ހިޔާލު ހޯދުމުގެ ވޯޓަށް އަމަލުކުރުން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއްނުގަތް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލުމާ ބެހޭ ހިޔާލު ހޯދުމުގެ ވޯޓު ނެގި ނަމަވެސް އެ ވޯޓަށް އަމަލުކުރުން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލަ ހައި ކޯޓަށް ހުށަހެޅުއްވީ ވަކީލު މަރިޔަމް ޝުނާނާ އެވެ. އޭނާ މި މައްސަލަ ހުށަހަޅުއްވީ އެ ވޯޓު ނަގައިދިނުމަށް ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ވިދާޅުވެ އެވެ.
ތަފްސީލް - މި މައްސަލަ ހައި ކޯޓަށް ބަލައިގެނެވެން ނެތް ކަމަށް، ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ނިންމެވި ނިންމެވުމުގައި ވަނީ:
ހައި ކޯޓަށް ދުސްތޫރީ މައްސަލަތަކުގެ ގޮތުގައި ބެލުމުގެ އިހުތިސޯސް އޮންނަނީ ގާނޫނެއް، ގާނޫނެއްގެ ބައެއް، ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނުއަސާސީއާ ހިލާފު ކަމަށް ދައުވާކުރާ މައްސަލަތައް
ހިޔާލު ހޯދުމުގެ ވޯޓު ނަގަން ރައީސް މުއިއްޒު ނެރުއްވި ގަރާރަކީ އެއިން އެއްވެސް ކަމަކަށް ފެތޭ ލިއުމެއް ނޫން
މި މައްސަލާގައި ބުނެފައިވާ ގޮތުން، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން އިއުލާންކުރި ތާރީހާއި ވޯޓު ބާއްވަން ނިންމާފައިވާ ތާރީހާ ދެމެދު ލިބެނީ އެންމެ 47 ދުވަހެވެ. އެއީ، އެފަދަ ވޯޓަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި އިންތިހާބާ ގުޅޭ އެހެނިހެން ކަންކަމަށް ވެސް ވަރަށް ކުރު މުއްދަތެއް ކަމަށް މައްސަލާގައިވެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓު ކަރުދާހުގެ ނަމޫނާ އާއި އެ ވޯޓާ ގުޅޭ ބިލާއި ރައީސްގެ ގަރާރު އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެފަދަ ވޯޓެއް ނަގަން ބޭނުންވާ އެންމެ އަސާސީ މައުލޫމާތު ކަމަށްވާއިރު، އެ އިންތިޒާމު ހަމަޖައްސާފައި ނެތުމަކީ ވެސް މައްސަލައެއް ކަމަށް ބުންޏެވެ.
ފާހަގަކޮށްލެވޭ - ރައީސްގެ ގަރާރު ބާތިލްކުރަން އެދި ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅި އެވެ. އިދިކޮޅު އެމްޑިޕީގެ ވަކީލުން ހުށަހެޅި އެ މައްސަލަ އެ ކޯޓުން ވެސް ބަލައެއް ނުގަތެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެއް ތަސްދީގުކުރަން ގާނޫނުއަސާސީގައި އޮންނަ 15 ދުވަސް ހަމަވެފައިވާތީ ދެ އިންތިހާބު އެއްކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެނައި ބިލު ބާތިލްކުރަން ސުޕްރީމް ކޯޓަަށް ހުށަހެޅި މައްސަލައެއް ވެސް އެ ކޯޓުން ބަލައިގެންފައެއް ނުވެ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިނެވެ.
މީގެ އިތުރުން މި ވޯޓުގައި އަހާ ސުވާލުގައި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ފަސް މަހާއި 27 ދުވަސް އުނިވާކަން ފާހަގަކޮށްފައި ނުވާތީ އެ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދޭން ވެސް ސުޕްރީމް ކޯޓަށް ދިޔަ އެވެ. އިދިކޮޅު އެމްޑީޕީގެ ވަކީލުން ހުށަހެޅި އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ސުވާލު ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ