ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުން މީގެ ދެ މަހަށް ވުރެ ގިނަ ދުވަސް ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑޮލަރުތައް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އެއާ އެކު، މި މައްސަލައިގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ވީ ކިހިނެއް؟ - މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީއައިއޭ ތެރޭން މި ޑޮލަރުތައް ފޭރިގެންފައި ވަނީ މިދިޔަ 27 އޮކްޓޯބަރުގެ ފަތިހުގެ ވަގުތެއްގަ އެވެ. މީގެ ކުރިން މި މައްސަލައިގައި ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން މިއަދު ބުނި ގޮތުގައި، އަށް ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު އެވެ.
ތަފްސީލު - ފުލުހުން މިއަދު ވަނީ އެ މީހާގެ ވަނަވަރު ވެސް ހާމަކޮށްފަ އެވެ. އެގޮތުން، ފުލުހުން ބުނީ:
އަށް ވަނަ މީހެއްގެ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިސްމާއިލް ސިރްހާން، 30، މީޒާން/ ރ. މަޑުއްވަރި
އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ 30 ދުވަސް ޖަހާފައި
މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން އިތުރަށް ބުނި ގޮތުގައި، ތަހުގީގު ފުރިހަމަކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ހިދުމަތުން ގެންދަނީ ކުރަމުންނެވެ.
ފާހަގަކޮށްލެވޭ - ޑޮލަރުތައް ފޭރުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އިތުރު މީހަކު ހައްޔަރު ކުރިއިރު، އެނގިފައިވާ ގޮތުގައި އެ ފައިސާ އަދިވެސް ނުހޯދެ އެވެ.
'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، ފޭރުނު ބްރީފްކޭސްގައި ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުންނާނެ އެވެ. އެއީ 15.42ރ.ގެ ރޭޓުން ބަލާ ނަމަ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. މި މައްސަލައިގައި މީގެ ކުރިން ހައްޔަރު ކުރި ހަތް މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވެ އެވެ. އޭގެ އިތުރުން، ހަތަރު މީހެއްގެ ފުރުން ވެސް މަނާ ކުރި ކަމަށް ވެސް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.
އެއާޕޯޓުން ޑޮލަރު ފޭރުނުތާ 2 މަސް ފަހުން އިތުރު މީހަކު ހައްޔަރުކޮށްފި؛ ޖުމްލަ މިހާރު 8
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ