މާލެ ކައިރިން ދަތުރުކުރި މަސްދޯންޏެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ދިވެއްސަކު ވަރަށް ބޮޑަށް ފިހި އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށާއި މި ހާދިސާގައި ފިހުނު ތިން ބިދޭސީންގެ ހާލު ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކ. ދޫނިދޫ ކައިރިން 15 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ މަސްދޯންޏެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި ފަސް މީހަކު ފިހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އިއްޔެ އެމްއެންޑީއެފްއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ:
2 ދިވެހިން
3 ބިދޭސީން
ތަފްސީލް - ފުލުހުން މިއަދު ބުނި ގޮތުގައި، މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވަނީ ދެ ދިވެއްސަކަށެވެ. އެ ދެ މީހުން އިއްޔެ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައިޖީއެމްއެޗުގެ ވޯޑުގައި ފަރުވާދެމުންދާއިރު އޭނާގެ ހާލަތާ ގުޅޭ ތަފްސީލެއް ނުދެ އެވެ.
ދެން މި ހާދިސާގައި ފިހުނު ތިން ބިދޭސީންނަަށް ފަރުވާދެމުންދަނީ އޭޑީކޭގަ އެވެ. އެ މީހުންނަށް މާ ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - އިއްޔެ މެންދުރު 2:45 އެހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ 'ފްރެޝް ފްރޮމް ދަ ސީ' ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގަ އެވެ. އެ ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް އިއްޔެ ހަވީރު 4:46 ހާއިރު ދޯނި ވަނީ އަޑިއަށްގޮސްފަ އެވެ.
މަސްދޯނި އަލިފާން: ދިވެއްސަކު ވަރަށް ބޮޑަށް ފިހިފައި، 3 ބިދޭސީންގެ ހާލު ރަނގަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ