރަނގަޅު ވާދައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ