ޖީލެއް ހަލާކު ވަމުން ދާ ކަމުގެ އިންޒާރު!

ސައްތައިން ސައްތަ އިސްލާމީ މި ދިވެހި ޤައުމުން މިއަދު ފެންނަމުން ދަނީ އިސްލާމީ އަޚްލާޤިއްޔާތާއި ޒަމާނުއްސުރެ ދިވެހީން ބަލައިގެންފައި ވި ލަދުވެތިކަމުގެ އަސާސް ފުނޑުފުނޑު ކޮށްލައި ފާޙިޝް ޢަމަލުތަކަށް ފަޚުރުވެރި ވާ ޖީލެއް ބިނާ ވަމުން ދާ ހިތާމަވެރި މަންޒަރެވެ. ކައިވެނީގެ ގޮށް ޖަހައިލުމުގެ ކުރީން ޙަރާމް ގުޅުންތަކަށް ހުށަހެޅި އެއީ އަމިއްލަ މިނިވަންކަމުގެ ތެރޭގައި ހިމެނޭ "އާދައިގެ" ކަންތަކުގެ ގޮތުގައި ދެކޭން ފެށުމީ މުޖުތަމަޢު ހަލާކުގެ މަގަށް މިސްރާބު ޖަހާފައި ވާ ކަމުގެ ނިޝާނެކެވެ. ކައިވެނި ކުރުމަށް ޓަކައި މީހަކު އިޚްތިޔާރު ކޮށް ކައިވެނީގެ ތައްޔާރީތައް ވުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. ނަމަވެސް ކައިވެނީގެ ޢަޤުދާ ނުލައި، ކައިވެނި ކޮށްގެން އުޅޭ ދެމީހުން ފަދައިން "ހުރިހައި ގޮތަކުން" އެކީގައި އުޅުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކަމެކެވެ (ބުޚާރީ، 3006، އަޙްމަދު، 18، މުސްލިމް، 1341). މިއަދު ދިވެހީންގެ ތެރޭގައި އެއްވެސް ކަންބޮޑު ވުމެއް ނެތި ދޫ ކޮށްލެވިފައި ވާ މި ޢަމަލަކީ ހުޅަނގުގެ "ތަހުޒީބުން" ނަކަލު ކޮށްގެން ދިވެހި މުޖުތަމަޢުގައި ހަރުލައްވާފައި ވާ ނުބައި ސަގާފަތެކެވެ. ﷲ އަށް ބިރުވެތި ވާ މުއުމިނުން ދުރަށް ދާން ޖެހޭ ހުތުރު އާދައެކެވެ. ހުޅަނގުގެ ލާދީނީ ފިކުރުގެ ތެރެއިން އުފަން ވެފައި ވާ މުސާކަނާ (cohabitation) އަކީ ކައިވެނީގެ ކުރީން އެކަކު އަނެކަކު ދަސް ކުރުމަށް ޓަކައި ހޭދަ ކުރާ މުއްދަތެއް ކަމަށް އެ މީހުން ދެކެއެވެ. ނަމަވެސް، އިސްލާމީ ނަޒަރުން ބަލާއިރު މީގެ ޙަޤީޤީ ނަތީޖާ އަކީ ކައިވެނީގެ މުޤައްދަސްކަން ކެނޑި ޢިއްފަތްތެރި ކަމާއި ލަދުވެތިކަން ފިލައި ދިއުމެވެ. ކައިވެނީގެ ގޮށް ޖަހައިލުމާ އެކު ދެ ހިތެއްގެ ދެމެދުގައި އުފެދިގެން އަންނާން ޖެހޭ ބަރަކާތްތެރި ލޯތްބާއި ޙަލާލު ޖަޒުބާތުތައް އަދި އުފާވެރިކަމުގެ ރޫޙު އެންމެ ފުރިހަމަ ގޮތުގައި ދިރިގެން ނުދިއުމެވެ. ކައިވެންޏަށް ފަހުގައި އެކަކު އަނެކަކަށް ދޭނެ "ޚާއްސަ" ހަދިޔާއެއް ނެތި ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް އޮންނަ ޝައުގުވެރިކަން ކުޑަ ވެގެން ދިއުމެވެ. އެއީ ކައިވެނީގެ ހުރިހައި ފޮނި މީރު ކަމެއް އޭގެ ކުރީން ޙަރާމް ގޮތުގައި ލިބިގެންފައި ވުމުގެ ހިތި ނަތީޖާއެވެ. އިސްލާމްދީނުގައި ޒިނޭ އަކީ ޙައްދުގެ ޢުޤޫބާތް ކަނޑައަޅުއްވާފައި ވާ ބޮޑު ފާފައެކެވެ (އައްނޫރު، 2). ޒިނޭގެ ނުބައިކަން ބަޔާން ކުރެއްވި އާޔަތުގައި، "ޒިނޭ އާ ގާތް ނުވުމަށް" އޮތުމުން، އެ ޢަމަލަށް މަގު ފަހި ކުރުވާ ކަމެއް ވެސް ކޮށްގެން ނުވާނެ ކަން އެނގެއެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ. ‎﴿وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾‏ (އަލްއިސްރާ، 32). "އަދި ތިޔަބައިމީހުން ޒިނޭއާ ގާތް ނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެން ވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައި ވެގެން ވެއެވެ". ޒިނޭ އަކީ އެ ޢަމަލު ހިންގާ މީހާގެ އީމާންކަމަށް ލޮޅުން އަރުވައިލާ ފާފައެއް ކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުން އެނގެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. لَا يَزْنِي الزَّانِي حِينَ يَزْنِي وَهو مُؤْمِنٌ (މުސްލިމް، 57). "ޒިނޭ ކުރާ މީހާ، ޒިނޭ ކުރާ ހިނދު މުއުމިނެއްގެ ގޮތުގައި ހުރެ އެ ކަމެއް ނުކުރާނެއެވެ". ކަން މިހެން އޮތް ނަމަވެސް ފާފަ ކުރުމަށް ފަހު އެ ކަމާ ފަޚުރުވެރި ވާ ޖީލެއް އަހުރެމެންގެ ތެރޭގައި އުފެދެމުން ދާ ކަމާ މެދު ކަންބޮޑު ވެ ހިތާމަ ކުރާން ޖެހެއެވެ. ޒިނޭގެ ޢަމަލު ހިންގާ ކަމަށާއި އަދި އެއީ މައްސަލައެއް ނޫން ކަމަށް ބުނެ ޖެހިލުމެއް ލަދުވެތިކަމެއް ނެތި އެ ވާހަކަ ދައްކާ މީހުން އުޅެއެވެ. އަދި ޤައުމުގެ ކުރިމަގު ކަމުގައި ވާ މިއަދުގެ ކިޔަވާ ކުދީންގެ ފަރާތުން ވެސް - މަދުން ނަމަވެސް - މި ފަދަ ވާހަކަތައް އިވޭ ކަމީ ކޮޅުނެތް ކޮޅަށް ހިތާމަ ހުރި ކަމެކެވެ. މީގެ އިތުރުން، މަޖުބޫރު ކަމެއް ނެތި ރުހުމުގައި ހިންގާ ޙަރާމް ގުޅުންތަކުގެ ސަބަބުން ނަހަލާލަށް ބަލިވެ އިނުމަކީ އަމިއްލަ މިނިވަންކަމާއި އިންސާނީ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނެ އޭގެ ދިފާޢުގައި ވަކާލާތު ކުރާ މީހުން މިހާރު ރާއްޖޭގައި ވެސް އުޅެއެވެ. ރޭޕް ކުރުން ފަދަ ލާއިންސާނީ އަނިޔާތަކުގެ ޝިކާރަ އަކަށް ވާ މީހުންނަށް މަދަދާއި އެހީތެރިކަން ފޯރު ކޮށްދިނުމަކީ އިސްލާމީ ޝަރީޢަތުގައި އޮތް ކަމެކެވެ (އިބުނު މާޖާ، 2045). އަދި ހަމަ މިއާ އެކު، ސާބިތު ހެއްކާ އެކުގައި ނޫނީ މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ޙަރާމް ކަމެކެވެ (އައްނޫރު، 4). އަދި މީހުންގެ އަބުރާއި އިންސާނީ ކަރާމާތް ރައްކާތެރި ކުރުމަށް ޓަކައި ޒިނޭ ސާބިތު ކުރުމުގެ ވަރަށް ހަރުދަނާ މިންގަނޑެއް ކަނޑައަޅުއްވާފައި ވެއެވެ (އައްނިސާ، 15، އައްނޫރު، 4، 13). ނަމަވެސް ފާޙިޝް ޢަމަލުތަކަށް މަގު ކޮށައިދޭ މޭރުމުން ވަކާލާތު ކުރާ މީހުންގެ އަޑުތަކަކީ މި ބުނި ފަދަ އިސްލާމީ ހިދާޔަތުން ބޭރު ވެފައި ވާ، ލާދީނީ ފިކުރުތަކާ ރައްޓެހި އަޑުތަކެކެވެ. އަޅާ އާއި ﷲ އާ ދެމެދުގައި އޮންނާން ޖެހޭ ބިރުވެތިކަން ފިލައި ގޮސް ޒިނޭގެ ފާފައަށް އަރައިގަންނައިރު، އެހެން މީހުންގެ ފަރާތުން ތިމާއަށް ލިބިދާނެ ހުތުރު ނަމަކުން ސަލާމަތް ވުމަށް ޓަކައި މަސައްކަތް ކުރެއެވެ. އެ ގޮތުން މާބަނޑުވުން މަނާ ކުރާ ވަސީލަތްތަކުގެ ބޭނުން ކުރުމާއި އަދި ބަލިވެ އިންނަ ހާލަތުގައި ދަރި ވައްޓައިލުމުގެ ލާއިންސާނީ ޖަރީމާ ހިންގުމަކީ އާއްމު ކަމެކެވެ. މިއީ ފާފައެއް - މީހުންނަށް - ފޮރުވުމަށް ޓަކައި އިތުރު ފާފަ އަކަށް އަރައިގަނެ މަޢުޞޫމް ފުރާނައެއް ދުއްވައިލުމެވެ. ބަޔާން ވެ ދިޔަ ނޭދެވޭ ޙާލަތުން މުޖުތަމަޢު ސަލާމަތް ކުރުމަށް ޓަކައި، ތަޢުލީމާއި ތަރުބިޔަތުގެ ނިޒާމުގެ ތެރެއިން ގެންނާން ޖެހޭ އިޞްލާޙުތައް އަވަސް ކުރާން ޖެހެއެވެ. ހުރިހާ ޢަމަލުތަކެއް ވެސް ﷲ ބައްލަވާވޮޑިގެން ވާ ކަމުގެ އިހުސާސާއި ލަދުވެތިކަމުގެ ސިފަ ކުދީންގެ ހިތްތަކުގައި އަލުން ދިރުވާން ޖެހެއެވެ. ހަމަ މިއާ އެކު، މައިންބަފައިންނަކީ ދަރީންގެ އުޅުމާއި ގުޅުންތަކަށް ފާރަވެރި ވާ އަދި އެ ކުދީންނަށް ރަނގަޅު ނަމޫނާ ދައްކާ ބަޔަކަށް ވާން ޖެހެއެވެ. މީގެ އިތުރުން، ކޮންމެ މީހަކީ ވެސް ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައްތައް މަނާ ކުރުމުގެ ދީނީ-އިޖުތިމާޢީ ވާޖިބު އަދާ ކުރާ ފަރާތަކަށް ވެއްޖެ ނަމަ - ﷲ ގެ ވާގިފުޅާ އެކު - ސަލާމަތުގެ އައްސޭރި އަކަށް ދެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ