ލޯބިވުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. މީހާގެ ބޭރުފުށުގެ ސިފަތަކަށް ބަލައި މީހަކު ދެކެ ލޯބިވާކަމަށް ކަނޑައެޅުމަކީ ކުރަން އެންމެ ފަސޭހަ އެއްކަންތަކެވެ. އެކަން ކުރާކަށް މާބޮޑަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.
ނަމަވެސް ޙަޤީޤީ ލޯބިވުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. ޙަޤީޤީ ލޯބިވުމަށްޓަކައި އޭނާގެ ހުރިހާ ކަމެއް އެނގެން ޖެހޭނެއެވެ. އޭނާގެ ރީތިކަން އެގުމުގެ އިތުރަށް އޭނާގެ އަޚްލާޤާއި ރަނގަޅު ސިފަތަކާއި ނުބައި ސިފަތައްވެސް އެނގެންޖެހޭނެއެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރާ އަޅުކަންކުރަން ސަމާލުކަންދޭ މިންވަރުވެސް އެނގެންޖެހޭނެއެވެ. އޭނާގެ ޢާއިލާއަށް ސަމާލުކަންދޭ މިންވަރުވެސް ބަލަންޖެހޭނެއެވެ. އަދި ދެމީހުންގެ ގުޅުމުގެ ތެރެއިން ޙާޞިލުކުރަން އޭނާ ބޭނުންވާ ކަންކަންވެސް ބަލަންޖެހޭނެއެވެ. ބުނާބަހުގެ އިތުބާރު ހިފަހައްތާ މިންވަރާއި ރުޅިކޮންޓްރޯލްކުރެވޭ މިންވަރުވެސް ބަލަންޖެހޭނެއެވެ.
އެހުރިހާ ކަންކަން އެނގުމަށްފަހު އޭނާދެކެ ލޯބިވާކަން ބަޔާންކުރާނީ މުޅިން ތަފާތު ޢިބާރާތަކުންނެވެ. ބުނާނީ ތިބާގެ ހުރި ރަނގަޅު ސިފަތަކާއި އުނިސިފަތައްވެސް އެނގޭކަމަށެވެ. އަދި ތިބާގެ ކިބައިގައި ހުރި އުނި ސިފަތައް އެނގުމާއިއެކުގައިވެސް ތިބާދެކެ ލޯބިވާކަމަށެވެ. އެކުގައި ދިރިއުޅެން ބޭނުންކަމަށެވެ. ތިބާއާއިއެކު ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވާ ކަމަށެވެ.
އެކުވެރިންނޭވެ! މިފަދައިން މީހަކަށް ބުނެވޭނީ ކުރިން މިބުނި ފަދައިން ތިބާދެކެ އޭނާ ޙަޤީޤީ ލޯބިވާތީއެވެ. އެފަދަ މީހަކު ތިބާއަށް ލޯބިހުށަހަޅައިފިނަމަ އެކަން ޤަބޫލުނުކޮށް ދޫކޮށްނުލާށެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެމީހަކުވާނީ ތިބާއަށް ދެރަ ނިކަމެތިގޮތެއް މެދުވެރިވި ނަމަވެސް ތިބާއާއިއެކު ދެމިހުންނާނެ މީހަކަށެވެ.
ކައިވެންޏަށްފަހު މައްސލަތައް ކުރިމަތިވާންފަށާ އެންމެ ބޮޑު އެއްސަބަބަކީ ޙަޤީޤީ ލޯބިނުވެވޭތީއެވެ. ފަށަމުން ބުނިފަދައިން ހަމައެކަނި ލޯބިވެގެން ކައިވެނިކުރެވޭތީއެވެ. ވީމާ މީހަކު ދެކެ ލޯބިވިނަމަވެސް ޙަޤީޤީ ލޯބިނުވެ ކައިވެނިނުކުރާށެވެ. އަދި އޭނާވެސް ތިބާދެކެ ޙަޤީޤީ ލޯބިވާކަން ޔަޤީން ނުކުރެވޭ މީހަކާއި ކައިވެނިނުކުރާށެވެ.
- އަލަފް / މިއަދުނޫސް
މީހަކު ދެކެ ލޯބިވާކަމަށް ބުނަން ވިސްނަން ނުޖެހުނަސް ޙަޤީޤީ ލޯބިވާކަމަށް ބުނުމުގެ ކުރިން ބަލަންޖެހޭނެ ކަންކަން ބައިވަރު! މިއީ ކުޑަ ލިސްޓެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ