މާލޭ މޭޔަރު އާދަމް އާޒިމްގެ ކެމްޕޭން ބިލްބޯޑެއް، ސަރުކާރުން އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ނަގައި ހަލާކުކޮށްލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ތަފްސީލް - ލޯކަލް ކައުންސިލް އިންތިހާބަށް ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް، ބޮޑުތަކުރުފާނުމަގުގައި ހުރި އެ ބިލްބޯޑު ނެގީ، އާޒިމް ވިދާޅުވިގޮތުގައި، ފްރޭމް އިރާލައިގެންނެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ބިލްބޯޑު ހަލާކުކޮށްލީ އެމްޓީސީސީގެ މުވައްޒަފުންތަކެކެވެ.
ބުނީ ކީކޭ؟ - އާޒިމް ވިދާޅުވީ ކެމްޕޭން ޕޯސްޓަރުތައް ނެގިޔަސް، ރައްޔިތުންގެ ހިތްތަކުގައި އޭނާއަށް އޮތް ލޯތްބާއި އޭނާގެ ހިދުމަތުގެ އަގު ނުފޮހެވޭނެ ކަމަށެވެ.
"ޕޯސްޓަރުތައް ނެގިދާނެ. ރައްޔިތުންގެ ހިތުގައި އޮތް ލޯތްބެއް، ކޮށްދީފައިވާ ހިދުމަތުގެ އަގެއް ނުފިލާނެ،" އާޒިމް ވިދާޅުވި އެވެ.
ފާހަގަކުރެވޭ - ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތަށް މި ވަގުތު ތައްޔާރުވަމުންދަނީ ނަސަންދުރަ ސަރަހައްދުގަ އެވެ. އާޒިމްގެ ބިލްބޯޑު ހުރީ އެއަށް ވުރެ މާ ދުރުގައި، ބީއެމްއެލް ކުރިމަތީގަ އެވެ.
އެހާ ދުރުގައި ހުރި ބިލްބޯޑެއް ހަލާކުކޮށްލައިގެން ނެގުމުން، އެއީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި އާޒިމް ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އެކަށީގެންވާ ވަގުތު ދީގެން، ތަކެއްޗަށް ގެއްލުންނުވާނެހެން ކަންކަން ކުރެވޭނެ އިންތިޒާމެއް އޮންނަން ޖެހޭނެ ކަމަށެވެ.
އެނގުން މުހިންމު - ކައުންސިލް އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު، ސަރުކާރާ އިދިކޮޅު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތަކަށް ގެއްލުންދީ، އެތަކެތި ނަގާކަމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.
އޭގެ ތެރޭގައި އެޗުޑީސީގެ މުވައްޒަފުންތަކެއް ނުކުމެ، ހުޅުމާލޭގައި ދަމާފައިހުރި އެމްޑީޕީ ކެންޑިޑޭޓުންގެ ބެނާތަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދުގެ ޕޯސްޓަރުތައް ހަލާކުކުރުން ހިމެނެ އެވެ.
ޕޯސްޓަރު ނެގިޔަސް ރައްޔިތުންގެ ލޯތްބެއް ނުކެނޑޭނެ: އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ