އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓާނުލާހާ ހިނދަކު، މެދުއިރުމަތިން އެންމެ ލީޓަރެއްގެ ތެޔޮ ވެސް ބޭރުވިޔަ ނުދޭނެ ކަމަށް އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ން މިއަދު އިންޒާރު ދީފި އެވެ.
"މި ހަނގުރާމަ ނިމޭނެ ގޮތް ނިންމާނީ އަހަރެމެން،" އައިއާރުޖީ.ސީގެ ތަރުޖަމާނު ދައުލަތުގެ މީޑިއާގައި ވިދާޅުވި އެވެ.
މިއާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓޭންކަރުތަކަށް ހުރަސްއަޅަން އީރާނުން މަސައްކަތްކޮށްފި ނަމަ، ވޮޝިންޓަނުން އަސްކަރީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފަ އެވެ.
"އަހަރެމެން އެ މީހުންނަށް ދޭ ހަމަލާގެ ވަރުގަދަކަމުން، އެ މީހުންނަށް ނުވަތަ އެ މީހުންނަށް އެހީތެރިވާ އެއްވެސް ބަޔަކަށް ދުނިޔޭގެ އެ ސަރަހައްދު އަލުން އިއާދަނުކުރެވޭވަރު ވާނެ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
ފަހުން ނެރުއްވި ބަޔާނެއްގައި އޭނާ އިތުރަށް ވިދާޅުވީ، އީރާނުން އެ ކަނޑުއޮޅީގެ ތެޔޮ ދަތުރުތަކަށް ހުރަސްއަޅައިފި ނަމަ، މިހާތަނަށް ދީފައިވާ ހަމަލާތަކަށް ވުރެ "20 ގުނަ ވަރުގަދަ" ހަމަލާތަކެއް އެ ގައުމަށް އަމާޒުވާނެ ކަމަށެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މިހާރު ވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގު އިއްޔެ ވަނީ އިންތިހާއަށް އުފުލިފަ އެވެ. މީގެ ސަބަބުން ޓޭންކަރުތަކަށް ދަތުރުނުކުރެވި، ތެޔޮ ރައްކާކުރާ ތަންތަން ފުރިފައިވުމުން ބައެއް އުފެއްދުންތެރިންނަށް ތެޔޮ ނެގުން ހުއްޓާލަން ވަނީ މަޖުބޫރުވެފަ އެވެ.
އދ.އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވި ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ވައިގެ އަދި މިސައިލް ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,332 އާންމުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
މަސްރަހު ނުތަނަވަސްވަމުންދާ ވަރަކަށް ބާޒާރުގެ އަގުތަކަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ބްރެންޓް ކްރޫޑްގެ އަގު މިއަދު %10އަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާއިރު، އިއްޔެ ވަނީ %29 އުފުލިފަ އެވެ. ހަމަ އެއާ އެކު ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފަ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާއިން ވަނީ އީރާނުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އަދި ކުރިން އަންދާޒާކުރި ހަތަރު ހަފްތާގެ މުއްދަތަށް ވުރެ އަވަހަށް ހަނގުރާމަ ނިމޭނެ ކަމަށް އޭނާ ލަފާކުރެއްވި ނަމަވެސް، ކާމިޔާބީގެ ގޮތުގައި ބަލާނެ ވަކި ޝަރުތުތަކެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
ގަލްފުން ތެޔޮ ފޯރުކޮށްދިނުން އެއްކޮށް ހުއްޓުވާނަން: އީރާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ