ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ދައްކާ ވާހަކަތަކަށް ކެރިކްގެ ސަމާލުކަމެއްނެތް ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ދައްކާ ވާހަކަތަކަށް ކެރިކްގެ ސަމާލުކަމެއްނެތް

މެންޗެސްޓާ (ޖެނުއަރީ 17) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން މިހާރު އޮތް ޓީމާ ބެހޭގޮތުން ދައްކާ ވާހަކަ އަށް އެހާ ވަރުގެ ސަމާލުކަމެއް ނުދޭ ކަމަށް އެ ޓީމުގެ ކޯޗުކަމާ މި ސީޒަނުގެ ނިޔަލަށް ހަވާލުވި މައިކަލް ކެރިކް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޮރިމް ވަކިކޮށް އެ ޓީމު ހަވާލުކުރި ޑަރެން ފްލެޗާއާ އެކު ކުޅުނު ދެ މެޗުގައި ވެސް މޮޅެއް ނުލިބުމުން، ސީޒަނުގެ ނިޔަަލަށް ޔުނައިޓެޑުން ވަނީ ކެރިކް ގެނެސްފަ އެވެ. ކެރިކް ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެއީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމުން އެ ސީޒަނުގެ ބާކީބައިގަ އެެވެ.
ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗަކީ، މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗެވެ. އެ މެޗުގެ ކުރިން، މިހާރު އެނަލިސްޓުންނަށް މަސައްކަތްކުރަމުން އަންނަ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ގެރީ ނެވިލް އާއި ރޯއީ ކީން ވަނީ ޔުނައިޓެޑްގެ ކުޅުންތެރިންނާއި ކެރިކާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"އެ މީހުން އަހަންނަށް ކުރާނެ ޕްރެޝަރެއް ނެތް. ދެން، ތިބީ ކުޅުންތެރިން، އެއީ ޕްރޮފެޝަނަލުން، އެ ފަދަ ކަންކަމާ ނުވިސްނައި ފޯކަސް ބަހައްޓަން ކުޅުންތެރިންނަށް އެނގޭނެ، އެހެންވީމަ، ބޭރުން އިވޭ އަޑުތަކަށް އެހާ ވަރަށް ނުވިސްނާނެ،" ކެރިކް ބުންޏެވެ.
ޔުނައިޓެޑާ އެކު، ކެރިކަށް ސީޒަނުގެ ބާކީބައިގައި ލިބޭނީ 17 މެޗެވެ. އެ މެޗުތަކުން ހާސިލްކުރާނެ ވަކި ޓާގެޓެއް ކަނޑައަޅާފައި ނުވި ނަމަވެސް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވެވޭ މަގާމެއްގައި ލީގު ނިންމާލުމަކީ ކުރިއަށް އެޅޭނެ ފިޔަވަޅެއް ކަމަށް ކެރިކް ވަނީ ބުނެފަ އެވެ.
ޔުނައިޓެޑް މި ވަގުތު އޮތީ 21 މެޗުން 32 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ