ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހާއްސަ މަންދޫބު ސާޖިއޯ ގޯ، ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވަން ހަމަޖެއްސެވި އެޕޮއިންޓްމަންޓް ކެންސަލް ކުރެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފި އެވެ.
ގޯ ފުރާވަޑައިގަތީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ބައްދަލު ކުރެއްވުމަށްފަހު އެވެ. ރައީސް މުއިއްޒުއާ ބައްދަލު ކުރައްވަން ވެސް އޭނާ އެޕޮއިންޓްމެންޓެއް ހަމަޖެއްސެވި އެވެ. އެކަމަކު، ގޯ ފުރާވަޑައިގަތީ އެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު އެވެ.
މުއިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު ގޯ ފުރާވަޑައިގެންނެވިއިރު، މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާދިނުމަށް ވެސް ރައީސް މިއަދު ހިތްވަރުދެއްވި އެވެ.
"މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
މަންދޫބު ގޯއަކީ އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް މެ އެވެ. އޭގެ އިތުރުން އޭނާއަކީ ޓްރަމްޕުގެ އެޑްވައިޒަރެކެވެ. އެމެރިކާގެ މީޑިއާތަކުގައި ލިޔެފައި ހުރި ވާހަކަތަކަށް ބަލާއިރު ގޯއަކީ ޓްރަމްޕު ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރެވެ.
އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް ޓްރަމްޕުގެ މަންދޫބު ގޯ އެދިވަޑައިގެންފައިވާ ކަމަށް ވެސް މިއަދު މުއިއްޒު ވިދާޅުވި އެވެ. އެކަމަކު، އިރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގެ އެއްވެސް ވާހަކައެއް މަންދޫބާ ނުދައްކަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން، ގޯ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު އޭނާ ރާއްޖޭގައި ހުންނަވަނިކޮށް މަރާލަން ގޮވާލި މައްސަލައެއް ވެސް ފެންމަތިވެފަ އެވެ. ގޯ މަރާލަން ގޮވައިލީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ހުސެއިން އަހުސަންގެ ނަމުގައި ހިންގާ އެކައުންޓަކުންނެވެ. ގޯ މަރާލަން ޖެހޭ ކަމަށް އެ އެކައުންޓުން ބުނީ ރާއްޖެއަށް ކުރައްވާ ދަތުރު އިއުލާނު ކުރި ދުވަހު އެވެ.
"އެންމެން ނުކުމެ ރަޖަމްކޮށް މަރާލަންވީ. ސާޖިއޯ ގޯ އެބަ ރާއްޖެ އާދޭ ދިވެހި ސަރުކާރާ ބައްދަލު ކުރަން. އޭނާއަކީ އެމެރިކާ މީހެއް،" އިނގިރޭސިން ކުރި ޕޯސްޓެއްގައި އެ އެކައުންޓުން ބުނެފައިވެ އެވެ.
ބަހުގެ ހަމަލާތަކެއް ދިނުމުން މުއިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު ޓްރަމްޕުގެ މަންދޫބު ރާއްޖެއިން ފުރާވަޑައިގެންފި ބަހުގެ ހަމަލާތަކެއް ދިނުމުން މުއިއްޒުގެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު ޓްރަމްޕުގެ މަންދޫބު ރާއްޖެއިން ފުރާވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ