ޗާގޯސްއާ މެދު ޓްރަމްޕް އެއްބަސްވި ގޮތް ތަފާތު ވެދާނެ، ދިވެހި ސިފައިން އަމަލުކުރީ އެމެރިކާގެ ރުހުމާއެކު ކަމަށް ވެދާނެ: ނަޝީދު
އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސް ދިނުމަށް ހަދައިފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެވަޑައިގަތީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުން މިދިޔަ އަހަރު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ރަށް، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނާތީ، އެ ރަށް އޮންނާނީ އެމެރިކާއަށް ކުއްޔަށް ދީފައެވެ. އެ އެއްބަސްވުމަށް ފާޑުވިދާޅުވެ ޓްރަމްޕް ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައި، ޗާގޯސް ހަވާލުކުރުމަކީ ތާކުންތާކު ނުޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ. ނަމަވެސް އިއްޔެ ޓްރަމްޕް ވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން ގާއިމުކޮށްފައިވާ އެއްބަސްވުމަކީ އެ ގައުމުގެ ސަރުކާރަށް ހެދެން އޮތް ރަނގަޅު އެއްބަސްވުން ކަމަށް ވިދާޅުވެފައެވެ. https://www.sun.mv/217633 އިނގިރޭސި ސަރުކާރުން ވެސް ވަނީ، އެ ގައުމުން ހަދައިފައިވާ އެއްބަސްވުން ތަންފީޒު ކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ގާތުން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގަތީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. "ދިވެހިރާއްޖޭގެ ދައުވާ ބަލަން ޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސީންނަށް މިހާރު ބުނެވޭނެ. ވީމާ ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށް ވެސް ބުނެވޭނެ،" ނަޝީދު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/2019739658788204944 އެ މަނިކުފާނުގެ ޕޯސްޓުގައި ވަނީ، ރާއްޖޭގެ ކޯސްޓްގާޑުން އަމަލުކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސީންގެ ރުހުމާއެކު ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަޝީދު އިޝާރާތް ކުރެއްވީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމުމުން، ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވާތީއެވެ. ޗާގޯސް: ނަޝީދު ވިދާޅުވީ، ކަނޑުގެ މައްސަލައިގައި ރާއްޖޭން އަމަލުކުރީ އެމެރިކާގެ ރުުހުމާއެކު ކަމަށްވުން އެކަށީގެންވާ ކަމަށް -- ފޮޓޯ/ އޭޕީ އިޓްލޮސްއިން އެގޮތަށް ނިންމީ، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް މޮރިޝަސްއަށް ހުށަހެޅުމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. އެ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ރިޔާސީ އިންތިޚާބު ދެއްވަމުން ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ. https://www.sun.mv/217597 އެ ނިންމެވުމާއެކު ޑިފެންސް މިނިސްޓްރީން ވަނީ، ގާނޫނުގައިވާ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް ބުނެ، ސިފައިންގެ ގާބިލުކަން ތަންދޭ މިންވަރަކުން އިޚްލާސްތެރިކަމާއި ސާބިތުކަމާއެކު ކަނޑުގެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަމަށް ބުނެފައެވެ. އަދި މިނިސްޓްރީން އިއްޔެ ވަނީ، މިހާރު ބަލަމުން އަންނަ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓެއް ހޯދައިފައިވާ ކަމަށް ވެސް ބުނެފައެވެ. ރައީސް މުއިއްޒު ވަނީ، ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ދޫކޮށްލި ބަޔެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ޞާލިޙް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވެސް ނަޝީދު ވަނީ، މޮރިޝަސްއަށް ޗާގޯސް ދިނުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ