އެމެރިކާއާއެކު މަޝްވަރާއެއް ނުކުރަން، ދޮގުހަބަރު ފަތުރަނީ އެމެރިކާ އަދި އިސްރާއީލުގެ ފައިދާއަކަށް: އިރާން

އެމެރިކާއާއެކު ސުލްހައިގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާކަމަށާއި، މަޝްވަރާ ކުރާކަމަށް ބުނެ ދޮގު ހަބަރު ފަތުރަނީ އެމެރިކާ އަދި އިސްރާއީލަށް ފައިދާއެއް ހޯދުމަށްކަމަށް އިރާންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޣަލިބާފް ވިދާޅުވެއްޖެއެވެ.
އީރާނުން މިހެން ބުނެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލެވެނެ ޑީލަކަށް ދާން އީރާނުގެ އޮފިޝަލުން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އީރާނުގެ ހުށަހެޅުން އަދި ކަމުނުދާ ކަމަށެވެ.
ނަމަވެސް ޓްރަމްޕްގެ ބަސް ދޮގުކުރައްވާ، އިރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ވިދާޅުވީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އިރާނުގެ ފޮރިން މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރިފައެވެ. އެބަޔާނުގައިވެސް އީރާނާ އެމެރިކާ ދެމެދު އެއްވެސް ކަހަލަ މަޝްވަރާއެއް ނުހިނގާކަމަށް ބުނެފައިވެއެވެ.
މިކަމާ ގުޅިގެން އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ އީރާނާ އެމެރިކާއިން މަޝްވަރާ ކުރެއޭ ބުނެ ދައުރުވަނީ ދޮގު ހަބަރެއްކަމަށެވެ. އަދި މިފަދަ ދޮގު ހަބަރު ފެތުރުމުގެ ބޭނުމަކީ މާލީ އަދި ތެލުގެ މާކެޓްތަކަށް ނުފޫޒުފޯރުވައި، އިސްރާއީލާއި އެމެރިކާ މިހާރު ވެއްޓިފައިވާ އަޑިގަނޑުން ސަލާމަތްވާން އޭގެން ފައިދާއެއް ހޯދުންކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އީރާނުން ބޭނުންވަނީ އުދުވާނީ ހަމަލާދިން އަނިޔާވެރިންނަށް ހައްގު އަދަބު ދިނުންކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ. އަދި މި މަގްސަދު ހާސިލު ކުރެވެންދެން މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެތައް ސަތޭކަ ޑްރޯންއާއި މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތައް ހަމައެކަނި އިސްރާއީލަށް އަމާޒުކުރުމުގެ ބަދަލުގައި، އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި އަވަށްޓެރި އަރަބި ގައުމުތަކަށްވެސް ވަނީ އަމާޒުކޮށްފައެވެ. މީގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ