ކަނޑު ބަލަހައްޓަން ކޯސްޓް ގާޑުން ފެށީ އެމެރިކާ/ޔޫކޭގެ ރުހުމާއެކު ކަމަށް ވެދާނެ: ނަޝީދު

މޮރިޝަސްއަށް ރާއްޖެއިން ދޫކޮށްލި ކަމަށް ބުނާ ސަރަހައްދު ހިމެނޭހެން، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދިވެހި ކޯސްޓް ގާޑުން ފެށީ، އެމެރިކާ އާއި އިނގިރޭސިވިލާތުގެ ރުހުމާއެކުގައި ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އެކަމަކު އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ވެރިކަމާ ހަވާލުވުމަށް ފަހު، ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އޭރު ވައުދުވެޑައިގަތެވެ. 
އެމްއެންޑީއެފް އިން ވަނީ، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑްޝިޕް ދަރުމަވަންތަ އާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން، ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް އިއްޔެ ފަށާފައިވާކަން ހާމަކޮށްފަ އެވެ.
ކުރީގެ ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭން އަމަލުކުރި ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.
ޗާގޯސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ސޮއިކޮށްފައިވާ އެއްބަސްވުމަކީ "މޮޔަ ކަމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން ވިދާޅުވެފައިވާއިރު، ނަޝީދު ވިދާޅުވީ އެ އެއްބަސްވުމަށް ޓްރަމްޕް ކުރިން އެއްބަސްވެވަޑައިގަތީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށްވުން އެކަށީގެންވާ ކަމަށެވެ.
އަދި ރާއްޖޭގެ ދައުވާ ބަލަން ޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސީންނަށް މިހާރު ބުނެވޭނެ ކަމަށާއި ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށް ވެސް ބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ލަފާކުރައްވާ ގޮތުގައި، ދޫކޮށްލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ މެދު ރާއްޖޭގެ ކޯސްޓް ގާޑުން އެގޮތަށް އަމަލުކުރީ އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާ އެކު ކަމަށް ވެދާނެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މިދިޔަ ސަރުކާރުން "ދޫކޮށްލި" ކަނޑުގެ ސަރަހައްދު ވެސް ހިމެނޭ ކަމާއި ރާއްޖޭގެ  ސަރަހައްދަށް އެއްވެސް ބަދަލެއް ނާންނަކަން އިއުލާންކުރައްވައިފަ އެވެ. 
ރައީސް އެ ގޮތަށް ވިދާޅުވުމާ އެކު ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ސަރަަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށްވާތީ، ދެކުނު ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ކަންކަން ދިވެހި ސިފައިން ކުރަމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ