ދިގުތާރީޚެއް އޮތް މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅަންޖެހޭ: ކުރީގެ މިނިސްޓަރު ޒާހިރު

މާލޭގެ ބަންޑާރަ މިސްކިތް ތަޅާލުމާ ގުޅޭގޮތުން އުފެދިފައިވާ ބަހުސްގައި، ދިގު ތާރީޚެއް އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޒާހިރު ވިދާޅުވީ، ޒަމާންވީ މިސްކިތްތަކުން ކާބަފައިންގެ ފަންނުވެރިކަމާއި ހުނަރު ވަރަށް ފުރިހަމައަށް ފެންނަން ހުންނާނެ ކަމަށެވެ. އަދި އެފަދަ ބިނާތަކުން ކާބަފައިންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވިފައިވާ ޤަދަރާއި ލޯބި ވަރަށް ރަނގަޅަށް ސިފަވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. https://sun.mv/218805 ބަންޑާރަ މިސްކިތަކީ އެ މިސްކިތާ ގުޅިފައިވާ ހަނދާންތަކަކާއި ދިގު ތާރީޚެއް އޮތް ތަނެއްކަން ފާހަގަކުރައްވަމުން ޒާހިރު ވިދާޅުވީ، އެ މިސްކިތަށް ނަމާދަށް އަރާ ފަރާތްތަކަށް ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމާއި، ދައުލަތުން އެކަމާ މެދު ވިސްނައި ފިކުރު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ދިގު ތާރީޚެއް އޮންނަ މިސްކިތްތައް އާސާރީ ތަންތަނުގެ ގޮތުގައި ކަނޑައަޅައި އެ ތަންތަން ބަލަހައްޓަންޖެހޭކަމަށް ވިދާޅުވިއެވެ. އިސްލާމީ ތާރީޚުން މިސާލު ދައްކަވަމުން ޒާހިރު ވިދާޅުވީ، އެކި ޒަމާންތަކުގައި ދެ ހަރަމްފުޅަށް ކޮށްދީފައިވާ ޚިދުމަތްތައް ފެންނަން ހުރީ ކުރީގެ ބައިތައް އުނިނުކޮށް، އެ ބައިތައް އެނގޭނެހެން ބަހައްޓައިގެން ކަމަށެވެ. ވަކިން ޚާއްސަކޮށް މަސްޖިދުއް ނަބަވީގައި އުމަވީންނާއި، އައްބާސީންނާއި، ޢުޘްމާނީ ޚިލާފަތާއި ސަޢުދީ ސަރުކާރުގެ ރަސްރަސްކަލުން ކޮށްދެއްވާފައިވާ ޚިދުމަތްތައް ފެންނަން ހުންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެތަނުގެ ތަނބުތަކާއި ކުރެހުންތަކުން އެކަން ސާފުކޮށް ފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ. ބަންޑާރަ މިސްކިތުގެ މައްސަލަ ހޫނުވެފައިވަނީ، އެ މިސްކިތް ތަޅާލައި އައު ބޮޑު މިސްކިތެއް ބިނާކުރަން ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. މި ނިންމުމާ ދެކޮޅަށް ތާރީޚު ދިރާސާކުރާ ބޭފުޅުންނާއި، ކުރީގެ ވަޒީރުންނާއި ގިނަ އަދަދެއްގެ އާންމުން ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. https://sun.mv/218949 ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، މިނިސްޓަރު ޝަހީމް ފަހުން ވިދާޅުވެފައިވަނީ މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އެކްޓިވިސްޓުން މި ނިންމުން ދިފާއު ކުރަމުންދާއިރު، ބަންޑާރަ މިސްކިތަކީ މާލޭގެ ތާރީޚާ ގުޅިފައިވާ މުހިއްމު ބިނާއެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެތަން ނައްތާލުމާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ