ޣައްޒާ ހިންގަން ”ބޯޑް އޮފް ޕީސް“ އުފައްދާފައިވާކަން ޓްރަމްޕް އިއުލާން ކޮށްފި

ފަލަސްތީނުގެ ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ ޤަތުލްޢާއްމު މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ހިމެނޭ ކަންކަމުގެ ތެރެއިން، "ބޯޑް އޮފް ޕީސް" އުފައްދައިފިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކޮށްފިއެވެ. 
މިއާއެކު ޓްރަމްޕް ވަނީ ޤަތުލު ޢާއްމު މެދުކަނޑާލުމުގެ ދެވަނަ މަރުހަލާގެ މަސައްކަތްތައް ފެށިފައިވާކަމަށް ބުނެފައެވެ.  
އެގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، އިންތިގާލީ މަރުހަލާގައި ޣައްޒާ ހިންގުމަށް އައްޔަންކުރެވުނު މި ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އެ ސަރުކާރު ބަލަހައްޓާނީ "ބޯޑް އޮފް ޕީސް" ނަމަކަށް ކިޔާ ބައިނަލްއަގުވާމީ އިދާރާއަކުން ކަމަށާ، އޭގެ ރިޔާސަތު ބަލަހައްޓާނީ އޭނާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބޯޑުގެ މެންބަރުން ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި މިއީ މިހާތަނަށް އެކުލަވާލާ އެންމެ ވަރުގަދަ އަދި އެންމެ ޝަރަފްވެރި ބޯޑަށް ވާނެކަމާ މެދު ސުވާލެއް ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ނަމަވެސް، ޓްރަމްޕް އިސްވެ ހުރެގެން ޣައްޒާގެ ކަންކަން ބެލެހެއްޓުމަކީ އިސްތިއުމާރީ ނިޒާމެއް ފަދަ ކަމެއް ކަމަަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ބޯޑް އޮފް ޕީސް އުފެއްދިކަން ޓްރަމްޕް އިއުލާން ކޮށްފައިވާއިރު، މިދިޔަ އޮކްޓޫބަރު މަހު މިޞްރު، ޤަޠަރު އަދި ތުރުކީވިލާތުން މެދުވެރިވެގެން، އިޒްރޭލާއި ޙަމާސްއިން އެއްބަސްވެގެން، ޣައްޒާ ހިންގުމާ ހަވާލުވާނެ 15 މެންބަރުންގެ ވަގުތީ ކޮމިޓީ ވެސް ކަނޑައަޅައިފައިވާކަން ވަނީ އިއުލާން ކޮށްފައެވެ.
އެގޮތުން 15 މެންބަރުންގެ މައްޗަށް އެކުލެވޭ މި ޓެކްނޮކްރެޓިކް ސަރުކާރުގެ އިސްވެރިއަކީ ފަލަސްތީނުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާތުއެވެ.
ޣައްޒާ ޤަތުލްއާއްމު މެދުކަނޑާލާފައި އޮތް ނަމަވެސް، އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް 440 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރޭގައި 100 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާގެ މުޅި އާބާދީ ވަނީ ހައިހޫނުކަމާއި މަގުމަތިވުމުގެ ނުރައްކަލަށް ހުށަހެޅިފައެވެ. އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތައް ޖަމިއްޔާތަކަކުން ވަނީ އިޒްރޭލުގެ މި އަމަލުތަކަކީ ނަސްލު ނައްތާލުމުގެ (ޖެނޮސައިޑް) އަމަލުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ