ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ވަނީ ބަހައްޓާފައެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދގައި ބެހެއްޓި ފުރަތަމަ ފަހަރެވެ. އދ. ގައި ބެހެއްޓި ތުނޑު ކުނާ ފަރުމާކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް މަޝްހޫރު، ގދ ގައްދޫގެ 2 ކަނބަލުންނެވެ.
މި ތާރީޚީ ކުނާ ވިޔުމުގެ މަސައްކަތްކޮށްފައިވަނީ ގދ. ގައްދޫގެ 2 ކަނބަލުން ކަމަށްވާ މަރިޔަމް ރަޝީދާ (މަރިޔަމްފާނު) އާއި ޝަމީމާ ނާސިރެވެ. މި 2 ކަނބަލުންވެސް ވަނީ ތުނޑުކުނާ ވިޔުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް ޕީއެސްއެމް ނިއުސްއާއި ހިއްސާކޮށްފައެވެ.
މި 2 ކަނބަލުން ބުނި ގޮތުގައި މި ކުނާ ވިޔަން ހޭދަވެފައިވަނީ 1 މަސްދުވަހުގެ މުއްދަތެކެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 5 ގަޑިއިރު ކުނާ ވިޔުމުގެ މަސައްކަތުގައި ވަނީ ހޭދަކޮށްފައެވެ. ކުނާ ވިޔުމަށް ބޭނުންކޮށްފައިވަނީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެވެ. މި ކުނާ ވިޔެ ނިންމާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.
މި ކުނާ ވިޔެފައިވަނީ 1886 ހިސާބުގައި ބްރިޓިޝް މިއުޒިއަމަށް ގެންދިޔަ ކުނަލެއް އަސްލަކަށް ބަލައިގެން ދިވެހި ފަންނުވެރިކަން ފެންނާނެގޮތަށެވެ. އަދި ކުނާ ވިޔެފައިވަނީ ގައްދޫގެ ކަމާބެހޭ ތަޖުރިބާކާރުންގެ ލަފައާއެކު އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި މަޝްވަރާކުރުމަށްފަހު އަމިއްލައަށް ދިރާސާކޮށްގެންނެވެ.
ކުނާ ވިޔުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ މަރިޔަމް ރަޝީދާއެވެ. މަރިޔަމް ރަޝީދާ ކުނާ ވިޔުމުގެ މަސައްކަތް ދަސްކޮށްފައިވަނީ އުމުރުން 16 އަހަރުގައި އަމިއްލަ މަސައްކަތެއް ދަސްކުރަން ބައްޕަ ދިން ނަސޭހަތުގައި ހިފައިގެން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ނިޔަތުގައި މިއީ އާމްދަނީވެސް ލިބޭ މަސައްކަތަކަށް ވާތީއެވެ.
މި ކުނާ ވިޔުމުގެ މަސައްކަތް މަރިޔަމް ރަޝީދާ ކޮށްފައިވަނީ ގާތްގަނޑަކަށް ކުނާ ވިޔުމުގެ މަސައްކަތާއި 25 އަހަރު ދުރުގައި އުޅުމަށް ފަހުއެވެ. އުމުރުން މިހާރު 74 އަހަރުގެ މަރިޔަމް ރަޝީދާ ބުނިގޮތުގައި މިހާތަނަށް ކުނާ ވިޔުމުގެ މަސައްކަތުގައި ކުރެވިފައިވާ އެންމެ ފާހަގަކުރެވޭ މަސައްކަތަކީ ކަޅުއޮއްފުންމި ކުނަލުގައި ހިމަނައިގެން އަމިއްލައަށް ވިޔުނު ކުނަލެކެވެ. އަދި ޤައުމީ ނިޝާން ހިމަނައިގެން ވިޔުނު ކުނަލެއްވެސް އެއީ ވަރަށް ފާހަގަކުރެވޭ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.
"އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ރައީސް މައުމޫނުގެ ދައުރުގައި ރައީސް އޮފީހުން ފޮނުވި ނަމޫނާއަކަށް ދިވެހި ގައުމީ ނިޝާން ޖަހައިގެން ވިޔުނު ކުނާ". މަރިޔަމް ރަޝީދާ ބުންޏެވެ.
މި ކުނާ ވިޔުމުގެ މަސައްކަތުގައި މަރިޔަމް ރަޝީދާއާއެކު ބައިވެރިވެފައިވާ ޝަމީމާ ނާސިރު ކުނާ ވިޔުމުގެ މަސައްކަތް ދަސްކޮށްފައިވަނީ އުމުރުން 15 އަހަރުގައި ރަށުގައި ކުނާވިޔާ އެކިއެކި މީހުންގެ ކައިރިއަށް ގޮސްގެން އަމިއްލައަށް ކުނާ ވިޔަން ދަސްކުރަން ބޭނުންވެގެންނެވެ. ކުނާވިޔަން ދަސްކުރުމަށްފަހު ޝަމީމާ ވިޔުނު ފުރަތަމަ ކުނާވެސް ވިއްކާފައިވަނީ 18،000 ރުފިޔާއަށެވެ. މި މަސައްކަތުގައި ޝަމީމާ އުޅޭތާ މިހާރު 30 އަހަރެވެ.
އދ. މަރުކަޒުގައި ބެހެއްޓި ކުނާ ވިޔުމުގެ މަސައްކަތުގައި ޝަމީމާ ބައިވެރިވެފައިވަނީ މިފަދަ ކުނަލެއް ވިޔަން ދައުވަތު ލިބިފައިވާކަމަށް މަރިޔަމް ރަޝީދާ ބުނުމުން މި ކުނާ ވިޔުމުގެ މަސައްކަތުގައި ބައިވެރިވުމަކީ އުފަލެއްކަމުގައި ދެކި މަރިޔަމް ރަޝީދާގެ ހުނަރުވެރިކަމުންވެސް އިތުރަށް ކުނާވިޔުމުގެ ހުނަރު ދަސްވާނެކަމަށް ދެކިގެންނެވެ.
"މި ކުނާ ވިޔުމުގެ މަސައްކަތައް ގާތްގަނޑަކަށް 1 މަސްދުވަސް ހޭދަވި. މި މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނީތީ ވަރަށް އުފާވޭ." ޝަމީމާ ބުންޏެވެ.
މި ކުނާ ވިޔުމުގެ މަސައްކަތުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ފަޚުރެއްކަމަށް ކުނާ ވިޔުމުގެ މަސައްކަތްކޮށްފައިވާ 2 ކަނބަލުންވެސް ވަނީ ބުނެފައެވެ. އަދި މި މަސައްކަތާ މެދު ވަރަށް
އުފާވާކަމަށް ވަނީ ބުނެފައެވެ.
މި ތުނޑު ކުނަލަކީ ދިވެހިރާއްޖެ އިން އދ.ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެއް ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ތުނޑު ކުނަލެއް އދ.ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ނިއުޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ. އދ. ގެ މައި މަރުކަޒުގައި މިތުނޑުކުނާ، އިފްތިތާޙްކޮށްދެއްވީ އދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.
ދިވެހި ޚާރިޖީއްޔާއިން ވަނީ މި ތުނޑުކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެއްކަން ފާހަގަކޮށްފައެވެ.
ތާރީޚީ ތުނޑު ކުނާ އދ. ގެ މައި އިދާރާއަށް، ގައްދޫގެ 2 ކަނބަލުންނަށް ޝަރަފެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ