"ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބޭނެ"

ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއްނެތި ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމދު ސަޢީދު ދެއްވައިފިއެވެ.
މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމަ ފުޅާވެ، އެކަމުގެ ރައްދު ހަމަލާތައް ގަލްފް ޤައުމުތަކަށް އަމާޒުވެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިގެން ގޮސްފައެވެ. މިކަމަށް އިޝާރާތްކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު ވިދާޅުވީ ތެލުގެ އަގު އުފުލުމުގެ އިތުރަށް، ތެލުގެ ސަޕްލައިއަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިހާލަތުގެ އަސަރު ދިވެހި ރައްޔިތުންނަށް ޤައުމަށް ކުރާ މިންވަރު ވީހާވެސް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން ސަރުކާރުން އަވަސް ރޭވުންތެރި ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިދާޅުވިއެވެ. މިއާއެކު އެސްޓީއޯއިން ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭހެން ދަމަހައްޓަމުން ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ ތެލުގެ ދެ ޝިޕްމަންޓެއް މިދިޔަ ހަފްތާގައި ރާއްޖެއަށްވަނީ ގެނެސްފައެވެ. އެސްޓީއޯއިން ތެޔޮ އެތެރެކުރަމުންދާ ގޮތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އޭގެ އިތުރަށް ސަޕްލަޔަރުންނާއެކު ހެދިފައިވާ ނޮމިނޭޝަން އެއްބަސްވުންތަކުގެ ދަށުން ކަމަށެވެ. ނޮމިނޭޝަން އިންތިޒާމުތަކަކީ ދުރާލާއި ތެޔޮ ގަންނަން އޯޑަރު ދީ، އެބަލާ ދާ ދުވަހާއި އުޅަނދުގެ މައުލޫމާތު ސަޕްލަޔަރުންނާއި ހިއްސާކޮށްގެން ކުރިއަށް ގެންދެވޭ މުޢާމަލާތްތަކެކެވެ. މިގޮތަށް މިހާރު ދެ ޝިޕްމަންޓެއްގެ ތެޔޮ ގެނެސްފައިވާއިރު ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ތާރީޚުތަކާއި އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމަންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެކަމަށް މީގެ ކުރިންވެސް ސަރުކާރުން ދެއްވާފައިވާ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހާއި އަސާސީ ބާވަތްތަކުގެ ކާބޯތަކެތި ﷲ އިރާދާފުޅާއެކު އެއްވެސް ދަތިކަމެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު ރާއްޖޭގެ ބާޒާރުގައިވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ. ސަރުކާރުން ވަނީ ތެލުގެ އަގަށް އަންނަ ބަދަލާއެކު ރައްޔިތުން އެކަމުގެ ފުރިހަމަ ބުރަ އުފުލަން ނުޖެހޭނެހެން އަގު އުފުލޭ މިންވަރުން ބައެއް އެސްޓީއޯގެ ފައިދާގެ ތެރެއިން ސަބްސިޑައިޒް ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ބާވަތެއްގެ އަގަށް ބަދަލު ގެންނާނީ އެކަމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށް ފަހު ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ