އަދުގެ ސަރުކާރުން ސްރީލަންކާއާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދެއްވައިފި އެވެ.
އެމަނިކުފާނު އެ ޔަގީންކަން ދެއްވީ، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި މިރޭ ދެއްވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ އަވަށްޓެރިކަމުގެ ގުޅުމަށްވުރެ މާ ބޮޑު ގުޅުމެއްކަމުގައި ވިދާޅުވި އެވެ.
އަދި ވިދާޅުވީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި ސުލްހަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމާއި، އެއްބައިވަންތަކަމާއި، އެއްވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ މުސްތަގްބަލެއް ބިނާކުރުން ހިމެނޭހެން، ހިއްސާ ކުރެވޭ އުންމީދުތައް ހާސިލްކުރުމުގައި، އަދުގެ ސަރުކާރުން ސްރީލަންކާއާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި މިރޭ ދެއްވި ފުރަމާނަ ޖާފަތް --
60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީހާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހިގުޅުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމުގައި ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ބަހައްޓާ ގާތްކަމާއި، އަދާކުރާ ހޫނު މެހެމާންދާރީއާއި، އެ ރައްޔިތުންގެ ދީލަތިކަމަކީ ދިވެހީންގެ ހިތްތަކުގައި އެތައް ޒަމާނަކަށް ދެމި ހުންނާނެ އަސަރުތަކެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި މިރޭ ދެއްވި ފުރަމާނަ ޖާފަތް --
އަދި ފަތުރުވެރިކަމާއި ޑިޖިޓަލް ޓެކްނޮލޮޖީއާއި ސަގާފަތާއި ސެކިއުރިޓީ ފަދަ ދާއިރާތައް ހިމެނޭ ގޮތަށް، ދޭދޭ އިގްތިސާދީ އަދި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިވަމުންދާދިއުން ފާހަގަ ކުރެއްވި އެވެ. ހަމަ މިއާއެކު، އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާތައް ހިމެނޭހެން، ދެ ގައުމުގެ މެދުގައި އޮތް ގުޅުމުގެ ވަރުގަދަކަން ދައްކުވައިދީ، ހަލުވިކަމާއެކު ތަރައްގީ ވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމުގެ އެއް އަމާޒެއްގައި މަސައްކަތްކުރެއްވުމުގެ ރޫހް، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހާމަކުރެއްވި އެވެ.
އަދި ދެ ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް އިޝާރާތް ކުރައްވައި، އެއީ މާނަހުރި އަދި ބިނާކުރަނިވި މަޝްވަރާ ތަކެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ..
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ސްރީލަންކާއާ ގުޅިގެން އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދެއްވުމަށާއި، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ރާއްޖެއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މި ސަރުކާރުން ލަންކާއާއެކު ވަރަށް ގާތުން މަސައްކަތް ކުރާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ