ޕްރަބާސްގެ 'ސްޕިރިޓް' އަންނަ އަހަރު
ދެކުނު އިންޑިއާގެ އެކްޓަރު ޕްރަބާސް ލީޑް ރޯލް ކުޅޭ މަގުބޫލު ފިލްމު ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް" އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭން ނިންމިކަން އިއުލާނުކޮށްފިއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ޝޫޓިން ކުރިއަށްދާ ފިލްމު "ސްޕިރިޓް"އަކީ ބުޝަން ކުމާރުގެ ޓީ-ސީރީސްއާ ގުޅިގެން ސަންދީޕް އުފައްދާ ފިލްމެކެވެ. ދާދި ފަހުން ފިލްމުގެ ފަސްޓް-ލުކް ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލުމާ އެކު މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ބެލުންތެރިންގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ. ފިލްމު "އެނިމަލް"ގެ ބަތަލާ ތުރިޕްތީ ދިމްރީ--ފޮޓޯ/ޕިންކްވިލާ ޕްރަބާސް އައިޕީއެސް އޮފިސަރެއްގެ ރޯލް ކުޅޭ މި ފިލްމުގައި އެކްޓަރުގެ ބަތަލާގެ ރޯލުން ފެންނާނީ ތުރިޕްތީ ދިމްރީއެވެ. ތުރިޕްތީއަކީ ސަންދީޕްގެ ކާމިޔާބު ފިލްމު "އެނިމަލް"ގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. ފިލްމު "އެނިމަލް"ގައި ބަތަލާ ކުޅުނު ކެރެކްޓާއަށް ލިބުނު ސަމާލުކަމާ އެކު ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ލިބި ފިލްމު އިންޑަސްޓްރީއިން ގިނަ ފުރުސަތުތަކެއް ތުރިޕްތީއަށް ވަނީ ލިބެން ފަށާފައެވެ. ފިލްމު "ސްޕިރިޓް"އަކީ ސަންދީޕްއާއި ޕްރަބާސް އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށްވާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ މި އަންނަ އަހަރުގެ މާރިޗު މަހުގެ ފަސްވަނަ ދުވަހަށެވެ. އެކަން ސަންދީޕްގެ ޓީމުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ޕްރަބާސްއާއި ތުރިޕްތީގެ އިތުރުން ފިލްމުން ފެންނާނެ އިތުރު ތަރިންގެ ތެރޭ ވިވެކް އޮބޮރޯއި އަދި ޕްރަކާޝް ރާޖް ހިމެނެއެވެ. މި ފިލްމު އިންޑިއާގައި ވާހަކަދައްކާ އުޅޭ ގިނަ ބަހުރުވައިން ރިލީޒްކުރަން ނިންމާފައިވާއިރު އޭގެތެރޭ ތެލުގޫ، މަޅަޔާލަމް، ތަމަޅަ، ހިންދީ އަދި ކަންނާޑާ ބަހުރުވަ ހިމެނެއެވެ. މީގެއިތުރުން ޖަޕާން، ޗައިނާ އަދި ކޮރެއާ ބަހުން ޑަބްކޮށްފައިވާ ވާޝަންއެއް ވެސް ރިލީޒްކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ