މެންބަރު އަމީން ކޮންމެ އަހަރަކު ދާއިރާގެ މީހަކު އުމްރާއަށް ފޮނުވަނީ، މި އަހަރު ނޫމަރާ މީހެއް
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކޮންމެ އަހަރަކު އެ ދާއިރާގެ މީހަކު އުމްރާއަށް ފޮނުވަން ނިންމަވައި، އެ ދާއިރާގެ ރަށެއް ކަމަށްވާ ށ. ނޫމަރާގެ ރައްޔިތުންނަށް މި އަހަރު ފުރުސަތު ހުޅުވާލައްވައިފިއެވެ. ނޫމަރާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މެންބަރު އަމީން ކޮންމެ އަހަރަކު ދާއިރާގެ ރައްޔިތަކު އުމްރާއަށް ފޮނުވުމަށް ނިންމަވައިފައިވާ ކަމަށެވެ. އެގޮތުން، އުމްރާއަށް ފޮނުވާ ފުރަތަމަ މީހަކު ނޫމަރާއިން ހޮވުމަށް ކަނޑައަޅައި، އެ ކަން އަންގާފައިވާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އުމްރާއަށް ފޮނުވާ މީހަކު ހޮވުމަށް އެ ކައުންސިލުން ނިންމާފައި ވަނީ، އެ ފުރުސަތަށް އެދި ނަން ހުށަހަޅާ މީހުންގެ މެދުގައި ގުރު ނަގައިގެންނެވެ. ނޫމަރާ ކައުންސިލުން ބުނި ގޮތުގައި، ގުރު ނަގާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެއްގައެވެ. މެންބަރުގެ އުމްރާ ދަތުރަށް އެދި ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ރަށު ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އޭގެއިތުރަށް، އެ ފުރުސަތު އޮންނާނީ، އަންނަ މާރިޗު ނުވައެއްގެ ނިޔަލަށް ކަމަށްވާއިރު، އުމްރާ ދަތުރަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން ފޯމެއް މެދުވެރިކޮށެވެ. މެންބަރު އަމީން ފައިސަލް ނޫމަރާ މީހަކު އުމްރާއަށް ފޮނުވާއިރު، މިދިޔަ ސުކޫލު ބަންދުގައި ގިނަ އަދަދަކަށް މީހުން ވަނީ އުމްރާއަށް ގޮސްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، އެ މުއްދަތުގައި 7726 ދިވެހީން ވަނީ އުމްރާއަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ