ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުށި / ރަންކޮކާގެ، ނަދީފް މުޙައްމަދު (36އ) އެވެ.
ފުލުހުން މައުލޫމާތުދޭގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓުއަމުރެއްގެ ދަށުންނެވެ.
އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. 
ފުލުހުން އިތުރަށް ބުނީ، ނަދީފް މުޙައްމަދު ހައްޔަރުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންކަމަށެވެ. 
އަދި މީނާއަކީ މިފަދަ ސްކޭމްތައް ރާވައި ހިންގުމާއި، ސްކޭމް ނެޓްވޯކްތަކުން ހޯދާ ފައިސާ އެއްކުރުމުގައި ތަކުރާރުކޮށް ބައިވެރިވަމުންދާ މީހެއްކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ. 
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 
މި މައްސަލަ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ