މަމްދާނީގެ މި ނިންމުމުން ދިވެހިންނަށް ފިލާވަޅެއް ލިބިދާނެތަ؟

ނިއު ޔޯކް ސިޓީގައި ގޭ ކުލި ނުދެއްކޭ މީހުންނަށް ސިޓީގެ ބަޖެޓުން ފައިސާ ހަމަޖައްސައިދޭ ޕްރޮގްރާމެއް ހިންގަ އެވެ. މި ޕްރޮގްރާމްގެ ދަށުން މިހާރު ވެސް 65،000 ގޭބިސީއަށް އެހީތެރިވެ އެވެ. އެ ތަންތަނުގައި އުޅޭ މީހުންގެ އަދަދު 140،000އަށް އަރަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި މޭޔަރުކަމަށް ވާދަކުރެއްވި އިރު ޒޮހްރާން މަމްދާނީގެ އެންމެ ބޮޑު އެއް ވައުދަކީ އެ އެހީތެރިކަން ލިބޭ މީހުންގެ އަދަދު ގިނަކުރުމެވެ. އެގޮތަށް އެ ޕްރޮގްރާމް ފުޅާކޮށްލި ނަމަ ކުލީގެ މާލީ އެހީތެރިކަން އިތުރު 47،000 ގޭބިސީއަކަށް ލިބޭނެ އެވެ.
ނަމަވެސް މަމްދާނީގެ އެ ވައުދު ފުއްދޭ ގޮތެއް ނުވި އެވެ. މޭޔަރުކަމުގެ ގޮނޑީގައި އިށީންނެވިތާ އެންމެ މަސް ދުވަހުގެ ތެރޭގައި އިއުލާންކުރެއްވީ ޕްރޮގްރާމް ފުޅާކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ. ސަބަބަކީ ވައުދާ އެއްގޮތަށް އެ ޕްރޮގްރާމް ފުޅާކޮށްފި ނަމަ ސިޓީގެ ބަޖެޓަށް، ކުރިއަށް އޮތް ފަސް އަހަރަށް 17 ބިލިއަން ޑޮލަރު (262 ބިލިއަން ރުފިޔާ) އިތުރުވުމެވެ.
މަމްދާނީގެ އެ ނިންމެވުމުގެ ފަހަތުގައި އޮތް ހަގީގަތާ މެދު ވިސްނާލަން ޖެހެ އެވެ: ކެމްޕޭންގައި ކުރާ ވައުދުތައް ފުއްދަން އަމަލީ ގޮތުން އުނދަގޫވުމެވެ. އެހެންވެ ބައެއް ކަންކަން ދޫކޮށްލަން ޖެހެނީ އެވެ.
ނިއު ޔޯކްގެ މޭޔަރަކަށް ވެވަޑައިގެންނެވި ފުރަތަމަ މުސްލިމަކީ މަމްދާނީ އެވެ. އެހާ ޒުވާން އިރު އޭނާ ދުނިޔޭގެ އެންމެ މުއްސަނދި ސިޓީގެ މޭޔަރުގެ ގޮނޑި ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ވަރުގަދަ އެތައް ބަޔަކާ ދެކޮޅަށް މަސައްކަތްކުރައްވައިގެންނެވެ. އޭނާގެ މައިގަނޑު ވައުދުތަކަކީ ގެދޮރު ނެތް މީހުންގެ އަދަދު މަދުކުރުމާއި އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމާއި ނިއު ޔޯކަކީ ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމެވެ.
ނިއު ޔޯކްގައި ކުލި ބޮޑުވެ، އެތައް ލައްކަ ބައެއްގެ ދިރިއުޅުން ވަނީ ނިކަމެތިވެފަ އެވެ. ވަގުތީ ބޯހިޔާވަހިކަމުގައި އުޅެން މަޖުބޫރުވެ އެވެ. ވަންނާނެ ތަނެއް ނެތި، މަގުމަތީގައި ބިކަވެ އެވެ. ވަގުތީ ބޯހިޔާވަހިކަމުގައި އުޅޭ މީހުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދޭން ހިންގާ ޕްރޮގްރާމަށް ކޮލިފައިވަނީ އާމްދަނީ ދަށް މީހުންނެވެ. އެ ޕްރޮގްރާމް ހިނގާ ގޮތުގެ މިސާލަކީ:
1،000 ޑޮލަރު: މަހަކަށް ލިބޭ އާމްދަނީ
1،400 ޑޮލަރު: އެއް ކޮޓަރީގެ އެޕާޓްމަންޓްގެ މަހު ކުލި
300 ޑޮލަރު: މަހު މުސާރައިގެ %30
1،100 ޑޮލަރު: ނިއު ޔޯކް ސިޓީން ގޭގެ ވެރިފަރާތަށް ކުލީގެ ގޮތުގައި ދޭ ފައިސާ
މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެ އެހީތެރިކަން ލިބޭނީ ގިނަވެގެން ފަސް އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި ދާއިމީ ބޯހިޔާވަހިކަމެއް ކަށަވަރުކުރަން ޖެހޭނެ އެވެ.
އެ ޕްރޮގްރާމް، އޭނާގެ ވައުދާ އެއްގޮތަށް، ފުޅާކުރެވެން ނެތް ކަމަށް މަމްދާނީ ވިދާޅުވުމުން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ގެންދަވަނީ ފާޑުކިއުއްވަމުންނެވެ. އެކަމަކު މަމްދާނީ ވިދާޅުވީ އެ ޕްރޮގްރާމް ފުޅާކުރެއްވުމުގެ ވައުދަކީ ނިއު ޔޯކްގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އޭނާ ހުށައަޅުއްވާ ހައްލުތަކުގެ ތެރެއިން އެއް ހައްލު ކަމަށެވެ. އެކަން މިވަގުތަށް ކުރެވެން ނެތަސް އެހެން މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
ނިއު ޔޯކްގެ ޖީޑީޕީއަކީ 2.6 ޓްރިލިއަން ޑޮލަރެވެ. މިއީ ރަޝިޔާ އާއި ސައުތު ކޮރެޔާ ފަދަ ގައުމުތަކުގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ވެސް މަތީ އަދަދެކެވެ. މި ވަރުގެ ވަރުގަދަ އިގުތިސާދެއް އޮތް ސިޓީއެއްގެ މޭޔަރު، އޭނާގެ މުހިންމު އެއް ވައުދު، މަޑުޖައްސާލެއްވި ގޮތް، އަހަރެމެން ދިވެހިންނަށް ފިލާވަޅަކަށް އެބަވެ އެވެ.
ރާއްޖެ މި އޮތީ ދަރައިފަ އެވެ. ސަރުކާރަށް ހަގީގަތުގައި، އެ ބޭނުންވޭ ވަރަށް ހިންދެމިލެވޭކަށް ނެތެވެ. އޭގެ މާނައަކީ ރައްޔިތުންނަށް ކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ގިނަ ވައުދުތަކުގައި ކުލަ ޖައްސަން ބޭނުންވާ ފައިސާ ދައުލަތުގައި ނެތްކަމެވެ. ނަމަވެސް ލޯނު ނަގައިގެން ކޮންމެވެސް ގޮތަކަށް ހަމަޖައްސައިލެވިދާނެ އެވެ. ސުވާލަކީ ރައްޔިތުންނަށް ހަމަ އެންމެ ރަނގަޅު ހެއްޔެވެ؟
އާއެނކެވެ. ގިނަ ދިވެހިން ނުވިސްނަ އެވެ. އެހެންކަމުން އެ ސުވާލުގެ ޖަވާބަކަށް ވާނީ ވެސް އާނއެކޭ އެވެ. ތެދަށް ބުނާ ނަމަ ގިނަ ދިވެހިން ވެސް މި ތިބީ ދަރައިފަ އެވެ. ބޭންކްގެ ލުއި ލޯނެވެ. ކްރެޑިޓް ކާޑެވެ. މައިންބަފައިންނާއި ރައްޓެހިންގެ އަތުން ފަހުން ދޭން ނަގައި، އެކަމަކު 'ހަނދާން ނައްތާލާފައި' އޮތް ދަރަންޏެވެ.
ދައުލަތުން ނަގާ ދަރަނީގެ ބުރަ ތިމާއަށް އުފުލަން ނުޖެހޭނެ ކަމަށް ގަބޫލުކުރާ ނަމަ، ޗައިނާ ސަރުކާރުގެ ނިންމުމާ މެދު ވިސްނާލަމާ ހިނގާށެވެ. ރާއްޖޭގެ ސަރުކާރުން ވެސް އަދި ޗައިނާ ސަރުކާރުން ވެސް މި ވާހަކަ ރަސްމީކޮށް ނުބުނާނެ އެވެ. އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ދިވެހި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއަކަށް ޗައިނާއިން ދެން ލޯނެއް ނުދޭނެ އެވެ. ސަބަބު އެނގޭ ހެއްޔެވެ؟ 'ހިޔާ' މަޝްރޫއު ފަދަ މަޝްރޫއުތަކަށް ލޯނު ދިން އިރު އެއްބަސްވި ކަންކަމާ ސަރުކާރުން ހިލާފުވުމެވެ.
އެ ހިލާފުވުމަކީ ކޮބައި ހެއްޔެވެ؟ ލޯނު ދައްކަން ބުރުލަކަށް ނާރާނެ ގޮތަށް ކަނޑައަޅާ ކުލިތައް އެކި ސަރުކާރުތަކުން ކުޑަކުރުމެވެ. އޭގެ ނަތީޖާއަކަށް ވާނީ އަނބުރާ ލޯނު ދައްކަން ދައުލަތަށް އުނދަގޫވުމެވެ. ހިޔާ ފްލެޓްތައް ލިބުނު 6،500އަށް ވުރެ މީހުންގެ ތެރެއިން ގަވާއިދުން ކުލި ދައްކާ މީހުންގެ އަދަދު 3،000 އަށް ވެސް ނާރާ ކަމަށްވެ އެވެ. ލޯނަށް ދައްކަން ޖެހޭ ފައިސާ އެޗުޑީސީން ދެން ހަމަޖައްސަން ޖެހޭނީ އެ ކުންފުނީގައި ހުރި އެއްޗަކުންނެވެ. އެ ފައިސާ ނެތް ނަމަ، ސަރުކާރުންނެވެ.
އަގުހެޔޮކޮށް ބޯހިޔާވަހިކަން ހޯދައިދިނީމާ ވެސް ދިވެހިން މި އުޅެނީ ފަސޭހަ ދިރިއުޅުމެކެވެ. ކުލި ނުދައްކައި އޭގެ ބުރަ ވެސް ސަރުކާރަށް ދޫކޮށްލައިގެންނެވެ. އިންތިހާބުތަކުގެ ވޯޓަށްޓަކައި، ސަރުކާރުން އެ ބުރަ އުފުލަން ތައްޔާރެވެ. އެކަމަކު ހަގީގަތުގައި ސަރުކާރުން ގުރުބާން އެ ކުރަނީ އެހެން ރައްޔިތުންގެ ހައްގެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ، އިތުރަށް ދަރަންޏަށް ފައިސާ ހޯދަން މި އޮތީ އުނދަގޫވެފަ އެވެ. ކުރީގެ ސަރުކާރުތަކުގެ ބޮލަށް އެކަން ކަނޑާލެވިދާނެ އެވެ. އެކަމަކު އާހިރުގައި އެ ލޯނު ދެއްކުމުގެ ޒިންމާ އެޅިފައި މި އޮތީ މި ސަރުކާރުގެ ބޮލުގަ އެވެ. އެހެންކަމުން، މަމްދާނީ ގޮތަށް، ކުރެވެން ހުރި ކަންކަމާއި ނުކުރެވޭނެ ކަންކަން ކަނޑައަޅަން އެބަ ޖެހެ އެވެ. ރައްޔިތުންނަށް އޭގެ ހަގީގަތް ބުނެދޭން ވެސް ޖެހޭތާ އެވެ.
ގަބޫލުކުރާ ބަޔަކު ގަބޫލުކުރާށެެވެ. ދިވެހި ގައުމު މިހާރު މި އޮތީ ހަރަދު ކުޑަނުކޮށް ކުރިއަށް ނުދެވޭނެ ހާލަތުގަ އެވެ. އެކަމަކު ފެންނަނީ ބޮޑެތި ފަޅުތައް ހިއްކާތަކެވެ. ރައްޔިތުންނަށް ހިލޭ ދޭ އެހީތައް ގިނަކޮށްލާ ތަނެވެ. ވަޒީފާތައް ބަހާތަނެވެ. މިއަދު ރާއްޖޭގައި އަމިއްލަ ވަޒީފާތަކަށް ވުރެ ގިނައީ ދައުލަތުން މުސާރަ ދޭ ވަޒީފާތަކެވެ. ލިބޭ އާމްދަނީން މުވައްޒަފުންނަށް މުސާރަ ނުދެވޭ ސަރުކާރު ކުންފުނިތަކަށް، އެ ފައިސާ ވެސް ސަރުކާރުން ފޯރުކޮށްދެ އެވެ.
އުފެއްދުންތެރިކަން 2 ޓްރިލިއަން ޑޮލަރަށް އަރާ ސިޓީއެއްގެ މޭޔަރަށް، އޭނާގެ ވައުދު ފުއްދަން އަމަލީ ގޮތުން ހުރި ދަތިތައް އެނގިވަޑައިގަތުމުން، 'އާނ، މިކަން އިހަށް ބާއްވާލަމާ ހިނގާށޭ' ވިދާޅުވާން ކެރިވަޑައިގަނެ އެވެ. 
ރާއްޖޭގެ ވެރިންގެ ނެތީ 'އިހަށް އަދި މަޑުކޮށްލަމާ ހިނގާށޭ' ވިދާޅުވުމުގެ ހިތްވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ